ހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިއުން ދެން ނުހުއްޓުވޭނެ، އެކަމަކު ބޮޑު ކާރިސާއަކުން ސަލާމަތްވުމުގެ ފުރުޞަތު އެބައޮތް: ގުޓަރޭޒް
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ވަގުތީގޮތުން ނަމަވެސް އުފުލުމަކީ މިހާރު ހުއްޓުވޭނެ ކަމެއް ނޫންކަމަށާއި، ނަމަވެސް އަވަސް ފިޔަވަޅުތަކެއް އަޅައިފިނަމަ ބޮޑު މޫސުމީ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.
ތުރުކީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަންތާލިއާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ މަހާސިންތާ (ކޮޕް31) ގެ ހަވާސާގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވީ، 1.5 ޑިގްރީގެ މިންގަނޑު ފަހަނައަޅައި ދިޔަ ނަމަވެސް އެ އުފުލުން ވީހާވެސް ކުޑަކޮށް އަދި ކުރު މުއްދަތަކަށް ބެހެއްޓުން މުހިންމު ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް އެންމެ ބޮޑު އަމާޒަކަށް ވާންޖެހެނީ ވީއެންމެ އަވަހަކަށް ދުނިޔޭގެ ފިނިހޫނުމިން އަލުން 1.5 ޑިގްރީއަށްވުރެ ތިރިއަށް ގެނައުމެވެ.
Ads by BMLމި އަމާޒު ހާސިލުކުރުމަށްޓަކައި ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް އަހަރަކު ގާތްގަނޑަކަށް 6 އިންސައްތަ މަދުކުރަން ޖެހޭނެކަމަށް ގުޓަރޭޒް ވިދާޅުވިއެވެ.
ޤައުމުތަކުން މިހާރު ވެފައިވާ ވަޢުދުތަކަށް ބަލާއިރު، މި ޤަރުނު ނިމޭއިރު ދުނިޔޭގެ ހޫނުމިން ގާތްގަނޑަކަށް 2.5 ޑިގްރީ ސެލްސިއަސްއަށް އުފުލުމުގެ ބިރު އޮތްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއީ ބޮޑު ކާރިސާއަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
މޫސުމީ ކާރިސާ ކުރިމަތިވަނީ ފޮސިލް ފިއުލް ނުވަތަ ތެލާއި ގޭހުގެ ބާވަތްތަކުގެ ސަބަބުންކަން ހާމަކުރައްވަމުން ގުޓަރޭޒް ވިދާޅުވީ، އެ ބާވަތްތައް އުފެއްދުމާއި ބޭނުންކުރުން މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް އަވަސް އަދި އިންސާފުވެރި ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ.
ރައްކާތެރި މޫސުމެއް ކަށަވަރުކުރެވޭނީ ފޮސިލް ފިއުލްއާ ދުރަށް ގޮސްގެންކަން ފާހަގަކުރައްވައި، ތަރައްޤީވެފައިވާ ޤައުމުތަކުން މޫސުމީ މާލީ އެހީތެރިކަމުގެ ވަޢުދުތައް ފުއްދުމަށާއި، ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުންވެސް ސާފު ހަކަތައަށް ބަދަލުވުން އަވަސްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެ ބަދަލުތަކަށް ހޭނުމަށާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އިތުރު އެހީތެރިކަން ބޭނުންވާކަމަށްވެސް ގުޓަރޭޒް ވިދާޅުވިއެވެ.
ނޮވެންބަރު 9 އިން 20 އަށް ތުރުކީގެ އަންތާލިއާގައި ކުރިއަށްދާ ކޮޕް31 މަހާސިންތާއަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ގުޓަރޭޒް ބައިވެރިވެވަޑައިގަންނަވާ އެންމެ ފަހު މޫސުމީ މަހާސިންތާއެވެ.
Ads by MACL
