ލޯބީގެ ގުޅުންތަކުގެ މައްސަލައިގައި އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އިސްތިއުފާ ދީފި
ކައިވެނިކޮށްގެން ހުރެ ހިންގި ނަހަމަ ލޯބީގެ ގުޅުންތަކެއްގެ މައްސަލަ ހޫނުވެ، ބޮޑެތި ފާޑުކިޔުންތަކަކާއި ފިއްތުންތަކެއް ކުރިމަތިވުމާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ ކުންފުނި ކަމަށްވާ އެންވީޑިއާގެ ރައީސް އަދި ސީއީއޯގެ މަގާމުން ޖެންސެން ހުއާންގް ވަގުތުން އިސްތިއުފާ ދީފިއެވެ.
އެންވީޑިއާގެ ޑިރެކްޓަރުންގެ ބޯޑުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމަކަށްފަހު ބުރާސްފަތި ދުވަހު އިއުލާނުކުރި ގޮތުގައި، އުމުރުން 63 އަހަރުގެ ހުއާންގް ވަނީ ސީއީއޯ އަދި ރައީސްކަމުގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުކަމުންވެސް ވަކިވެފައެވެ. އެންވީޑިއާ އުފެއްދުމުގައި ހިއްސާވި އަދި ކުންފުނީގެ 3.61 އިންސައްތަ ހިއްސާއާއެކު ހަތަރުވަނައަށް އެންމެ ބޮޑު އިންވެސްޓަރުގެ ގޮތުގައި ހުރި ހުއާންގް އިސްތިއުފާ ދިނުމާ ގުޅިގެން، ކުންފުނީގެ އެތެރެއާއި ބޭރުން ދާއިމީ ސީއީއޯއަކު ހޯދެންދެން ވަގުތީ ސީއީއޯގެ މަގާމަށް އެ ކުންފުނީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކޮލެޓް ކްރެސް ވަނީ އައްޔަންކޮށްފައެވެ. މީގެ އިތުރުން، 11 މެންބަރުންގެ މައްޗަށް އެކުލެވޭ އަދި މީގެ ކުރިން ޗެއާމަނަކު ނެތި ހިންގަމުން އައި އެންވީޑިއާގެ ބޯޑުގެ ފުރަތަމަ ޗެއާމަނަކަށް، ސިނޮޕްސިސްގެ ކުރީގެ ސީއީއޯ އަދި އެންވީޑިއާގެ ދިގު މުއްދަތުގެ ޑިރެކްޓަރު ހާވީ ސީ ޖޯންސް ވަނީ ހަމަޖައްސާފައެވެ.
ހުއާންގްއަށް އިސްތިއުފާ ދޭން މަޖުބޫރުވީ، އޭނާ ހިންގި ނަހަމަ ދެ ގުޅުމެއްގެ މައުލޫމާތު މީޑިއާތަކަށް ތިލަވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ގުޅުމަކީ ޗައިނާއަށް ޖާސޫސްކޮށްދޭ ކަމަށް އެމެރިކާގެ އިދާރާތަކުން ތުހުމަތުކުރާ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ އެލިސް ހުއާންގް (ހުއާންގް ލޭ) އާއެކު ބޭއްވި ގުޅުމެވެ. ސިންގަޕޫރުގައި ހިންގާ ޑޭޓާ ސެންޓަރު ކުންފުންޏެއް ކަމަށްވާ މެގަސްޕީޑް އިންޓަނޭޝަނަލްގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންގާއި ޖެންސެން ހުއާންގް، 2025 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ޓައިވާނުގެ ތައިޕޭގައި ބޭއްވި ކޮމްޕިއުޓެކްސް ޓެކް އެކްސްޕޯގެ ތެރެއިން ރެސްޓޯރެންޓެއްގައި އެކުގައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. މީގެ އިތުރުން، އެންވީޑިއާގައި ހުއާންގްގެ ދަށުން މަސައްކަތްކުރާ އެ ކުންފުނީގެ އިސް އަންހެން ވެރިއަކާއެކުވެސް އޭނާ ނަހަމަ ގުޅުމެއް ބޭއްވި ކަމުގެ ރިޕޯޓުތައް ބުދަ ދުވަހު ވަނީ ފެންމަތިވެފައެވެ.
