ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުނީ ކޮންޓްރެކްޓަރަކު ހަރުކުރި ރައުޓަރެއްގެ ސަބަބުން

އެމެރިކާގެ ވައިގެ ދަތުރުފަތުރު ހުއްޓުނީ ކޮންޓްރެކްޓަރަކު ހަރުކުރި ރައުޓަރެއްގެ ސަބަބުން

އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ގާތްގަނޑަކަށް ފަސް ގަޑިއިރަށް ހުއްޓުމަކަށް އައިސް، 20،000 އަށްވުރެ ގިނަ ފްލައިޓްތަކަށް ބުރޫއެރި ހާދިސާ މެދުވެރިވީ ސަރުކާރުގެ ކޮންޓްރެކްޓަރެއް ކަމަށްވާ އެލް3ހެރިސް އިން ހަރުކުރި އެންމެ ރައުޓަރެއްގެ މައްސަލައަކުން ކަމަށް ބެލެވޭ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ހޮނިހިރު ދުވަހު ބުނެފިއެވެ.

މި ހާދިސާއަކީ އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓެލެކޮމް ނިޒާމު ބާވެފައިވާ މިންވަރާއި، ކުރީގެ މުއާސަލާތީ ނިޒާމުތައް ބޭނުންކުރަމުން އާ ނިޒާމުތަކަށް ބަދަލުކުރުމުގައި ކުރިމަތިވަމުންދާ ދަތިތައް ހާމަކޮށްދޭ އެންމެ ފަހުގެ ހިތާމަވެރި މިސާލެވެ.

ފާއިތުވި އަހަރުތަކުގައި އެފްއޭއޭގެ ބާވެފައިވާ ޓެލެކޮމް ނިޒާމުތަކަށް ވަނީ އޮޅިގެން ފައިބަރު ކޭބަލް ކެނޑުމާއި، އޮޅިގެން ފައިލްތައް ޑިލީޓްވުމުގެ އިތުރުން އާލާތެއް ވިރުމުގެ ސަބަބުން ނުބައި ކެމިކަލް ވަހެއް ދުވުން ފަދަ މައްސަލަތަކާ ގުޅިގެން ބުރޫއަރާފައެވެ.

އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ހޮނިހިރު ދުވަހު ބުނީ، އެ ނިޒާމު ރަނގަޅަށް އަޕްގްރޭޑް ނުކުރެވޭހާ ހިނދަކު އަދިވެސް މިފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށާއި، މިއީ މިހާރުގެ ހާލަތާ ނުބައްދަލު އެފްއޭއޭގެ ނިޒާމެއް ކަމަށެވެ.

ހުކުރު ދުވަހު އެލް3ހެރިސް އިން ކުރިއަށް ގެންދިޔައީ ދުރު ސަރަހައްދެއްގައި ހުރި މަރުކަޒެއްގެ ޓެލެކޮމިއުނިކޭޝަން ލައިންތައް ބާ ކޮޕާ ނަރުން ފައިބަރަށް ބަދަލުކުރުމުގެ އާދައިގެ މަރާމާތުގެ މަސައްކަތެއް ކަމަށް ޑަފީ ބުންޏެވެ.

އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި އާކެންސާސް އާއި ޓެކްސަސްގައި ހަރުކުރި ރައުޓަރުތަކުގައި މައްސަލަތަކެއް ހުރުން އެކަށީގެންވެއެވެ.

މި ހާދިސާގައި މެދުވެރިވީ އެލް3ހެރިސްގެ ޔޫޒަރު ނުވަތަ އިންސްޓޯލަރުގެ ގާބިލުކަން ނެތުމުން ހެދުނު ގޯހެއްތޯ ނުވަތަ ހަލާކުވެފައިވާ ރައުޓަރެއް ހަރުކުރެވުނީތޯ ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މައްސަލަ ދިމާވި ސީދާ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް ޑަފީ ބުންޏެވެ.

އެލް3ހެރިސް އިން ބުނީ އެ ކުންފުނިން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގާ ކަމަށާއި، ނޮވެމްބަރު 13 ވަނަ ދުވަހު ގައުމުގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް އަންނަން މެދުވެރިވި ހާލަތްތައް ދެނެގަތުމަށް އެފްއޭއޭ އިން ކުރާ ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ބާ ކޮޕާ ނަރުތަކުގެ ނިޒާމުން ފައިބަރު-އޮޕްޓިކް ނިޒާމަކަށް ވައިގެ ސަރަހައްދުގެ މުއާސަލާތީ ނިޒާމު ބަދަލުކުރުމަށް ރާވާފައިވާ މަޝްރޫއުގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެލް3ހެރިސް އިން ފާހަގަކުރިއެވެ.

