ދުނިޔޭގެ އެންމެ ފިނި ކަމުގެ އާ ރެކޯޑެއް ޗައިނާގެ ސްޕޭސް ސްޓޭޝަނުން ގާއިމުކޮށްފި
ޗައިނާގެ ސައިންސްވެރިންގެ ޓީމަކުން އެ ގައުމުގެ "ތިއަންގޮންގް" ސްޕޭސް ސްޓޭޝަނުގައި ކުރިއަށްގެންދިޔަ ސައިންޓިފިކް ތަޖުރިބާއެއްގައި، ކާއިނާތުގައި މިހާތަނަށް އިންސާނަކު އުފެއްދި އެންމެ ފިނިހޫނުމިން ރެކޯޑުކޮށް، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ޗައިނީޒް އެކެޑެމީ އޮފް ސައިންސަސް (ސީއޭއެސް) އިން އިއުލާންކުރި މި ތާރީޚީ ކާމިޔާބީގެ ތަފްސީލުތައް ސައިންސް ޖަރނަލް "ސައިންސް" ގައި ވަނީ ޝާއިއުކޮށްފައެވެ.
މި ތަޖުރިބާގެ ތެރެއިން ސައިންސްވެރިން ވަނީ ރޫބިޑިއަމް-87 އެޓަމްތަކުގެ ކްލައުޑެއް ފިނިކޮށް، އެއެޓަމްތަކުގެ ފިނިހޫނުމިން 9.7 ޕިކޯކެލްވިން (އެބަހީ އެބްސޮލިއުޓް ޒީރޯ ނުވަތަ ސައިންސްގެ ގޮތުން އެންމެ ފިނިވެވޭނެ އެންމެ ތިރީ މިންވަރަށްވުރެ ކިރިޔާ މަތީ މިންވަރަކަށް) ދަށްކޮށްފައެވެ. މިއީ މީގެ ކުރިން 2021 ވަނަ އަހަރު ޖަރުމަނުގެ ޓީމަކުން ގާއިމުކޮށްފައިވާ 38 ޕިކޯކެލްވިންގެ ރެކޯޑަށްވުރެ މާ ފިނި، އަދި އެބްސޮލިއުޓް ޒީރޯއާ އެންމެ ގާތްކުރި މިންވަރެވެ.
Ads by BMLޗައިނާގެ ސްޕޭސް ސްޓޭޝަންގެ މެންގްތިއަން މޮޑިއުލްގައި ހުރި އުލްޓްރާ-ކޯލްޑް އެޓަމް ފިޒިކްސް ރެކް (ސީއޭޕީއާރު) ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި އެކްސްޕެރިމެންޓުގައި، އެޓަމްތައް 7 ސެކަންޑު ވަންދެން އެއްވެސް ބަދަލެއް ނުވެ ސާބިތުކަންމަތީ ބެހެއްޓުމަށް ސައިންސްވެރިންނަށް ކާމިޔާބުވިއެވެ. ބިމުގެ ގްރެވިޓީގެ އަސަރު ނުކުރާ ނިއުރޯ-ގްރެވިޓީ މާހައުލެއްގައި ކުރިއަށްގެންދިޔަ މި މަސައްކަތުގެ ސަބަބުން، ބިމުމަތީގައި 0.05 ސެކަންޑަށް އެކަނި ކުރެވޭ އޮބްޒަވޭޝަންތައް މާ ދިގު މުއްދަތަކަށް ދެމެހެއްޓުމުގެ ފުރުސަތު ވަނީ ހުޅުވިގެންގޮސްފައެވެ.
ޕޭކިންގް ޔުނިވަރސިޓީއާއި ޝަންހާއީ އިންސްޓިޓިއުޓް އޮފް އޮޕްޓިކްސް އެންޑް ފައިން މެކޭނިކްސް ގުޅިގެން ހިންގި މި މަޝްރޫއަކީ 2011 ވަނަ އަހަރު ދިރާސާތައް ފެށި މަޝްރޫއެކެވެ. ބިމުމަތީގައި 20 ކިއުބިކް މީޓަރުގެ ބޮޑުމިނާއި 10 ޓަނުގެ ބަރުދަން ހުންނަ ސިސްޓަމެއް، ސްޕޭސް ސްޓޭޝަނަށް ފޮނުވުމަށްޓަކައި 0.7 ކިއުބިކް މީޓަރާއި 0.5 ޓަނަށް ކުޑަކުރުމަކީ ސައިންސްވެރިންނަށް ކުރިމަތިވި އެންމެ ބޮޑު އެންޖިނިއަރިންގް ގޮންޖެހުމެވެ.
މި ކާމިޔާބީގެ ސަބަބުން ކުއަންޓަމް ފިޒިކްސްގެ ދާއިރާއިން އާ ހޯދުންތައް ހޯދުމަށާއި، އެންމެ މަތީ ދަރަޖައިގެ އެކިއުރެސީ ހުންނަ އެޓޮމިކް ކްލޮކްތައް އުފެއްދުމަށާއި، ކުއަންޓަމް ކޮމްޕިއުޓިންގްގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޮޑެތި މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.
މީގެ އިތުރުން ކާއިނާތުގެ ކުރީގެ ހާލަތްތައް ދެނެގަތުމަށާއި ޑާކް މެޓަރގެ ދިރާސާތަކަށްވެސް މި ތަޖުރިބާގެ ބޭނުން ހިފޭނެއެވެ.
Ads by MACL
