ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނާރުތަކުގައި ލޭގަނޑުވާ ބައްޔެއް ޓްރަމްޕަށް ޖެހިއްޖެ

ޓްރަމްގެ އަތުގައި ނޫފާގެންފައިވާ ތަންތަން ހުރިކަމަށް ފޮޓޯތަކުން ދައްކާ -- ފޮޓޯ: އަލްޖަޒީރާ
ޓްރަމްގެ އަތުގައި ނޫފާގެންފައިވާ ތަންތަން ހުރިކަމަށް ފޮޓޯތަކުން ދައްކާ -- ފޮޓޯ: އަލްޖަޒީރާ

ލޭނާރުތަކަށް ޖެހޭ ލޭގަނޑުވާ ބައްޔެއް ކަމަށްވާ "ކްރޮނިކް ވީނަސް އިންފިޝިއެންސީ" ޓްރަމްޕަށް ޖެހިފައިވާކަން ވައިޓްހައުސް އިން ކަށަވަރު ކޮށްދީފިއެވެ.

ފަހަކަށް އައިސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްހީ ހާލަތާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ވައިޓް ހައުސްއިން ޖަވާބު ދީފައިވާއިރު، އޭނާގެ ފައި ދުޅަވެ، އަތުގައި ނޫފައިގެންފައިވާ ތަންތަން ހުރުމުން، ލޭނާރުތަކާ ގުޅުން ހުރި ބައްޔެއް ޖެހިފައިވާ ކަމަށް ވަނީ ބެލެވިފައެވެ.


ވައިޓް ހައުސްއިން ވަނީ އެއީ "ކްރޮނިކް ވީނަސް އިންސަފިޝިއެންސީ" ކަމަށާއި، އެއީ ފަރުވާ ނުކޮށްފިނަމަ ހަމުގެ ފާރު އުފެދުމާއި ލޭ ގަނޑުވުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ބައްޔެއްކަން ކަށަވަރު ކޮށްދީފައެވެ. 


ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ، ޓްރަމްޕްގެ ފަރާތުން "ޑީޕް ވެއިން ތްރޮމްބޯސިސް" ފަދަ އިތުރު ނުރައްކަލެއްގެ އަލާމާތެއް ފެނިފައިނުވި ނަމަވެސް، މި ހާލަތަކީ އޭނާގެ ސިއްހަތާ މެދު ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ.


ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓްރަމްޕަށް ދިމާވެފައިވަނީ ލޭނާރުތަކަށް ގެއްލުންވެ، ލޭ ރަނގަޅަށް ދައުރުނުވުމުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް، މިއީ "ނުރައްކާތެރި ބައްޔެއް ނޫން" ކަމަށާއި، އުމުރުން 70 އަހަރުން މަތީގެ މީހުންގެ މެދުގައި އާންމު "ނުރައްކާކުޑަ" ހާލަތެއް ކަމަށް ޓްރަމްޕްގެ ޑޮކްޓަރުގެ ސިޓީއާ ހަވާލާދީ ލެވިޓް ވިދާޅުވިއެވެ.


ތަރުޖަމާނު ވަނީ، އާންމުން ކަންބޮޑުވާ ފަދަ "ޑީޕް ވެއިން ތްރޮމްބޯސިސް" ނުވަތަ "އާޓެރިއަލް ޑިޒީސް" ފަދަ ސީރިއަސް މައްސަލައެއްގެ "އެއްވެސް ހެއްކެއް ނެތް" ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޓްރަމްޕްގެ ހުރިހާ ޓެސްޓަންގެ އުމުރާއި ސިއްހީ ހާލަތު އިންތިޚާބީ ކެމްޕޭނުގައި ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ޓްރަމްޕްގެ އަމިއްލަ ސިއްހީ ހާލަތު މިވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ޚާއްސަކޮށް، އުމުރުން 70 އަހަރުން މަތީގެ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ބުނެފައިވުމަކީ ޓްރަމްޕްގެ އުމުރުފުޅާ ގުޅިފައިވާ ކަންބޮޑުވުމެކެވެ.


ޓްރަމްޕްގެ އަތުގައިވާ ނޫފައިގެންފައިވާ ތަންތަނާ ގުޅިގެން ލެވިޓް ވިދާޅުވީ، އެއީ ގިނައިން އަތާ އަތްޖޯޑު ކުރުމުންނާއި، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބޭނުންކުރާ އެސްޕިރިންގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.


މި ހާމަކުރުންތަކާ އެކު، އެމެރިކާގެ ތާރީޚުގައި އެންމެ ދޮށީ ރައީސްގެ ސިއްހީ ހާލަތާއި، މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގެ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، ވައިޓް ހައުސްއިންބުނީ ޓްރަމްޕްގެ ޓެސްޓްތަކުގެ ނަތީޖާ "ނޯމަލް" ކަމަށާއި، ހިތުގެ މަސައްކަތާއި ގުރުދާގެ ހާލަތު ރަނގަޅު ކަމަށްވެސް ފާހަގަކުރެއްވިފައިވާ ކަމަށެވެ.