ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި އޮފިސަރުގެ މަރުގެ ފަހަތުގައި ސިއްރުތަކެއް؟

ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި އޮފިސަރުގެ މަރުގެ ފަހަތުގައި ސިއްރުތަކެއް؟

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ވެއްޓުމާއެކު، އެކަމަނާ އަސްކަރީ ހެލިކޮޕްޓަރެއްގައި ޤައުމު ދޫކުރައްވައި ފިއްލެވި މަންޒަރު ފެންނަ ވީޑިއޯ އާންމުކުރި ކަމަށް ބެލެވޭ އެއާފޯސްގެ ކުރީގެ އޮފިސަރު ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނުމާއެކު، އޭނާގެ މަރުގެ ފަހަތުގައި ބޮޑެތި ސިއްރުތަކެއް ވާކަމަށް އާއިލާއިން ތުހުމަތުކުރަން ފަށައިފިއެވެ.

އުމުރުން 28 އަހަރުގެ ތަޙްސީފް ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު، ވެރިރަށް ޑާކާގެ އުއްތަރުޚާން ސަރަޙައްދުގައި އޮންނަ ތުރާގް ކޯރުގެ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ ކާކުކަން ދެނެގަނެވުނީ އަތުގައި އޮތް ގަޑިއާއި ޖީބުގައި އޮތް އައިފޯނުގެ އެހީގައެވެ.

އާއިލާއިން މަޢުލޫމާތު ދޭ ގޮތުގައި ތަޙްސީފް ގެއްލުނީ މަންމައާއެކު ބާޒާރުކުރަން އުޅުމަށްފަހު، ރަޙުމަތްތެރިއަކު ގުޅައިގެން ބޭރަށް ދިޔަ ފަހުންނެވެ. އެއަށްފަހު ދަންވަރު ގެއަށް އަންނާނެ ކަމަށް މެސެޖުކުރުމަށްފަހު، އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާގެ ބައްޕަ އެނާޔަތުލް ކަރީމް ވިދާޅުވީ، ދަރިފުޅު މަރުވެފައި އޮއްވާ ފެނުނު ސަރަޙައްދަށް އޭނާ ދާންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އާއިލާއިން ބުނަނީ ތަޙްސީފް މަރާލީ ޙަސީނާ ފިއްލެވި މަންޒަރު އާންމުކުރުމާ ގުޅިގެން ކަމަށެވެ. އެ ވީޑިއޯގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލި، ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިލާންޖެހުނު ކަމަށް އާއިލާއިން ފާހަގަކުރެއެވެ. މީގެ އިތުރުން އިންޑިއާގެ ޖާސޫސީ އިދާރާއަށް މަސައްކަތްކުރާ މީހެއް ކަމަށް ބުނެ ނޫހަކުން ފެތުރި ޚަބަރަކާ ގުޅިގެން، އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށްގެންދާއިރު، ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޝަހީދު ސުހްރަވަރްދީ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވުމުގެ މަދު މަސްތަކެއް ކުރިން ޕޮޑްކާސްޓެއްގައި ގައުމަށްޓަކައި ގުރުބާންވުމަކީ ފަޚުރެއް ކަމަށް ބުނެފައިވާ ތަޙްސީފްގެ މަރާއެކު، ބަންގްލަދޭޝްގައި އާންމުންގެ ރައްކާތެރިކަމާމެދު އަނެއްކާވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.