Ads by BMLމި މައްސަލައިގައި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ހުއާންގް ވަނީ ކައިވެނީގެ ބޭރުން ގުޅުމެއް ހިންގިކަމަށް އެއްބަސްވެ، އެކަމަށް މައާފަށް އެދި އެންވީޑިއާގެ މުވައްޒަފުންނަށް މެސެޖެއް ފޮނުވާފައެވެ. އަދި މިކަމާ ގުޅިގެން އެންވީޑިއާގެ ބޯޑުން ވަނީ އެމެރިކާގެ ކުރީގެ އެކްޓިން އެޓާނީ ޖޫން އެޗް ކިމް އަދި ގާނޫނީ ފާމެއް މެދުވެރިކޮށް މިނިވަން ތަހުގީގެއް ފަށާފައެވެ. ހަމައެއާއެކު، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ މީހަކާއެކު އޮތް ގުޅުން ސިއްރުކޮށް ހިއްސާދާރުންނަށް އޮޅުވާލި ކަމަށް ބުނެ އިންވެސްޓަރުން ވަނީ އެންވީޑިއާއާއި ހުއާންގާ ދެކޮޅަށް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ޗައިނާއިން ވަނީ ޖާސޫސްކުރުމުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ހުއާންގްގެ އިސްތިއުފާގެ ޚަބަރާއެކު އެމެރިކާގެ ހިއްސާގެ ބާޒާރު ހުޅުވުމުގެ ކުރިން އެންވީޑިއާގެ ހިއްސާގެ އަގު 8 އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މިންވަރަކަށް ވެއްޓުމަށްފަހު، ނިއުޔޯކްގެ ބާޒާރު ރަސްމީކޮށް ހުޅުވުމާއެކު ހިއްސާގެ އަގު ވަނީ 13 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު އެއް ދުވަހެއްގެ ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގު އެންމެ ބޮޑަށް ވެއްޓުނު ފަހަރެވެ. މި ވެއްޓުމާއެކު، 2025 ވަނަ އަހަރުގެ ޖުލައި މަހަށްފަހު ފުރަތަމަ ފަހަރަށް އެންވީޑިއާގެ ޖުމްލަ މާކެޓް އަގު ވަނީ 4 ޓްރިލިއަން ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ. އަދި ވޯލް ސްޓްރީޓްގެ މައިގަނޑު އިންޑެކްސްތައް ހުޅުވުމުގެ ކުރިން ޑައު ފިއުޗާސް 0.08 އިންސައްތަ، އެސްއެންޑްޕީ 500 ފިއުޗާސް 0.62 އިންސައްތަ އަދި ނަސްޑެކް ފިއުޗާސް ވަނީ 1.24 އިންސައްތަ ދަށަށް ގޮސްފައެވެ. މި ދަނޑިވަޅުގައި އެންވީޑިއާގެ ހިއްސާގެ އަގު ވެއްޓޭނެ ކަމަށް ބަލައި "ޝޯޓް ސެލިން" ވިޔަފާރިކުރި އިންވެސްޓަރުންނަށް ބުދަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވާ ކަމަށް އޯޓެކްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެންވީޑިއާގެ ވެއްޓުމާއެކު ދުނިޔޭގެ އޭއައި ސިނާއަތާ ގުޅުންހުރި އެހެން ކުންފުނިތަކުގެ ހިއްސާގެ އަގުތައްވެސް ވަނީ ބޮޑުތަނުން ވެއްޓިފައެވެ. ޚާއްސަކޮށް އާމްދަނީގެ ރިޕޯޓާއެކު ކުރީ ދުވަހު 27 އިންސައްތައަށްވުރެ މައްޗަށް އުފުލުނު ނިއޯކްލައުޑް ކުންފުނި ކޯވީވްގެ ހިއްސާ 16.6 އިންސައްތަ ވެއްޓުނުއިރު، އައިރެންގެ ހިއްސާ ވަނީ 11 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އެޕްލައިޑް ޑިޖިޓަލްގެ ހިއްސާވެސް ވަނީ ދަށަށް ގޮސްފައެވެ. އެންވީޑިއާގެ ފައިސާއިން ޑޭޓާ ސެންޓަރުތަކާއި