ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނަށް ތަކެތި އެތެރެކުރާ އެއްގަމު މަގުތައް ބަންދުކުރަން އެމެރިކާއިން "ޓާސްކް ފޯސް އަޔަން ގޭޓް" އުފައްދައިފި

އީރާނަށް ތަކެތި އެތެރެކުރާ އެއްގަމު މަގުތައް ބަންދުކުރަން އެމެރިކާއިން "ޓާސްކް ފޯސް އަޔަން ގޭޓް" އުފައްދައިފި

އީރާނަށް ޒަމާނީ ހަތިޔާރާއި އަސްކަރީ އެހެނިހެން ވަސީލަތްތައް އެތެރެކުރުމަށް ބޭނުންކުރާ އެއްގަމު ސަޕްލައި މަގުތައް ހުއްޓުވުމުގެ މަގުސަދުގައި އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން "ޓާސްކް ފޯސް އަޔަން ގޭޓް" ގެ ނަމުގައި ހާއްސަ އިއްތިހާދެއް އެކުލަވާލައި އޮޕަރޭޝަންތައް ފަށައިފިއެވެ.

މެދުއިރުމަތީގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ ސެންޓްކޮމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މީގެ ކުރިން ހޮރުމުޒު ކަނޑުއޮޅި ބަންދުކޮށްގެން ކަނޑުމަތީގައި ހިންގަމުންދިޔަ ވަރުގަދަ އޮޕަރޭޝަންތައް މިހާރު އެއްގަމު މަގުތަކަށް ފުޅާކޮށްފައިވާ ކަމަށެވެ. މިއީ އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެކި މަގުމަގުން އެ ގައުމަށް ތަކެތި އެތެރެކުރުން އެއްކޮށް ހުއްޓުވުމަށް އެކުލަވާލި ފުޅާ ޕްލޭނެއްގެ ބަޔެކެވެ.

ފްލޮރިޑާގެ ޓެމްޕާގައި މައި މަރުކަޒު ގާއިމުކޮށްފައިވާ މި ޓާސްކްފޯހުން މަސައްކަތްކުރާނީ އެމެރިކާ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ އީރާނުގެ އެއްގަމު ސަރަހައްދީ ރޮނގުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ހަތިޔާރާއި، މަދަނީ އާއި އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވޭ "ޑުއަލް-ޔޫސް" ޓެކްނޮލޮޖީގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތި އެތެރެކުރުން ހުއްޓުވުމެވެ.

ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވި ގޮތުގައި، މި އާ ޓާސްކްފޯހުގެ ސަބަބުން ކަނޑުމަތީގައި އީރާނާ ދެކޮޅަށް ކުރިއަށްދާ އޮޕަރޭޝަންތަކަށް ލިބެމުންދާ ކާމިޔާބީތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ދިފާއީ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި، މީގެ މައިގަނޑު ބޭނުމަކީ އީރާނަށް އިގުތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ލިބޭ ވަސީލަތްތައް ހުއްޓުވައި، އެ ގައުމުގެ ސަރުކާރުގެ ގާބިލުކަން ކުޑަކުރުމެވެ.

ކަނޑުމަތީގެ އޮޕަރޭޝަންތައް ވެސް ވަރުގަދަކޮށްފައިވާއިރު، އެންގުންތަކަށް ނުކިޔަމަންތެރިވި ވިޔަފާރި އުޅަނދަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ހަމަލާދީ ހުއްޓުވާފައިވާ ކަމަށް ސެންޓްކޮމްއިން ބުންޏެވެ. އަދި މި އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް ސަތޭކައަށްވުރެ ގިނަ އުޅަނދުގެ މިސްރާބު ބަދަލުކުރުވާފައިވާ ކަމަށް ވެސް އެމެރިކާއިން މަޢުލޫމާތު ދެއެވެ.

މި ހަލަބޮލިކަމުގެ ތެރޭގައި ހޮރުމުޒު ކަނޑުއޮޅި ކައިރީގައިވާ ގިޝްމް ޖަޒީރާއަށާއި އެހެނިހެން ސިޓީތަކަށް ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ނެވިގޭޝަން ނިއްވާލައިގެން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް ކަނޑުގެ މައިންތަކެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރްޖީސީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.