ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިމްރާން ޚާންގެ ދެ ދައްތަ ހައްޔަރުކުރިތާ ދެ މަސްފަހުން ޖަލުން ދޫކޮށްލައިފި

އިމްރާން ޚާންގެ ދެ ދައްތަ ހައްޔަރުކުރިތާ ދެ މަސްފަހުން ޖަލުން ދޫކޮށްލުން ---
އިމްރާން ޚާންގެ ދެ ދައްތަ ހައްޔަރުކުރިތާ ދެ މަސްފަހުން ޖަލުން ދޫކޮށްލުން ---

ޖަލުގައި ބަންދުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ ދައްތައިން ކަމަށްވާ ޑރ. އުޒްމާ ޚާން އާއި ނޫރީން ނިޔާޒީ ޚާން ބުރާސްފަތި ދުވަހު ޖަލުން ދޫކޮށްލައިފިއެވެ.

ޤާނޫނީ ވަކީލު މުދައްސިރު އުމަރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ. އުޒްމާ ޚާން އާއި ނޫރީން ނިޔާޒީ ޖަލުން ދޫކޮށްލާފައިވާ ކަމަށާއި، ދެ ބޭފުޅުން ވެސް ރައްކާތެރިކަމާއެކު ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

ލާހޯރުގެ ކޯޓް ލަކްޕަތު ޖަލުން މި ދެ ބޭފުޅުން ދޫކޮށްލާފައި މިވަނީ ހައްޔަރުކުރިތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ. ނަމަވެސް، މި ދެ ބޭފުޅުންނާއެކު އެއް ދުވަހެއްގައި ހައްޔަރުކުރި ތިންވަނަ ދައްތަ އަލީމާ ޚާން އަދިވެސް ހުންނެވީ ޖަލު ބަންދުގައި ކަމަށް އިމްރާން ޚާންގެ ސިޔާސީ ޕާޓީ ކަމަށްވާ ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) އިން ބުނެއެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ޕީޓީއައިގެ އިސް ލީޑަރެއް އަދި އިމްރާން ޚާންގެ އަރިސް ބޭފުޅެއް ކަމަށްވާ ޒުލްފިޤާރު ބުޚާރީ ވިދާޅުވީ، އަލީމާ ޚާން އަދިވެސް ޖަލުގައި ހުންނެވިއިރު، ދެ ދައްތައިން ދޫކޮށްލުމަކުން އިމްރާން ޚާންގެ އާއިލާއަށް ދެމުންދާ އަނިޔާއާއި ބޭއިންސާފަށް ނިމުމެއް ނާންނާނެ ކަމަށެވެ. އަދި ޕާޓީގެ ޑިމާންޑަކީ ވަކި ބަޔަކަށް ލުއި ދިނުމުގެ ބަދަލުގައި ބިރުދެއްކުމާއި ފުރައްސާރަކުރުން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުޒްމާ ޚާންގެ ދަރިކަލުން ވަލީ ޚާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އޭނާގެ މަންމަ 53 ދުވަސް ވަންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލި ސަބަބު ސާފުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި މި ނިންމުންތަކަކީ ޤާނޫނީ އަސާސެއްގެ މައްޗަށް ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށާއި، ހައްޔަރުކުރި ފަދައިން ދޫކޮށްލުމަކީ ވެސް އެއްވެސް އުސޫލެއް ނެތި ކުރި ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އިމްރާން ޚާންގެ ތިން ދައްތައިން ހައްޔަރުކޮށް 30 ދުވަހުގެ ބަންދުގެ އަމުރެއްގެ ދަށުން ޖަލަށްލާފައިވަނީ، އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ސެޕްޓެމްބަރު 27 ވަނަ ދުވަހު ޕީޓީއައި އިން ބާއްވަން ރޭވި މުޒާހަރާއެއްގެ އެއް ހަފްތާ ކުރިންނެވެ.

ޕާކިސްތާނުގެ މައި ސަރުކާރުން ބުނެފައިވަނީ އިސްލާމްއާބާދަށް ކުރަން ރޭވި ހިނގާލުމުގެ ކުރިން އެ ބޭފުޅުން ބަންދުކުރީ އަމަންއަމާންކަމަށް ނުރައްކާވެދާނެތީ ކަމަށެވެ. އެ ހިނގާލުން ފަހުން ކެންސަލްކޮށްފައިވާއިރު، އެ މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ޕީޓީއައިގެ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންޝަލް ސަރުކާރު ވެސް މައި ސަރުކާރުން ވަނީ ސަސްޕެންޑްކޮށްފައެވެ.

އުމުރުފުޅުން 74 އަހަރުގެ އިމްރާން ޚާން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވީ ސިޔާސީ މަޤްޞަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް އޭނާގެ ޕާޓީން ބުނާ މައްސަލަތަކެއްގައެވެ. ނަމަވެސް އެ ދައުވާތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ ހުކުމް އިސްތިއުނާފު މަރުހަލާގައި ވަނީ ބާތިލުކޮށް ނުވަތަ ސަސްޕެންޑްކޮށްފައެވެ.

އިމްރާން ޚާން މިނިވަންކުރުމަށް ޕީޓީއައި އިން ކުރަމުންދާ ކެމްޕޭންގައި އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ އޭނާގެ ސިއްހީ ހާލުކޮޅާ މެދު އޮތް ކަންބޮޑުވުމެވެ. ޚާއްޞަކޮށް އޭނާގެ ކަނާތު ލޮލުގެ ފެނުން 15 އިންސައްތައަށް ދަށްވެ، އެތައް މަހެއް ވަންދެން ޚާއްޞަ ފަރުވާ ހޯދަން ޖެހިފައިވާ މައްސަލައިގައި ޕާޓީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭނާގެ ދެ ދައްތައިން ޖަލުން ދޫކޮށްލާފައި މިވަނީ، ސިއްހީ ފަރުވާއަށް އިމްރާން ޚާން އިސްލާމްއާބާދުގެ ހޮސްޕިޓަލަކަށް ގެންދިޔަތާ އެއް ދުވަސް ފަހުންނެވެ.