ފަރަންސޭސިވިލާތުގެ މުޒާހަރާތައް ހޫނުވެ، ފުލުހުން ބާރުގެ ބޭނުންކުރުން އިތުރުވެއްޖެ
ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށްވުމާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ކުރަމުންދާ ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތުގެ ސްކޫލްތަކުގެ ހާލަތު ދަށްވުމާ ގުޅިގެން ދަރިވަރުން ފެށި ކުދި މުޒާހަރާތައް ވަނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު މުޅި ގައުމަށް ފެތުރި ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެ ދުވަހު ޕެރިހާއި މާސޭ އަދި ލިޔޯން ފަދަ ބޮޑެތި ސިޓީތަކުގެ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ފުލުހުންގެ އަތުން ގެއްލި، 3،000 އަށްވުރެ ގިނަ ފިހާރަތައް ލޫޓުވައި ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
ފަރަންސޭސި ސަރުކާރުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުންތަކާއި ލޫޓުވުންތަކުގެ ފަހަތުގައި ތިބީ ވާތުފިޔައިގެ ހަރުކަށި ފިކުރުގެ މީހުންނާއި ކުށްވެރިންނެވެ. ނަމަވެސް ސުލްހަވެރި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، ގިނަ އަދަދެއްގެ ކުޑަކުދިން ހައްޔަރުކުރުމުގެ ސަބަބުން އާންމުންގެ ނުރުހުން ސަރުކާރަށް އިތުރަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
Ads by BMLމުޒާހަރާތަކުގައި ފުލުހުން ބޭނުންކުރި ސްޓަން ގްރެނޭޑާއި މުގުރުބުރީގެ ހަމަލާތަކުގައި ބައެއް ޒުވާނުންގެ އަތް ބުރިވެ، ލޮލަށް އަނިޔާވެ ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި ސްކޫލްތައް ބަންދުކޮށްގެން ކުރިއަށްގެންދިޔަ އިހުތިޖާޖުތަކުގައި 7،000 އާ ގާތްކުރާ އަދަދަކަށް ކުޑަކުދިން ހައްޔަރުކުރުމުން އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ފަރަންސޭސި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އޮކްޓޯބަރު 17 ގެ ހަމަނުޖެހުންތަކުގައި ލިމޯޖް ސިޓީ ހޯލްގައި ރޯކޮށްލާފައިވާއިރު، މާސޭގެ ސިޓީ ހޯލަށް ވަދެ ތަކެއްޗަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވެއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 4،900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާން ފިރިހެނުން ކަމަށް ޖަސްޓިސް މިނިސްޓަރު ޖެރާލްޑް ޑާމަނިން ވިދާޅުވިއެވެ.
ފަރަންސޭސި ދާޚިލީ ވަޒީރު ލޯރެންޓް ނޫނޭޒް ވިދާޅުވީ އޮކްޓޯބަރު 17 ގެ ހަމަނުޖެހުންތައް އެހާ ބޮޑަށް ފުޅާވެގެންދާނެ ކަމަށް ސަލާމަތީ ބާރުތަކަށް އަންދާޒާ ނުކުރެވުނު ކަމަށާއި، އޭގެ ފަހުން އަމަން ބެލެހެއްޓުމަށް 70،000 ފުލުހުންނާއި ޖެންޑާމުން ނެރެފައިވާ ކަމަށެވެ. އަދި ފުލުހުން އާންމުންނަށް އަނިޔާކުރި ކަމަށް ބުނާ 161 މައްސަލައެއް އެތެރޭގެ ތަހުގީގީ އިދާރާތަކުން ބަލަމުންދާ ކަމަށްވެސް ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާ ރައީސް އެމަނުއެލް މެކްރޮން ވަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާނެ ކަމަށާއި ނަމަވެސް ގައުމުގެ އަމަންއަމާންކަން ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ވަނީ އެންމެ ކުޑަ އުޖޫރަ ބޮޑުކުރުން އަވަސްކުރުމަށާއި ތައުލީމީ ދާއިރާ ރަނގަޅުކުރުމަށް ހުށަހަޅާފައިވީ ނަމަވެސް، އެއީ އެކަށީގެންވާ ފިޔަވަޅުތަކެއް ނޫން ކަމަށް ބުނެ ޔޫނިއަންތަކާއި ދަރިވަރުން ދަނީ މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ.
Ads by MACL
