ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނު ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ---
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ---

އީރާނާއެކު ކުރަމުންދާ ހަނގުރާމަ އަވަސް މުއްދަތެއްގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނޮވެމްބަރު 3 ގައި ބާއްވާ އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގެ ކުރިން ވާހަކަދައްކަމުން ޓްރަމްޕް މިހެން ބުނި ނަމަވެސް، އެ ހަނގުރާމަ ނިމުމަކަށް އަންނާނީ ކޮން ގޮތަކަށް ކަމެއް އޭނާ ސާފެއް ނުކޮށްދެއެވެ.

ކާންސަސް ސިޓީގެ ކޭސީއެމްއޯ ރޭޑިއޯ ސްޓޭޝަނަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އީރާނުގެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އެމެރިކާއިން ބޭނުންވަނީ އީރާނުން އެއްއިރަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފެއްދިޔަނުދިނުމުގެ ކަށަވަރުކަން ހޯދުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނަށް އެމެރިކާއިން އަސްކަރީ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދީފައިވެއެވެ. އިންތިޚާބަށް ކުޑަތަންވެފައިވާއިރު، މި މައްސަލައިގައި އަސްކަރީ ފިޔަވަޅެއް އެޅުމަށްވުރެ ސިޔާސީ ގޮތުން މަސްރަހު ފިނިކުރުމަށް އެމެރިކާއިން އިސްކަންދޭކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ.

މީގެ ކުރިންވެސް ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ނުވަތަ އަސްކަރީ ހަމަލާތަކެއް ދޭންޖެހިދާނެ ކަމަށް ބުނެފައެވެ. އެމެރިކާއިން ވަނީ މެދުއިރުމައްޗަށް 9،000 އެއްހާ މެރިންސްއާއި ހަނގުރާމާމަތީ މަތިންދާބޯޓު އުފުލާ މާކަނޑުގެ އުޅަނދުފަހަރު ފޮނުވައި، އަސްކަރީ ބާރު ގަދަކޮށްފައެވެ.

ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުންދާއިރު، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި ހުރުމުޒު ކަނޑުއޮޅީގެ ނޭވިގޭޝަނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.