ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސޫދާނަށް ވަގަށް ހަތިޔާރު ފޯރުކޮށްދިން 8 މީހަކު ޔޫއޭއީގައި އުމުރަށް ޖަލަށްލައިފި

ސޫދާނަށް ވަގަށް ހަތިޔާރު ފޯރުކޮށްދިން 8 މީހަކު ޔޫއޭއީގައި އުމުރަށް ޖަލަށްލައިފި

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސަރަހައްދު ބޭނުންކޮށްގެން ސޫދާނުގެ އަސްކަރިއްޔާއަށް ޣައިރުގާނޫނީކޮށް ހަތިޔާރާއި އަސްކަރީ އާލާތްތައް ފޯރުކޮށްދީ، މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވި އަށް މީހަކު އުމުރަށް ޖަލަށްލުމަށް އަބޫދާބީގެ ފެޑެރަލް ކޯޓް އޮފް އެޕީލްއިން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވަނީ ރަޝީދު އުމަރު އަބްދުލް ގާދިރު އަލީ، ސަލާހް އަބްދުއްﷲ މުހައްމަދު މުހައްމަދު ސާލިހް (ސަލާހް ގޯޝް)، އަހްމަދު އަބްދުއްﷲ (އަބްދުއްﷲ ޚަލަފުއްﷲ)، އަހްމަދު ރަބީއު ސައްޔިދު އަހްމަދު، މުހައްމަދު ފަތުހު އަލް ބައިކު، ޔާސިރު އަބްދުއްރަހްމާން އަލް އަޠާ، އުޘްމާން އަލް ޒުބައިރު، އަދި މާހިރު އަބްދުލް ޖަލީލްގެ މައްޗަށެވެ.

އުމުރު ދުވަހުގެ ހުކުމުގެ އިތުރުން، ޣައިރުގާނޫނީ ހަތިޔާރުގެ މުއާމަލާތްތަކާ ގުޅިގެން ރަޝީދު އުމަރު އަބްދުލް ގާދިރު އަލީ، ސަލާހް ގޯޝް، އަބްދުއްﷲ ޚަލަފުއްﷲ، މާހިރު އަބްދުލް ޖަލީލް، އުޘްމާން ބާބިކަރު، ޚާލިދު ޔޫސުފް މުޚްތާރު، އަދި އަހްމަދު ޚަލަފުއްﷲ އަބްދުއްﷲގެ މައްޗަށް ތިން އަހަރުގެ އިތުރު ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.

މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވި ކޮންމެ މީހަކު އެކެއް މިލިއަން ދިރްހަމުން ޖޫރިމަނާކޮށް، އަތުލައިގަނެވިފައިވާ ފައިސާގެ ތެރެއިން 1.545 މިލިއަން ދިރްހަމް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ހުކުމް ތަންފީޒުކޮށް ނިމުމުން އެ އެންމެން ޔޫއޭއީއިން ދޫކޮށް އަރުވާލުމަށާއި، ކުށް ކުރުމަށް ބޭނުންކުރި އުންޑަތަކާއި މޮބައިލް ފޯނުތަކާއި މުވާސަލާތީ ވަސީލަތްތައް ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ.

މަނީ ލޯންޑަރކުރުމުގެ ކުށުގައި ހަ ކުންފުންޏެއްގެ މައްޗަށްވެސް ކޮންމެ ކުންފުންޏަކަށް އެކެއް މިލިއަން ދިރްހަމުގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. އެ ކުންފުނިތަކަކީ ރަޝީދު އުމަރު ބްރޯކްރޭޖް ކޮމްޕެނީ، ޕޯޓެކްސް ޓްރޭޑް ލިމިޓެޑް، އަޕޯލާރާ އިލެކްޓްރޯނިކްސް ޓްރޭޑިންގ ކޮމްޕެނީ، ފޮލޯ ސޭންޑް ޓްރޭޑިންގ ކޮމްޕެނީ، ވަރްދަތު އަލް މަސްރާ ޓްރޭޑިންގ ކޮމްޕެނީ، އަދި ސުދާމިނާ ފްރީ ޒޯންއެވެ. މީގެ އިތުރުން މި ކުންފުނިތަކުގެ ލައިސަންސްތަކާއި ރަޖިސްޓްރީތައް ބާޠިލްކޮށް، މަނީ ލޯންޑަރކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާ ދައުލަތަށް ނެގުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ދައުވާ އުފުލި މުބާރަކް އަލީ އަލް ޝެއިޚް އަދި މުސްއަބް އަވާދު އަލް ކަރީމް ހަސަންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި، އެ ދެ މީހުން ވަނީ މިނިވަންކޮށްފައެވެ.

ތަހުގީގުން ހާމަވި ގޮތުގައި، ކުށް ސާބިތުވި ފަރާތްތަކުން ވަނީ ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ނެތި ހަތިޔާރާއި އުންޑައާއި އަސްކަރީ އާލާތްތަކުގެ ވިޔަފާރިކޮށްފައެވެ. އެގޮތުން "ގޯރިއުނޯވް" ބާވަތުގެ އުންޑަތައް ސިއްރުން ޔޫއޭއީއަށް އެތެރެކުރުމަށްފަހު، އެ ތަކެއްޗަކީ މެޑިކަލް ސާމާނުކަމަށް ބުނެ އޮޅުވާލައިގެން ވައިގެ މަގުން ސޫދާނުގެ ޕޯޓް ސޫދާނަށް ފޮނުވުމަށް ވަނީ މަސައްކަތްކޮށްފައެވެ.

