ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު އަލުން ޖަލަށް ގެންގޮސްފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، ސިއްހީ ފަރުވާއަށްޓަކައި އިސްލާމްއާބާދުގެ ހޮސްޕިޓަލަކަށް ގެންދިއުމަށްފަހު، ފަރުވާ ދިނުމަށްފަހު އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ރާވަލްޕިންޑީގެ އަދިއާލާ ޖަލުގައި ބަންދުކޮށްފައި ހުންނެވި އުމުރުފުޅުން 74 އަހަރުގެ އިމްރާން ޚާން، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) އަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އިމްރާން ޚާން ހޮސްޕިޓަލަށް ގެންދިޔައީ ލޮލުގެ ޓެސްޓްތަކެއް ހެދުމަށާއި، ކުރިން ފަށާފައިވާ ލޮލުގެ ފަރުވާގެ އިތުރު މަރުހަލާއެއް ފުރިހަމަ ކުރުމަށެވެ.
Ads by BMLމި ޒިޔާރަތުގައި އިމްރާން ޚާންގެ ލޭގެ ޕްރެޝަރު މައްޗަށް ގޮސްފައި ހުރުމުން އެކަމަށްވެސް ބޭނުންވާ ފަރުވާ ދެވިފައިވާ ކަމަށާއި، އަދި ލޮލުގެ ހާލަތު ރަނގަޅު ކުރުމަށް "އިންޓްރާވިޓްރިއަލް" އިންޖެކްޝަނެއް ދިނުމަށްފަހު ފަތިހު 2:30 ހާއިރު ހޮސްޕިޓަލުން ދޫކޮށްލައި އަލުން ޖަލު ގޮޅިއަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިމްރާން ޚާންގެ ކަނާތު ލޮލުގެ ފެނުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިމްރާން ޚާން ގެންދަވަނީ ކަނާތު ލޮލަށް ޖެހިފައިވާ "ސެންޓްރަލް ރެޓިނަލް ވެއިން އޮކްލޫޝަން" ކިޔާ ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ.
އިމްރާން ޚާންގެ އާއިލާއާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ވަނީ ސަރުކާރުގެ ހޮސްޕިޓަލެއްގެ ބަދަލުގައި އަމިއްލަ ހޮސްޕިޓަލަކުން އޭނާއަށް ފަރުވާ ދިނުމަށް ގޮވާލާފައެވެ.
މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ އިމްރާން ޚާން ބޭނުންފުޅުވާ އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ފަރުވާ ދިނުމަށް އަމުރުކޮށްފައެވެ.
ނަމަވެސް އޭގެ ފަހުން މިހާތަނަށް އޭނާ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އަލުން ޖަލަށް ގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، ޖަލުގައި ބަންދުކޮށްފައި ތިއްބެވި އިމްރާން ޚާންއާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީއާ ބައްދަލުކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންގެ ޓީމަށް ދިނުމަށްވެސް ކޯޓުން ވަނީ ޖަލު އޮފިޝަލުންނަށް އަމުރުކޮށްފައެވެ.
ޕީޓީއައި ޕާޓީގެ ނައިބު ޗެއާމަން ޝާހް މަހްމޫދު ގުރޭޝީގެ ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން އަންގާރަ ދުވަހު ލާހޯރުގެ ޖަލަކުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
2022 ވަނަ އަހަރުގެ އޭޕްރީލް މަހު އިތުބާރު ނެތްކަމުގެ ވޯޓަކުން ބޮޑުވަޒީރުކަމުން ދުރުކުރެވުނު ފަހުން، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިމްރާން ޚާން ހުންނެވީ ޖަލުގައެވެ.
ކޮރަޕްޝަނާއި އެހެނިހެން ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ ހުކުމެއް މިހާރު ވަނީ ބާތިލުކޮށް ނުވަތަ ސަސްޕެންޑް ކޮށްފައެވެ.
އިމްރާން ޚާން ވިދާޅުވަމުން ގެންދަވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ.
Ads by MACL
