ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސާރާ އަލީ ޚާން ކެދާރްނާތު ފައްޅިއަށް ޒިޔާރަތްކުރުމުން ދީނީ ފަތުވާއެއް ނެރެފި

ބޮލީވުޑް މަޝްހޫރު ފިލްމތީ ތަރި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން (ވ) ---
ބޮލީވުޑް މަޝްހޫރު ފިލްމތީ ތަރި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން (ވ) ---

ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ޚާން އިންޑިއާގެ އުއްތަރާކަންޑްގައި ހުންނަ ކެދާރްނާތު ފައްޅިއަށް ކުރި ޒިޔާރަތާ ގުޅިގެން ދީނީ ބޮޑު ބަހުސެއް އުފެދި، އޭނާގެ މައްޗަށް ދީނީ ފަތުވާއެއް ނެރެފިއެވެ.

އިންޑިއާގެ ބަރޭލީއަށް ނިސްބަތްވާ ދީނީ ޢިލްމުވެރިޔާ އަދި އޯލް އިންޑިއާ މުސްލިމް ޖަމާޢަތުގެ ރައީސް މައުލާނާ މުފްތީ ޝަހާބުއްދީން ރަޒްވީ ބަރޭލްވީ ނެރުއްވި މި ފަތުވާގައި، ސާރާ ކެދާރްނާތު ފައްޅިއަށް ގޮސް އަޅުކަންކޮށް ހެދުމަކީ އިސްލާމީ ޝަރީޢަތުގައި "ނާޖާއިޒު" އަދި "ޙަރާމް" ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އަދި އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ ޚިލާފުވެވިފައިވާތީ، ﷲގެ ޙަޟުރަތުގައި ތައުބާވުމަށް އޭނާއަށް ވަނީ އިލްތިމާސްކޮށްފައެވެ.

މައުލާނާ ޝަހާބުއްދީން ރަޒްވީ ވިދާޅުވީ، ސާރާ އަލީ ޚާން ކެދާރްނާތު ފައްޅިއަށް ގޮސް އަޅުކަން ކުރަމުންދާތީ، އެކަމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެއްތޯ އޮޅުންފިލުވުމަށް ގިނަ އަދަދެއްގެ މުސްލިމް ޒުވާނުން އޭނާގެ އަރިހުން އެދެމުންދާ ކަމަށެވެ. މުސްލިމް އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް، އެހެން ދީންތަކުގެ އަޅުކަންތަކުގައި ބައިވެރިވެ، ދުޢާކޮށް، ދީނީ ރަސްމިއްޔާތުތައް ހިންގުމަކީ އިސްލާމީ ޝަރީޢަތުގައި އެއްވެސް މިންވަރަކަށް ހުއްދަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ސާރާ އަމިއްލަ އިޚުތިޔާރުގައި ކެދާރްނާތަށް ގޮސް ދުޢާކޮށް ބަރަކާތް ހޯދުމުގެ އަޅުކަންތައް ކޮށްފައިވާނަމަ، އެ ކުރެވުނީ ފާފައެއް ކަމަށާއި އެއީ ޙަރާމް ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތަޢާރަފްވީ 2018 ވަނަ އަހަރު ރިލީޒްކުރި "ކެދާރްނާތު" ފިލްމުންނެވެ. އެ ފިލްމުގައި އޭނާއާއެކު އުޅުނީ މަރުވެފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތެވެ. އެ ފިލްމަށްފަހު، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސާރާ ވަނީ ގަވާއިދުން ހިމާލަޔާ ސަރަޙައްދުގައިވާ އެ ފައްޅިއަށް ޒިޔާރަތްކޮށް، އެތަނުން ނަފްސާނީ ހަމަޖެހުން ލިބޭކަން ހާމަކޮށް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ސާރާގެ މި ޒިޔާރަތްތަކާ ގުޅިގެން އާންމުންގެ ބަހުސްތަކާއި ފާޑުކިޔުންތައް އަމާޒުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރު އޭނާގެ ފުރަތަމަ ފިލްމު "ކެދާރްނާތު" ރިލީޒްވި ދުވަސްވަރު ހިންދޫ ރައިޓް-ވިންގް ޖަމާޢަތްތަކުން ފިލްމުގެ ވާހަކައާ ގުޅިގެން އިހުތިޖާޖު ކުރިއިރު، މުސްލިމް ދީނީ ކަންކަމުގައި ހައްދުފަހަނައެޅި އުސޫލުތައް ގެންގުޅޭ ފަރާތްތަކުން ވަނީ ތަފާތު ދީންތަކުގެ އަޅުކަންތަކުގައި އޭނާ ބައިވެރިވާތީ ސޯޝަލް މީޑިއާގައި މީގެ ކުރިންވެސް ފާޑުކިޔާފައެވެ. ޚަބަރުތައް ބުނާގޮތުން، އެންމެ ފަހުން ކުރި ޒިޔާރަތުގައި ސާރާ ވަނީ މައި ފައްޅީގެ އިތުރުން އެތަނާ ކައިރީގައިވާ ބުކުންތު ބައިރަވް ފައްޅީގައި ބޭއްވި ދީނީ ރަސްމިއްޔާތުތަކުގައި ބައިވެރިވެފައެވެ.

ސާރާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ އާޔުޝްމާން ކުރާނާއާއެކު ކުޅެފައިވާ "އުޑްތާ ތީރު" ފިލްމުންނެވެ. ޓްރޭޑް އެނަލިސްޓް ތަރަން އަދާރުޝް ހާމަކުރި ގޮތުގައި، މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެކަނިވެސް 4 މިލިއަން ރުޕީސްއަށްވުރެ ގިނައިން ވަނީ ލިބިފައެވެ.

އާކާޝް އޭ ކޯޝިކްގެ ފުރަތަމަ ޑައިރެކްޝަންގެ ދަށުން އުފެއްދި "އުޑްތާ ތީރު" އަކީ ސްޕައި-ކޮމެޑީ ފިލްމެކެވެ. އާޔުޝްމާން ކުރާނާ އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެންނަ މި ފިލްމުގެ އެންސެމްބަލް ކާސްޓްގައި ރާހުލް ބޯސް، ރާމް ކަޕޫރު، ސުހޭލް ނައްޔާރު، ގުލްޝަން ގްރޯވަރު، މުކުލް ދޭވް، ރަގުބީރު ޔާދަވް، ބްރިޖެންދުރަ ކާލާ، ސަންދީޕް އާނަންދު، ސުޕްރިޔާ ޕިލްގާއޮންކަރު އަދި ސްމިތާ ތާމްބޭ ހިމެނެއެވެ.