މި ހަތިޔާރުގެ މުއާމަލާތްތަކަށް ފައިސާ ދައްކާފައިވަނީ ޔޫއޭއީގެ ތެރޭގައި ބޭންކް ޓްރާންސްފަރތަކާއި ނަގުދު ފައިސާ ބޭނުންކޮށްގެންނެވެ. މުޅި މި ވިއުގަ ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ރަޝީދު އުމަރު ވަނީ އޭނާގެ ކުންފުނި މެދުވެރިކޮށް ސޫދާން ސިޕާހުންނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ކަންކަން މުއާމަލާތްކޮށް، މާހިރު އަބްދުލް ޖަލީލްގެ އަތުން 8 މިލިއަނެއްހާ ދިރްހަމް ނަގުދު ފައިސާއިން ހޯދާފައެވެ.

މި މައްސަލައިގައި ހިމެނޭ ސޫދާނުގެ އަސްކަރިއްޔާގެ އިސް ވެރިއެއްކަމަށްވާ ޔާސިރު އަލް އަޠާ (ސޫދާނުގެ އަސްކަރީ ކޮމާންޑަރުގެ އެހީތެރިޔާ) ވަނީ ހަތިޔާރު ގަތުމަށް އެދި، މައިގަނޑު މުއާމަލާތް ހިންގީ ޔޫއޭއީގައިކަން އެނގިހުރެ، މަތިންދާބޯޓު ޕޯޓް ސޫދާން އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ ހޯދައިދީފައެވެ. އަދި ސޫދާން ސިޕާހުންގެ މާލީ މަސްއޫލުވެރިޔާ އުޘްމާން އަލް ޒުބައިރު ވަނީ "ހަވާލާ ދާރް" ސިސްޓަމް މެދުވެރިކޮށް މާހިރު އަބްދުލް ޖަލީލަށް ފައިސާ ފޮނުވައި، ހަތިޔާރުގެ އަގު އަދާކޮށްފައެވެ.

މީގެ އިތުރުން ސޫދާނުގެ އިންޓެލިޖެންސް ހިދުމަތުގެ ކުރީގެ ވެރިޔާ ސަލާހް ގޯޝްގެ އޮފީހުގެ ކުރީގެ ޑިރެކްޓަރު ޚާލިދު ޔޫސުފް މުޚްތާރު ވަނީ މި މުއާމަލާތުން ސަލާހް ގޯޝްއަށް ކަނޑައެޅުނު ކޮމިޝަން ފައިސާ ހޯދާފައެވެ. އަދި އަހްމަދު ރަބީއު ވަނީ ސޫދާނުގެ އަސްކަރީ ލީޑަރުންގެ ހުއްދަ ހޯދައިދިނުމަށް މެދުވެރިއެއްގެ ބައި އަދާކޮށް، ދެވަނަ މުއާމަލާތުގެ ނިންމުންތައް ރަޝީދު އުމަރަށް އަންގައި، މާލީ ފައިދާ ހޯދާފައެވެ.

ސޫދާނުގެ ފިނޭންސް މިނިސްޓަރުގެ ކުރީގެ މުޝީރު މުހައްމަދު ފަތުހު އަލް ބައިކު ވަނީ ރަޝީދު އުމަރުގެ ކުންފުންޏަކީ ހަތިޔާރުގެ ވިޔަފާރިކުރާ ކުންފުންޏަކަށް ނުވިނަމަވެސް، ސޫދާން ސިޕާހުންނަށް ތަކެތި ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ބަލައިގަތުމަށް މަގުފަހިކޮށްދީ 146,000 ދިރްހަމް ހޯދާފައެވެ. އަދި އަބްދުއްﷲ ޚަލަފުއްﷲ އާއި އޭނާގެ ބޭބެ އަހްމަދު ޚަލަފުއްﷲ ވަނީ މި މުއާމަލާތުގައި ބައިވެރިވެ، 1.85 މިލިއަން ދިރްހަމް ހޯދާފައެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލް ހަމަދު ސައިފް އަލް ޝާމްސީގެ އެންގެވުމަށް ކުރެވުނު ތަހުގީގަށްފަހު މައްސަލަ ޝަރީއަތަށް ފޮނުވާފައިވާއިރު، ކޯޓުން ފާހަގަކުރި ގޮތުގައި ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެއްފަރާތަކަށް ވާގިވެރިވުމަށް ޔޫއޭއީގެ މާލީ ނިޒާމާއި ސަރަހައްދު ބޭނުންކޮށްގެން ހިންގި މި އަމަލަކީ ބައިނަލްއަގުވާމީ ގުޅުންތަކަށާއި ޔޫއޭއީގެ މަސްލަހަތަށް ނުރައްކާވި ކަމެކެވެ. ސޫދާނުގައި 2023 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސޫދާން ސިޕާހުންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އާ ދެމެދު ހަނގުރާމަ ހިނގަމުންދާއިރު، މި ނިންމުމަކީ ޣައިރުގާނޫނީ ހަތިޔާރުގެ މުއާމަލާތްތަކާ ދެކޮޅަށް ޔޫއޭއީއިން އެޅި ހަރުކަށި ފިޔަވަޅެކެވެ.