ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރަ: ޕަންޖާބު ޕްރޮވިންސުން އެކަނި 24 ގަޑިއިރުތެރޭ 63 މަރު

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން -- ފޮޓޯ: ރޮއިޓާސް
މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން -- ފޮޓޯ: ރޮއިޓާސް

ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ޕަންޖާބު ޕްރޮވިންސުން އެކަނި 24 ގަޑިއިރުތެރޭ 63 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބަށް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެހުނު ރެކޯޑް އަދަދެއްގެ ބޯ ވިއްސާރައިގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާގައި މަދުވެގެން 63 މީހަކު މަރުވެ، 300 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ގިނަ މީހުންގެ ފުރާނަ ގެއްލިފައިވަނީ ފެންބޮޑުވުމުގެ ތެރޭގައި ގެތަކުގެ ފުރާޅުތައް ދަށުވެގެންނެވެ.

މި ފަހުގެ ވިއްސާރައިގެ ހާދިސާތަކާއެކު، ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނުން މޫސުމީ ވިއްސާރައިގައި މަރުވި މީހުންގެ ޖުމްލަ ވަނީ 159 އަށް އަރާފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނާ ގޮތުގައި މި މުއްދަތުގެ ތެރޭގައި 1،000 އަށްވުރެ ގިނަ ގެއަށް ވަނީ ގެއްލުންވެފައެވެ. ހަމައެކަނި ޕަންޖާބު ޕްރޮވިންސުން ވެސް 103 މަރު ރިޕޯޓްކޮށްފައިވެއެވެ.

ވިއްސާރައިގެ ސަބަބުން ލާހޯރު، ފައިސަލްއާބާދު، އަދި އޮކާރާ ފަދަ ސިޓީތަކާއި އަވަށްތަކުގައި ވަނީ ފެންބޮޑުވެ، މަގުތައް ކޯރުތަކަކަށް ބަދަލުވެފައެވެ. ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން ބޯޓުތައް ބޭނުންކުރަމުން އަންނައިރު، މަންޒަރުތައް ވަރަށް ހިތްދަތި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުރާޅުތަކުގެ މައްޗަށް އަރައިގެން އަންހެނުން ސަލާމަތަށް އެދި އަތް ހޫރަމުން ދިޔަ އިރު، ކުޑަކުދިންގެ ރުއިމާއި ހަޅޭކުގެ އަޑު އިވިފައިވެއެވެ. ރާވަލްޕިންޑީގައި ހާލަތު ގޯސްވުމުގެ ސަބަބުން ސަރުކާރުން ވަނީ ބުރާސްފަތި ދުވަސް އާންމު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މި އަހަރުގެ ވިއްސާރައަކީ އާދަޔާޚިލާފު ބާރުގަދަ ވިއްސާރައެއްކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް، ޕަންޖާބުގެ ވެރިރަށް ލާހޯރަށް ވަނީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި ނުވެހޭހާ ގިނައިން ވާރޭ ވެހިފައެވެ.

މި ހާދިސާތައް މި ކުރިމަތިވީ، ޕާކިސްތާނުގެ ތާރީޚުގައިވެސް އެންމެ ބޮޑު އެއް ފެންބޮޑުވުމުގެ ކާރިސާ ކަމަށްވާ 2022 ވަނަ އަހަރުގެ ފެންބޮޑުވުމުގެ ގެއްލުންތަކުން އެ ގައުމު އަދިވެސް އަރައިނުގަނެވިފައި ވަނިކޮށެވެ. އެ ކާރިސާގައި 33 މިލިއަން މީހުންނަށް އަސަރުކޮށް، 1،700 އަށްވުރެ ގިނަ މީހުން މަރުވެ، 30 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.