ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޕެރަގުއާއީގެ ކުރީގެ ރައީސް ޕެންޔާގެ ގޭތެރެއިން ސިއްރު ތިޖޫރީއެއް ފެނިއްޖެ

ޕެރަގުއާއީގެ ކުރީގެ ރައީސް ޕެންޔާގެ ގޭތެރެއިން ސިއްރު ތިޖޫރީއެއް ފެނިއްޖެ

ޕެރަގުއާއީގެ ކުރީގެ ރައީސް ސަންތިއާގޯ ޕެންޔާގެ އަގުބޮޑު އެޕާޓްމެންޓެއް ރައިޑްކޮށް، އޭނާގެ ގޭގެ ފާރެއްގެ ފަހަތުގައި ވަގަށް ހަދާފައިވާ ސިއްރު ތިޖޫރީއެއް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ހޯދައިފިއެވެ.

ސަން ބެރްނާޑީނޯގެ ރިސޯޓު ސަރަހައްދުގައި އޮންނަ، 1.1 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އަގުބޮޑު މިގޭގެ ތެރެއިން ފެނުނު މި ތިޖޫރީއަކީ އިސްރާއީލުގެ އުފެއްދުންތެރި، އެންމެ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭ އައިރިސް ސްކޭނަރާއި، ސެކިއުރިޓީ ނިޒާމަކާއި އެކު ރައްކާތެރި ކުރެވިފައިވާ ވަރުގަދަ ދޮރުތަކާއެކު ބިނާކޮށްފައިވާ ތަނެކެވެ.

މި ތިޖޫރީގެ ރައްކާތެރިކަން ވަރުގަދަކަމުން، ތަހުގީގުކުރާ ފަރާތްތަކުން ކުރި މަސައްކަތުންވެސް ފުރަތަމަ މަރުހަލާގައި އެތަން ބާރުގެ ބޭނުންކޮށްގެން ހުޅުވޭގޮތް ވަނީ ނުވެފައެވެ.

ތަހުގީގީ އިދާރާތަކުން ހާމަކުރާ ގޮތުގައި، ޕެންޔާ މި ރިއަލް އެސްޓޭޓް މިލްކިއްޔާތު ގަނެފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ޔުއެނޯ ބޭންކް އިން ނަގާފައިވާ ދެ ލޯނެއްގެ އެހީގައެވެ.

ކުރީގެ ރައީސް ޕެންޔާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތާއި، އަމިއްލަ މަންފާއަށްޓަކައި ދައުލަތުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތެވެ.

ޕެންޔާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، އޭނާގެ ހިއްސާ ކުރިން އޮތް ޔުއެނޯ ބޭންކަށް ދައުލަތުގެ ފައިސާއާއި ޕެންޝަން ފަންޑުން ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރު ޣައިރު ގާނޫނީ ގޮތެއްގައި ވަައްދައި، ނަހަމަ މަންފާ ހޯދައިދިނުން ހިމެނެއެވެ.

މި މާލީ ޚިޔާނާތަށްފަހު ޔުއެނޯ ބޭންކު އިނދަޖެހި، ބޭންކުގެ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ޕެރަގުއާއީގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި، ނުވަތަ 3 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ބޭންކު އެކައުންޓްތައް ފްރީޒްވެ، ފައިސާ ނުނެގޭގޮތް ވިއެވެ.

މި ބޮޑު މާލީ ކްރައިސިސްއާ ގުޅިގެން އުފެދުނު އާންމުންގެ ނުރުހުމާއި އިހުތިޖާޖުތަކާއެކު ޕެންޔާގެ ސަރުކާރު ވެއްޓިގެން ދިޔައެވެ. އަދި އޭނާގެ ބަދަލުގައި އެ ގައުމުގެ ރައީސްކަމުގެ ހުވާ މިހާރު ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް ޕެޑްރޯ އަލިއާނާއެވެ.