ސައޫދީގެ ހަމަލާތަކެއްގައި ޔަމަނުން މައަކާއި 4 ދަރިން މަރުވެއްޖެ
ޔަމަނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ސައޫދީ އަރަބިއްޔާގެ ޖެޓްތަކުން ދިން ހަމަލާއެއްގައި މައަކާއި އޭނާގެ ހަތަރު ދަރިން މަރުވެއްޖެއެވެ.
އަންސާރުﷲ ގެ އަލް-މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްބިއުލަންސްތަކާއި ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނިކޮށް، ސައޫދީ ޖެޓްތަކުން އަލުން އެ ސަރަހައްދަށް ހަމަލާދީ ރެސްކިއު ޓީމުތަކަށް ހުރަސްއެޅުމުގެ ސަބަބުން މަރުވި މީހުންގެ ހަށިގަނޑުތައް ނެގުނީ ގިނަ އިރުތަކެއް ފަހުންނެވެ.
ޔަމަނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސައޫދީން ދިން ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި މުޅި ޔަމަނުން ޖުމްލަ 14 މީހުން މަރުވެ، 15 މީހުން ވަނީ ޒަޚަމްވެފައެވެ.
Ads by BMLމި ހަމަލާތަކުގެ ތެރޭގައި ތާއިޒްގެ ހައިފާން ދާއިރާއަށް ދިން ހަމަލާއެއްގައި ކުޑައަންހެން ކުއްޖަކު މަރުވެ، އޭނާގެ މަންމައާއި އުއްތަރި ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން މަޤުބަނާގެ ޓެލެކޮމް ނެޓްވޯކަކަށް ހަމަލާދީފައިވާއިރު، ސާދާ ޕްރޮވިންސަށް ދިން ހަމަލާތަކުގައި އެކަކު މަރުވެ ފަސް މީހުން ވަނީ ޒަޚަމްވެފައެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އެފްރިކާގެ ތިން މުހާޖިރުންވެސް ހިމެނެއެވެ.
އަންސާރުﷲ ގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވި ގޮތުގައި ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި އެކަނިވެސް ކޯލިޝަނުން ވަނީ ވައިގެ މަގުންނާއި މިސައިލް ބޭނުންކޮށްގެން 93 ހަމަލާއެއް ދީފައެވެ. އަދި ފާއިތުވި ޖޫލައި މަހު ފެށުނު ހަމަނުޖެހުންތަކަށްފަހު މިހާތަނަށް ދިން ޖުމްލަ ހަމަލާތަކުގެ އަދަދު ވަނީ 3,689 އަށް އަރާފައެވެ.
Ads by MACL