ކްލައުޑް ކުންފުނިތަކަށް އިންވެސްޓްކޮށްގެން ބިނާކޮށްފައިވާ އޭއައި އިކޯސިސްޓަމަށް ހުއާންގްގެ ވަކިވުމުގެ ސަބަބުން ބޮޑު ލޮޅުމެއް އަރާނެ ކަމަށް ޓެން ކެޕްގެ ލީޑް ޕޯޓްފޯލިއޯ މެނޭޖަރު ޖުން ބެއި ލިއު ފަދަ މާލީ މުހައްލިލުން ބުނެއެވެ. މީގެ އިތުރުން އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި އާ ޑޭޓާ ސެންޓަރުތައް ހެދުމާ ދެކޮޅު ސްޓޭޓްތައް ހިމެނޭހެން ޑިމޮކްރެޓުން ހޯދި ކާމިޔާބީއާއެކު، އޭއައި ސިނާއަތަށް ހަރުކަށި ގަވާއިދުތަކެއް އަތުވެދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.
މި ބަދަލުތަކާ ގުޅިގެން އެންވީޑިއާގެ އާ ބޯޑު ޗެއާމަން ހާވީ ޖޯންސް މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، 13 އަހަރަށްވުރެ ގިނަ ދުވަހު ސީއެފްއޯގެ މަގާމު ފުރުއްވި ކޮލެޓް ކްރެސްއަށް ބޯޑުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ހުއާންގް އެންވީޑިއާއަށް ކޮށްދިން ޚިދުމަތްތައް ފާހަގަކުރަމުން، ކްރެސްގެ ލީޑަޝިޕްގެ ދަށުން ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާވެ، ސިނާއަތުގެ ކުރީގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޖޯންސް ބުންޏެވެ. ހަމައެއާއެކު، ވަގުތީ ސީއީއޯ ކޮލެޓް ކްރެސް މުވައްޒަފުންނަށް ފޮނުވި މެމޯގައި މި އުނދަގޫ ދަނޑިވަޅުގައި މުވައްޒަފުން ދައްކަމުންދާ ސާބިތުކަމާއި ޕްރޮފެޝަނަލްކަމަށް ޝުކުރު އަދާކޮށް، ނޮވެންބަރު 18 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި މުޅި ކުންފުނީގެ ބައްދަލުވުމެއް ބާއްވާނެ ކަން އިއުލާނުކުރިއެވެ.
ވަގުތީ ސީއީއޯގެ މަގާމާ ހަވާލުވި ކޮލެޓް ކްރެސް އެންވީޑިއާއާ ގުޅުނީ 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ސީއެފްއޯގެ ގޮތުގައެވެ. އޭނާ އެ މަގާމާ ހަވާލުވިއިރު 4.13 ބިލިއަން ޑޮލަރުގައި ހުރި އެންވީޑިއާގެ އަހަރީ އާމްދަނީ ވަނީ 2026 ވަނަ މާލީ އަހަރު 215.9 ބިލިއަން ޑޮލަރަށް އުފުލިފައެވެ. އެންވީޑިއާއާ ގުޅުމުގެ ކުރިން ކްރެސް ވަނީ ޓެކްސަސް އިންސްޓްރޫމެންޓްސްގައި އަށް އަހަރު، މައިކްރޮސޮފްޓްގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު (2006 ގައި ސާވާ އެންޑް ޓޫލްސް ޑިވިޜަންގެ ސީއެފްއޯކަން ހިމެނޭހެން) އަދި 2010 ވަނަ އަހަރު ސިސްކޯގެ އިސް މާލީ މަގާމެއްގައި މަސައްކަތްކޮށްފައެވެ. ފޯބްސް މަޖައްލާގެ 2026 ވަނަ އަހަރުގެ އެމެރިކާގެ އެންމެ މުއްސަނދި އަމިއްލަ މަސައްކަތުން ކުރިއަރާފައިވާ އަންހެނުންގެ ލިސްޓުގެ 32 ވަނައިގައި ހިމެނޭ ކްރެސްގެ އެންވީޑިއާ ހިއްސާގެ އަގު މިދިޔަ މަހު އެއް ބިލިއަން ޑޮލަރަށްވުރެ މަތީގައި ހުރުމަށްފަހު، ބުދަ ދުވަހާ ހަމައަށް ގާތްގަނޑަކަށް 750 މިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ.
