ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުގެ މަޝްވަރާތަކާއެކު ދުނިޔޭގެ ތެލުގެ އަގު ދަށަށް

އީރާނުގެ މަޝްވަރާތަކާއެކު ދުނިޔޭގެ ތެލުގެ އަގު ދަށަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އީރާނާއި ގަތަރުގެ މަސްއޫލުވެރިންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 1 އިންސައްތައަށްވުރެ ދަށަށް ގޮސްފިއެވެ.

މި ބަދަލާއެކު ދުނިޔޭގެ ތެލުގެ މައިގަނޑު ބެންޗްމާކް ކަމަށްވާ ބްރެންޓް ކުރޫޑުގެ އަގު ވަނީ 1.4 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިޔުޓީއައި) ކުރޫޑުގެ އަގު ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ.

މި އަގުތައް ދަށަށް ގޮސްފައިވަނީ ގަތަރުގެ ދޯހާގައި އީރާނާއި ގަތަރުގެ އޮފިޝަލުންގެ މެދުގައި ޖެހިޖެހިގެން ތިންވަނަ ދުވަހަށް ކުރިއަށްދިޔަ މަޝްވަރާތަކަށްފަހުއެވެ. މި މަޝްވަރާތަކަކީ ސަރަހައްދީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދައި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގުސަދުގައި ކުރިއަށްދާ މަޝްވަރާތަކެކެވެ.

ކޭސީއެމް ޓްރޭޑްގެ ޗީފް މާކެޓް އެނަލިސްޓް ޓިމް ޓަރަރ ބުނި ގޮތުގައި، ޚާރިޖީ ގޮތުން ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދާއި، ބަންދު ދުވަސްވަރު އަސްކަރީ ބޮޑު ކުރިމަތިލުމެއް ހިނގާފައި ނުވުމަކީ ވަގުތުން ވަގުތަށް ތެލުގެ އަގަށް އައިސްފައިވާ ހޫނުކަން ކުޑަވެގެންދިޔަ މައިގަނޑު ސަބަބެވެ.

ނަމަވެސް، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު މި ސަރަހައްދުގައި އަލުން ހަނގުރާމަ ވަރުގަދަވެ، ތެލުގެ އަގު އަލުން މަތިވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން މާކެޓް އޮތީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.

މި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވީ ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ޓްރަމްޕަށް ބާރުއަޅަމުންނެވެ.

މީގެއިތުރުން ހޫތީން ސައޫދީ އަރަބިއްޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދެމުންދާ ހަމަލާތަކާއި ހޯރމުޒް ކަނޑުއޮޅީގައި ތެޔޮ އުފުލާ އުޅަނދުފަހަރަށް ކުރިމަތިވަމުންދާ ނުރައްކާތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައިފާނެ ކަމުގެ ކަންބޮޑުވުން އަދިވެސް މާކެޓުގައި އެބައޮތެވެ.