އިސްރާއީލުގެ އާ ސަރުކާރާއެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޢައްބާސް އުންމީދުކުރައްވަނީ
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް، އިސްރާއީލުގައި އަލަށް އެކުލަވާލެވޭ ސަރުކާރާއެކު ސުލްޙައިގެ މަޝްވަރާތައް އަލުން ފެށިގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ސައިޕްރަސްގެ ނިކޯސިއާގައި އެޤައުމުގެ ރައީސް ނިކޯސް ކްރިސްޓޯޑޫލިޑީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ޢައްބާސް ވިދާޅުވީ، އިސްރާއީލާއި ފަލަސްޠީނާ ދެމެދު ސުލްޙައާއި ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި، އިސްރާއީލާއެކު ސުލްޙަ ޤާއިމުކުރުމަށް އެތައް އަހަރެއް ވަންދެން ފަލަސްޠީނުން އައީ އެއްބާރުލުން ދެމުން ކަމަށެވެ. އަދި އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވާލެވުމާއެކު، ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް އަލުން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުގެ އިންތިޚާބުގެ ގިނަ ވޯޓުތައް ގުނައި ނިމިފައިވާއިރު، ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބްލޮކަށް ނުވަތަ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިސެންކޮޓް އިސްކޮށް ހުންނެވި އިދިކޮޅު ބްލޮކަށްވެސް ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭގޮތެއް ނުވިއެވެ. މި ނަތީޖާގެ ސަބަބުން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތަށް ގިނަ ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
Ads by BMLދުނިޔޭގެ ގިނަ ޤައުމުތަކަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަމުންދިޔަ ނަމަވެސް، އިސްރާއީލާއި ފަލަސްޠީނާ ދެމެދު ބޭއްވޭ ސުލްޙައިގެ މަޝްވަރާތައް އޮތީ މެދުކެނޑިފައެވެ.
ނަތަންޔާހޫގެ ވެރިކަމުގައި، ފަލަސްޠީނުގެ އޮތޯރިޓީގެ މަހްދޫދު ހިންގުން އޮންނަ ހުޅަނގު ކަރައިގައި އިސްރާއީލުން ޣައިރުޤާނޫނީ އާބާދީތައް ފުޅާކުރުމާއި ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ނަތަންޔާހޫގެ ހަރުކަށި ކޯލިޝަންގެ ވަޒީރުން ވަނީ ހުޅަނގު ކަރައަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ފާޅުގައި ގޮވާލައި، ހުޅަނގު ކަރައާއި ހަނގުރާމައިގައި ސިޓީތައް ސުންނާފަތިވެފައިވާ ޣައްޒާއިން ފަލަސްޠީނު މީހުން ނެރެލުމަށް ބާރުއަޅާ ސިޔާސަތުތަކަށް ތާއީދުކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ޙަމަލާއަށްފަހު، ނަތަންޔާހޫގެ އިސްނެގުމަށް އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި ޙަމަލާތަކެއްދީ އެ ސަރަޙައްދުގެ ބޮޑުބައެއް ސުންނާފަތިކޮށްލާފައެވެ.
1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހުޅަނގު ކަރަ ހިފާފައިވާއިރު، ތިން މިލިއަނެއްހާ ފަލަސްޠީނު މީހުން ދިރިއުޅޭ އެ ސަރަޙައްދުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް 500,000 އަށްވުރެ ގިނަ އިސްރާއީލު މީހުން އަންނަނީ ވަޒަންވެރިވެގެން ދިރިއުޅެމުންނެވެ.
Ads by MACL