މި މައްސަލައާ ގުޅިގެން ސިޔާސީ މަސްރަހުންވެސް ތަފާތު ރައްދުތައް ދަނީ އަންނަމުންނެވެ. އެގޮތުން، ޗައިނާގެ މާކެޓަށް އެމެރިކާގެ ޗިޕް ވިއްކުމުގެ ފުރުސަތު ދެމެހެއްޓުމަށް މަސައްކަތްކުރި އަދި ހުއާންގާ ގާތް ގުޅުމެއް ބާއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުއާންގް ސިފަކުރީ "ޝަރަފުވެރި މީހެއް" ގެ ގޮތުގައެވެ. ނަމަވެސް، އެކްސްޕޯޓް ކޮންޓްރޯލް ކަންކަން ބަލަހައްޓާ ސެނެޓް ބޭންކިން ކޮމިޓީގެ ދެން އަންނަ ޗެއާކަމަށް ބެލެވޭ އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރު އެލިޒަބަތު ވޮރެން ނެރުނު ބަޔާނެއްގައި ބުނީ، ހުއާންގް އިސްތިއުފާ ދިނުމަކުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާކުރުމާއި ގާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ކަންކަމުގެ ޒިންމާއިން ހުއާންގާއި އެންވީޑިއާގެ އެހެން ވެރިން އަދި ކުންފުނި ބަރީއަ ނުވާނެ ކަމަށެވެ. އަދި ޗައިނާއަށް އެމެރިކާގެ ޗިޕް ވިއްކުން ހުއްޓުވުމަށް ކޮންގްރެސްއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
ކްލިއާބްރިޖް އިންވެސްޓްމަންޓްސްގެ ޕޯޓްފޯލިއޯ މެނޭޖަރު މައިކަލް ފެލްޑްމަން އަދި ލޯންގްބޯ އެސެޓް މެނޭޖްމަންޓްގެ ސީއީއޯ ޖޭކް ޑޮލާހައިޑް ފަދަ ތަޖުރިބާކާރުން ދެކޭގޮތުގައި، އެންވީޑިއާގެ ކުރިއަށް އޮތް އަހަރުތަކުގެ ޓެކްނޮލޮޖީ ރޯޑްމެޕް ސާފުކޮށް އޮވެ، ދުނިޔޭގެ އޭއައި ސިނާއަތުގެ މައި ތަނބުގެ ގޮތުގައި އެ ކުންފުނީގެ ޗިޕްތައް ދެމިއޮތް ނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތައް ވިލަރެސްކުރުމުގައި އިސްކޮށް ހުރި ހުއާންގް ނެތުމުން މަސައްކަތްތައް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ދާއިމީ ސީއީއޯގެ މަގާމަށް ދެން އަތުވެދާނެ ބޭފުޅުންގެ ތެރޭގައި އެންވީޑިއާގެ ކޫޑާ ސޮފްޓްވެއާ އުފެއްދި އިސްވެރިޔާ އިއަން ބަކް އަދި އާމް ކުންފުނީގެ ސީއީއޯ ރެނޭ ހާސްގެ ނަންތައް ދަނީ ދެކެވެމުންނެވެ. ހަމައެއާއެކު، ޓެކްސަސްގައި ބޮޑު ޗިޕް ކޮމްޕްލެކްސްއެއް ބިނާކުރަމުންދާ އީލޮން މަސްކް ފަދަ ޓެކް ވެރިން ވަނީ ހުއާންގާއެކު މަސައްކަތްކުރުމަކީ ލިބޭނެ ޝަރަފެއް ކަމަށް ބުނެފައެވެ.
Ads by MACL