ބާ ކޮޕާ ނަރުގެ ނިޒާމު ބެލެހެއްޓުމަށް އެފްއޭއޭ އިން އަހަރަކު އެއް ބިލިއަން ޑޮލަރު ޚަރަދުކުރާއިރު، ޒަމާނީ ފައިބަރު ނިޒާމަކަށް ބަދަލުވުމަށް އެ އިދާރާއިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެމެރިކާގެ ގާތްގަނޑަކަށް ހުރިހާ މުއައްސަސާތަކެއް ކޮޕާ އިން ފައިބަރަށް އަދި އެނަލޮގް އިން ޑިޖިޓަލްއަށް ބަދަލުވެފައިވާކަން ފާހަގަކޮށް، ރައުޓަރު ފޯރުކޮށްދިން ފަރާތުން ނުވަތަ އެލް3ހެރިސް އިން މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޑަފީ ބުންޏެވެ.

މި މައްސަލައިގެ ސަބަބުން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުންނަ އެފްއޭއޭގެ 22 އެން-ރޫޓް ސެންޓަރުގެ ތެރެއިން 17 ސެންޓަރެއްގެ މުއާސަލާތީ ނިޒާމަށް ބާރުބޮޑުވެ، މައްސަލަ ދިމާވި އަސްލު ސަބަބު ދެނެނުގަނެވުމުން މުޅި ގައުމުގެ ވައިގެ ދަތުރުފަތުރު ހުއްޓާލުމަށް އެފްއޭއޭ އިން އެންގިއެވެ.

އާ ރައުޓަރުތަކުން ކޮންމެ ހަތަރެއް ނުވަތަ ފަސް ސިކުންތަކުން އެހެން ރައުޓަރުތަކަށް 1،000 އަށްވުރެ ގިނަ ކަނެކްޝަން އެޓެމްޕްޓްތައް ފޮނުވަން ފެށުމުގެ ސަބަބުން، އެފްއޭއޭގެ މަރުކަޒުތަކުގައި ހުރި ރާޑަރުތަކާއި މަތިންދާބޯޓުތަކާ ދެމެދު ކުރާ މުއާސަލާތްތަކަށް ބުރޫއެރި ކަމަށް ޑަފީ ބުންޏެވެ.

އެފްއޭއޭގެ އެޑްމިނިސްޓްރޭޓަރު ބްރަޔަން ބެޑްފޯޑް ބުނީ އެފްއޭއޭ އިން އެ ފިޔަވަޅު އަޅަން ޖެހުނީ އެ ރައުޓަރުތަކުން ޑޭޓާ މުއާސަލާތު ކުރުމުގެ ގާބިލުކަން ގެއްލުމުން ކަމަށާއި، މައްސަލަ ދިމާވި އަސްލު ސަބަބު ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެފްއޭއޭ އިން ބުނި ގޮތުގައި މުއާސަލާތީ ޚިދުމަތް އެއްކޮށް މެދުނުކެނޑުނު ނަމަވެސް ސެންޓަރުތަކުގެ ޑޭޓާތަކަށް އޭގެ ސަބަބުން ނުތަނަވަސްކަން ލިބުނު ކަމަށާއި، ނަމަވެސް ސެންޓަރުތައް އެއްކޮށް ހުއްޓުމަކަށް ނާންނަ ކަމަށެވެ.

މިހާރު ބަދަލުކުރަމުންދާ ރައުޓަރުތަކަކީ ގާތްގަނޑަކަށް 25 އަހަރުވެފައިވާ އަދި 2006 ވަނަ އަހަރު ބަދަލުކުރަން ޖެހިފައިވާ ތަކެތި ކަމަށް ޑަފީ ބުންޏެވެ.

މި ހާދިސާއަކީ ސައިބާ ހަމަލާއެއް ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ މައްސަލައެއް ނޫންކަން އޮފިޝަލުން ކަށަވަރުކޮށްދީފައިވާއިރު، މައްސަލަ ދިމާވި ކަނެކްޝަން ކަނޑާލުމަށްފަހު މުޅި ގައުމުގައި ހުރި އެފަދަ 60 ރައުޓަރެއްގެ ވަކި ފަންކްޝަންތަކެއް ވަގުތީގޮތުން ހުއްޓުވައި އިތުރު ޓެސްޓުތައް ދަނީ ހަދަމުންނެވެ.

