ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުން ސޯމާލީލޭންޑުގައި އެމްބަސީއެއް ގާއިމުކުރަން ނިންމުމުން ސޯމާލިއާއިން ނުރުހުން ފާޅުކޮށްފި

އިސްރާއީލުން ސޯމާލީލޭންޑުގައި އެމްބަސީއެއް ގާއިމުކުރަން ނިންމުމުން ސޯމާލިއާއިން ނުރުހުން ފާޅުކޮށްފި

ސޯމާލިއާއިން ވަކިވެގަންނަން މަސައްކަތްކުރާ ސޯމާލީލޭންޑަށް އިސްރާއީލުން ކަނޑައެޅި ސަފީރުގެ އައްޔަންކުރުން ސޯމާލިއާ ސަރުކާރުން ރަސްމީކޮށް ބަލައިނުގަނެ، އެއީ ޣައިރުގާނޫނީ ނިންމުމެއް ކަމަށް އިއުލާންކޮށްފިއެވެ. ސޯމާލިއާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި އަމަލަކީ ސޯމާލިއާގެ ސިޔާދަތާއި، އިސްތިގްލާލު އަދި ގައުމީ އެއްބައިވަންތަކަމަށް އަރައިގަތުން ކަމަށާއި، ސޯމާލީލޭންޑަކީ ސޯމާލިއާގެ ފެޑެރަލް ޖުމްހޫރިއްޔާގެ ވަކިނުކުރެވޭނެ ބައެއް ކަމަށެވެ.

އިސްރާއީލުން ސޯމާލީލޭންޑުގެ ވެރިރަށް ހަރްގެއިސާގައި އެމްބަސީއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދަނީ ސޫދާނާއި، ސައޫދީ އަރަބިއްޔާ، ތުރުކީ، ޗައިނާ އަދި މިސްރު ފަދަ ގައުމުތަކުން އެކަމާ ދެކޮޅަށް ވަރުގަދައަށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އަމިއްލަ އެދުމަށްޓަކައި އެހެން ގައުމުތަކުގެ އެތެރޭގެ ވަކިވެގަންނަ ޖަމާއަތްތަކަށް ހިތްވަރުދީ އެހީތެރިވެގެން ނުވާނެ ކަމަށެވެ. މީގެއިތުރުން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަލް އުރުދުޣާން ވެސް ވަނީ ސޯމާލިއާގެ އެއްބައިވަންތަކަން ހިމާޔަތްކުރުމަކީ އިސްކަންދޭ ކަމެއް ކަމަށާއި އިސްރާއީލުގެ ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަމެރިކާއާއި ސޯމާލިއާއާ ދެމެދު އަސްކަރީ ގުޅުން ބަދަހިކޮށް، އަލްޝަބާބު މުޖާހިދުންނާ ދެކޮޅަށް ގުޅިގެން ވައިގެ ހަމަލާތައް ދެމުންދިޔަ ނަމަވެސް، އެމެރިކާގެ ބަދަހި އެކުވެރިއެއް ކަމަށްވާ އިސްރާއީލުގެ މި ދިޕްލޮމެޓިކް އަމަލަށް ސޯމާލިއާއިން ވަނީ ވަރުގަދައަށް ރައްދުދީފައެވެ. ސޯމާލިއާއިން ފާހަގަކުރާ ގޮތުގައި މިނިވަން ދައުލަތެއްގެ ހުއްދައާ ނުލައި ދިޕްލޮމެޓިކް މިޝަންތައް ގާއިމުކުރުމަކީ ވިއެނާ ކޮންވެންޝަނާ ޚިލާފު ކަމެކެވެ.

އިސްރާއީލަކީ 1991 ވަނަ އަހަރު ސޯމާލިއާއިން ވަކިވި ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް އދ. ގެ ފުރަތަމަ މެންބަރު ގައުމެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިދިއޮން ސާރ ވަނީ ސޯމާލީލޭންޑާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އެމެރިކާއިން އިސްރާއީލުގެ ދިޕްލޮމެޓިކް ޙައްޤުތަކަށް ތާއީދުކުރި ނަމަވެސް، ސޯމާލީލޭންޑުގެ މިނިވަންކަން ބަލައިގަތުމަށް އެމެރިކާގެ ސިޔާސަތަށް ބަދަލެއް ނުގެންނަ ކަމަށް ވަނީ ހާމަކޮށްފައެވެ.

ރަތްކަނޑުގެ މަގުތަކާ ކައިރީގައިވާ ސޯމާލީލޭންޑުގައި އިސްރާއީލުން ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، މިސްރުގެ ޚާރިޖީ ވަޒީރު ބަދްރް އަބްދެލާއްޓީ ވަނީ އިސްރާއީލުގެ މި ނިންމުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިފަދަ ހުރިހާ އިންޒާރުތަކަކާއެކުވެސް އިސްރާއީލުން ދަނީ ހަރްގެއިސާގައި އެމްބަސީ އެޅުމުގެ ކަންކަން ކުރިއަށްގެންދަމުންނެވެ.