ޣައްޒާގެ ކެތޮލިކް ޗާޗަކަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އިޓަލީން އިސްރާއީލަށް ފާޑުކިޔައިފި
ޣައްޒާގައި ހުންނަ ކެތޮލިކް ޗާޗަކަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ، ބުރާސްފަތި ދުވަހު، ވަރަށް ހަރުކަށި އިބާރާތުން އެ ހަމަލާ ކުށްވެރިކުރައްވައިފި އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާގައި ދެ އަންހެނަކު ވަނީ މަރުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މެލޯނީ ވިދާޅުވީ، އިސްރާއީލުގެ ހަމަލާތައް ޣައްޒާގެ "ހޯލީ ފެމިލީ ޗާޗް" އަށް ވެސް އަމާޒުވެފައިވާ ކަމަށާއި، އިސްރާއީލުން އެތައް މަހެއް ވަންދެން އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއްވެސް އަސްކަރީ ހަރަކާތެއްގެ ދަށުން އިސްރާއީލުގެ އަމަލުތައް ގަބޫލުކުރެވޭނެ ޖާގައެއް ނެތް،" މެލޯނީ ވިދާޅުވި އެވެ.
Ads by BMLއިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖާނީ ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ "ނަޞާރާއިން އަޅުކަންކުރާ ތަނަކަށް ދިން ވަރަށް ނުރައްކާތެރި ހަމަލާއެއް" ކަމަށާއި، މިއީ ހަމަލާތައް ހުއްޓާލައި، ސުލްޙަ ޤާއިމުކުރަންވީ ވަގުތު ކަމަށެވެ.
"އިސްރާއީލުގެ ސިފައިން ޣައްޒާގެ އާންމު ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް ދެން ބަލައިނުގަނެވޭނެ،" ޓަޖާނީ އެކްސްގައި ލިޔުއްވާފައިވެ އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ ކުށެއްނެތް 58،000 އަށްވުރެ ގިނަމީހުން ވަނީ ޝަހީދުކޮށްލާފައެވެ.
Ads by MACL