ކުދިކުދި ގޯސްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުމަކީ އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނެޓްވޯކަށް އާ ކަމެއް ނޫން ކަމަށްވާއިރު، 2023 ވަނަ އަހަރު ސަރުކާރުގެ ކޮންޓްރެކްޓަރަކު އޮޅިގެން ފައިލްތަކެއް ޑިލީޓްކޮށްލުމުގެ ސަބަބުން 90 މިނެޓަށް މުޅި ގައުމުގެ ދަތުރުތައް ހުއްޓި 11،000 ފްލައިޓަށް ބުރޫއެރިއެވެ.

އެއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު މަތިންދާބޯޓުތަކެއް ހައިޖެކްކޮށް ދިން ހަމަލާތަކަށްފަހު މުޅި އެމެރިކާގެ ވައިގެ ދަތުރުފަތުރު އެއްކޮށް ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހުގެ މި މައްސަލަ ދިމާވީ ހަފުތާ ބަންދުގެ ދަތުރުތަކަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތް ވަގުތާ ދިމާކޮށް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި މިފަދަ ދަތިތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ކުދި މަރުކަޒުތަކުގައި މަރާމާތުގެ މަސައްކަތް ކުރާ ވަގުތުތައް އަލުން މުރާޖައާ ކުރާނެ ކަމަށް ޑަފީ ބުންޏެވެ.

ބާވެފައިވާ އެއާ ޓްރެފިކް ކޮންޓްރޯލް އަދި ޓެލެކޮމް ނިޒާމު އަޕްގްރޭޑް ކުރުމަށް ކޮންގްރެސް އިން އެފްއޭއޭއަށް 12.5 ބިލިއަން ޑޮލަރު ދީފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލާއި އެއާޕޯޓްތަކަށް އިތުރު 50 ބިލިއަން ޑޮލަރު ދިނުމަށް ޑަފީ ވަނީ އެދިފައެވެ.

މޫސުމާއި އެހެނިހެން މުހިންމު މައުލޫމާތު ރައްކާކުރުމަށް 400 އަށްވުރެ ގިނަ އެއާ ޓްރެފިކް ކޮންޓްރޯލް މަރުކަޒުތަކުގައި ބޭނުންކުރާ ބާވެފައިވާ ފްލޮޕީ ޑިސްކްތައް 2028 ވަނަ އަހަރުގެ ނިޔަލަށް ބަދަލުކުރާނެ ކަމަށް އެފްއޭއޭ އިން ބުނީ ހަމަ މިދިޔަ ހަފުތާގައެވެ.

އެފްއޭއޭ އިން އަދިވެސް ބަރޯސާވަމުންދަނީ އެތައް އަހަރެއް ވެފައިވާ ކޮމްޕެކް ކޮމްޕިއުޓަރުތަކާއި އީބޭ އިން ގަންނަ ބަދަލު ކުރާ ސްޕެއާ ޕާޓްސްތަކަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް ފިލަޑެލްފިއާގެ އެއާ ޓްރެފިކް މަރުކަޒެއްގެ ސާކިޓެއް ފެއިލްވުމާއި ނިއު ޖާޒީގައި ކޮންސްޓްރަކްޝަން ޓީމަކުން އޮޅިގެން ފައިބަރު-އޮޕްޓިކް ކޭބަލެއް ބުރިކޮށްލުމުގެ ސަބަބުން އުތުރުއިރުމަތީ ސަރަހައްދުގެ އެތައް ހާސް ފްލައިޓްތަކެއް ލަސްވެ ނުވަތަ ކެންސަލް ވިއެވެ.

މަތިންދާބޯޓުތައް ޓްރެކް ކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލަރުން ކަރުދާސް ފްލައިޓް ސްޓްރިޕް ބޭނުންކުރާ ޒަމާންވީ އާދަ ނިމުމަކަށް ގެނައުމަށް އެފްއޭއޭ އިން އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުންދާއިރު، 2022 ގައި ފެށި އެ ބަދަލު ބޮޑެތި 49 އެއާޕޯޓެއްގައި ތަންފީޒުކޮށް ނިމޭނީ މަދުވެގެން 2028 ވަނަ އަހަރު ކަމަށް ލަފާކުރެވެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޕާޓީގެ މެންބަރުންވެސް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށާއި ނިޒާމު ޒަމާނީ ކުރުމަށް ކުރިން ދިން ފައިސާ ބޭނުންކުރި ގޮތް ބެލުމަށް ގޮވާލާފައިވާއިރު، އާދީއްތަ ދުވަހުގެ ނިޔަލަށް ފްލައިޓްތަކުގެ ތާވަލު އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް އެފްއޭއޭ އިން އުންމީދު ކުރެއެވެ.