އެމެރިކާގެ ބްލޮކޭޑަށް ގޮންޖަހައި އީރާނުން ސިއްރުން ހަތިޔާރު އެތެރެކުރަނީ
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ބަންދަށް ގޮންޖަހައި، އީރާނުން 5,000 އަށްވުރެ ގިނަ ސިއްރު މިލިޓަރީ އެޖެންސީގެ ނެޓްވޯކެއް މެދުވެރިކޮށް 2 ބިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ ހަތިޔާރާއި، ގޮވާތަކެއްޗާއި، އަސްކަރީ ޓްރަކްތައް އެތެރެކުރަމުންދާކަން ރޮއިޓާސްއިން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.
މި ސިއްރު އެޖެންސީތައް ހިންގަނީ އީރާނުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އާމްޑް ފޯސަސް ލޮޖިސްޓިކްސް (MODAFL) ގެ ތެރެއިން "MOD" ނުވަތަ ފާރިސީ ބަހުން "VODJA" ޖެހުމަށްފަހު ފަސް ނުވަތަ ހަ ނަންބަރު ހިމެނޭ ކޯޑުތަކެއް ބޭނުންކޮށްގެންނެވެ. މި ހުރިހާ އެޖެންސީތަކެއް ރަޖިސްޓްރީކޮށްފައިވަނީ ތެހެރާންގައި ހުންނަ ދިފާއީ މިނިސްޓްރީގެ އެއް އެޑްރެހެއްގައެވެ. އަދި އީރާނުގެ އިސްލާމީ އިންގިލާބު އައި 1979 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އުފެއްދި ތަންތަނުގެ ގޮތުގައި ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން ގިނަ އެޖެންސީތަކެއް އަސްލު އުފައްދާފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަވި 2013 ވަނަ އަހަރުގެ ތެރޭގައެވެ.
މި ނެޓްވޯކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް އެޖެންސީ ކަމަށްވާ "MOD 346428" އިން އެކަނިވެސް 2025 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2.3 ބިލިއަން ޑޮލަރުގެ މިލިޓަރީ ސާމާނު އެތެރެކޮށްފައިވެއެވެ. އޭގެ ތެރޭގައި ރޮކެޓް ފިއުލް ހެދުމަށް ބޭނުންކުރާ ކެމިކަލްތަކާއި، ގޮވާތަކެއްޗާއި، އޭރޯސްޕޭސް ބައިތަކުގެ އިތުރުން މިސައިލް ލޯންޗަރުގެ ގޮތުގައި ބޭނުންކުރެވޭ އިޓަލީގެ 'އައިވެކޯ' ބްރޭންޑްގެ 435 ބަރު ޓްރަކާއި ހާހަކަށްވުރެ ގިނަ ލޮޔޯޓާ ލޭންޑް ކްރޫޒަރު ޕިކަޕް ހިމެނެއެވެ. އަދި 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދަރު އަައްބާސް ބަނދަރުގައި ހިނގި ބޮޑު ގޮވުމުގެ ކުރިން، އެ އެޖެންސީން ވަނީ ރޮކެޓް ސޮލިޑް ފިއުލް ހަދަން ބޭނުންކުރާ 886 ކިލޯގެ ކެމިކަލް އެ ބަނދަރަށް އެތެރެކޮށްފައެވެ.
Ads by BMLމި އެޖެންސީތަކުން މުދާ ގަންނައިރު ބޭރު ގައުމުތަކުގެ ބޭންކުތަކަށް ސީދާ ފައިސާ ފޮނުވުމުގެ ބަދަލުގައި، 97 އިންސައްތަ މުއާމަލާތް ނިންމާފައިވަނީ ސީދާ ފައިސާގެ ޓްރާންސްފާއަކާ ނުލައި "ވިތައުޓް ކަރަންސީ ޓްރާންސްފާ" އުސޫލުންނެވެ. އެއީ ގަވާއިދާ ހިލާފަށް ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ބޭރު ގައުމުތަކުގައި ތިބޭ "ޓްރަސްޓީން" ނުވަތަ އޭޖެންޓުންގެ އެކައުންޓްތަކުގައި ބަހައްޓައިގެން، އެ ފައިސާއިން ސީދާ މުދަލަށް ހަރަދުކޮށްގެންނެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި ބޮންޔާޑްތަކާ ގުޅުންހުރި މި 5,000 އެޖެންސީގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ހުޅަނގުގެ ގައުމުތަކުން އަދި މިހާތަނަށް ސީދާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެއް ނުވެއެވެ. މި ނެޓްވޯކް ފުރަތަމަ ހޯދާފައިވަނީ "240 އެނަލިޓިކްސް" ގެ އިގްތިސާދީ މާހިރު ނޯމް ބިންސްޓޮކް، އީރާނުގެ ބޭންކް ސެޕާހްގެ ޑޭޓާތަކެއް 'ކޯޑްބްރޭކާސް' ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުން ހެކްކޮށް 'ވިކީއީރާން' ވެބްސައިޓުގައި އާންމުކުރުމާ ގުޅިގެންނެވެ.
އީރާނަށް މި ތަކެތި އެތެރެކޮށްފައިވަނީ ކެސްޕިއަން ކަނޑު މަގުން ރަޝިޔާއިންނާއި، މެދުތެރޭ އޭޝިއާގެ ގައުމުތަކުން މަގުމަތީގެ މަގުންނާއި، ޗައިނާއިން ވައިގެ މަގުން އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) މަގުން ކަނޑުމަގުންނެވެ. ހަމައެހެންމެ، 2026 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގައިވެސް ޔޫއޭއީ މަގުންނާއި ރަޝިޔާއިން 1.9 މިލިއަން ޑޮލަރުގެ ޑެޓޮނޭޓަރުތަކާއި އަސްކަރީ ސާމާނު އީރާނަށް އެތެރެކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކައެވެ. މީގެ އިތުރުން، ޑްރޯން އަދި މިސައިލް އުފެއްދުމަށް ބޭނުންކުރާ އިލެކްޓްރޯން-ބީމް ފާނޭސްތަކާއި، ޕާޓިކަލް އެކްސެލެރޭޓަރުތަކާއި، ކޮމްޕިއުޓަރުން ކޮންޓްރޯލްކުރާ ލޭތު މެޝިންތައްވެސް އެތެރެކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެފައިވަނީ އީރާނުގެ އިގްތިސާދީ ވަސީލަތްތައް ބަންދުކޮށްފައިވާ ކަމަށާއި، އީރާނުން ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން މަސައްކަތްކުރި ނަމަވެސް އެމެރިކާ އޮތީ 10 ފިޔަވަޅު ކުރީގައި ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޗައިނާ އާއި ރަޝިޔާއިން އީރާނުގެ ހަނގުރާމައަށް އެހީތެރިވަމުންދާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް ޗައިނާގެ ހާރިޖީ މިނިސްޓްރީން ވަނީ ސަރަހައްދީ ހަމަނުޖެހުންތައް ޗައިނާއާ ގުޅުވުމާ ދެކޮޅަށް ވާހަކައްދައްކާފައެވެ.
Ads by MACL
