ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޫތީން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އަވަސް ތަޙުޤީޤަކަށް ގޮވާލައިފި

ހޫތީން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އަވަސް ތަޙުޤީޤަކަށް ގޮވާލައިފި

ޔަމަނުގެ ދެކުނުގައިވާ ތައީޒް ސަރަޙައްދަށް ހޫތީ ހަނގުރާމަވެރިން ބައިނަލްއަޤްވާމީ ޤާނޫނުތަކުން މަނާކޮށްފައިވާ ކެމިކަލް މާއްދާތައް އެކުލެވޭ ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެކަން ކަށަވަރުކުރުމަށްޓަކައި އދ. އިސްވެ އޮވެ އަވަސް ތަޙުޤީޤެއް ހިންގައިދިނުމަށް ތައީޒުގެ މަސްއޫލުވެރިން އެދިވަޑައިގެންފިއެވެ.

ތައީޒު ގަވަރނަރޭޓް މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އަލްއަޤްރޫދާއި ކަހްލާން ފަދަ ކުރިމަތިލުންތައް ހިނގަމުންދާ ސަރަޙައްދުތަކަށް ހޫތީން ވަނީ ނުރައްކާތެރި ވިހަ ގޭސް އެކުލެވޭ ކަމަށް ޝައްކުކުރެވޭ ރޮކެޓާއި އާޓިލަރީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގެ އާންމުންނަށާއި ޕޮޕިއުލަރ ރެސިސްޓެންސްގެ ބައިވެރިންނަށް ނޭވާލާން އުނދަގޫވުމާއި ހޭނެތުން ފަދަ ނުރައްކާތެރި އަލާމާތްތައް ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރު މުޢައްމަރު އަލްއިރްޔާނީ ވަނީ އދ. އާއި އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިޔޫ) އިން މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށް ގޮވާލައްވާފައެވެ. އަދި ޑެޕިއުޓީ ފޮރިން މިނިސްޓަރު މުޞްޠަފާ ނުޢުމާން ސިފަކުރެއްވި ގޮތުގައި، މިއީ ތައީޒު އަމާންދިނުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ހޫތީން ގޮތްހުސްވެގެން ކުރާ ކަމެކެވެ.

ރިޕޯޓުތައް ބުና ގޮތުން، ހޫތީން ދަނީ ސީރިއާ، އިރާޤު އަދި ޙިޒްބުﷲގެ ނެޓްވޯކްތައް މެދުވެރިކޮށް ކެމިކަލް މާއްދާތަކާއި ފަންނީ އެހީތެރިކަން ހޯދައި، ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ފަހަކަށް އައިސް ތައީޒުގައި ހަނގުރާމަ ވަރުގަދަވެ، ހޫތީން ވަނީ އެ އަވަށުގެ ސަޕްލައި މަގުތައް ބަންދުކޮށް ޙިޞާރު ވަރުގަދަކޮށްފައެވެ. މީގެ ސަބަބުން އަށް ލައްކައަށްވުރެ ގިނަ މީހުންނަށް ކާބޯތަކެއްޗާއި، ތެލާއި ބޭހުގެ ދަތިކަން ބޮޑުވެ، ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.