ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ގޯހުން ގޯހަށް، ހަތަރު މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ!

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އަލްޖަޒީރާ
ހަމަނުޖެހުން ކޮންޓްރޯލް ކުރަން ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އަލްޖަޒީރާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސިޔާސީ ބާރުވެރިކަން ވަރުގަދަ ސަރަހައްދެއް ކަމަށްވާ ގޯޕާލްގަންޖްގައި، އިދިކޮޅު ސިޔާސީ ޕާޓީއަކުން ބޭއްވި ރެލީއެއްގައި ހިނގި ވަރުގަދަ ހަމަނުޖެހުންތަކެއްގައި މަދުވެގެން ހަތަރު މީހުން މަރުވެ، ފުލުހުންނާއި އާންމުންގެ 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މި ހަމަނުޖެހުންތައް ހިނގާފައިވަނީ ބުދަ ދުވަހު، ޝެއިޚް ހަސީނާގެ އަވާމީ ލީގް ޕާޓީގެ ސަޕޯޓަރުންނާއި، މިދިޔަ އަހަރުގެ އިންގިލާބުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުން އުފައްދާފައިވާ އާ ސިޔާސީ ޕާޓީ، ނޭޝަނަލް ސިޓިޒަން ޕާޓީ (އެން.ސީ.ޕީ) ގެ ސަޕޯޓަރުންނާ ދެމެދުގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ހަމަނުޖެހުން ފެށުނީ އެން.ސީ.ޕީ އިން "ޤައުމު އަލުން ބިނާކުރުމުގެ ހިނގާލުން" (March to Rebuild the Nation) ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނުގެ ރެލީއަށް އަވާމީ ލީގުގެ ސަޕޯޓަރުން ހަތިޔާރު ހިފައިގެން ވަދެ ހަމަލާ ދިނުމުންނެވެ. ގޯޕާލްގަންޖަކީ ޝެއިޚް ހަސީނާގެ އުފަން ރަށް އަދި އަވާމީ ލީގުގެ ވަރުގަދަ ސަޕޯޓެއް އޮންނަ ސަރަހައްދަކަށް ވުމުން، އެން.ސީ.ޕީގެ ރެލީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.

މި ހަމަނުޖެހުންތަކުގައި މަރުވި ހަތަރު މީހުންނަކީ ވެސް އެން.ސީ.ޕީގެ ސަޕޯޓަރުންނެވެ. ޒަޚަމްވި މީހުންގެ ތެރެއިން އަށް މީހަކަށް ބަޑީގެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު، މަދުވެގެން 10 ފުލުހަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ގޯޕާލްގަންޖް ސަރަހައްދުގައި ކާފިއު އިއުލާންކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި މަތީ ފެންވަރުގެ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

އެން.ސީ.ޕީ އަކީ މިދިޔަ އަހަރު ޝެއިޚް ހަސީނާގެ 15 އަހަރުވީ ވެރިކަން، ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކަކުން ބަދަލުކުރުމަށްފަހު އުފެދުނު ޕާޓީއެކެވެ. މި ހަމަނުޖެހުންތަކުން ދައްކުވައިދެނީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި ސިޔާސީ ނުފޫޒު އޮތް މިންވަރާއި، ކުރީގެ ވެރިކަމުގެ ނުފޫޒާއި އާ ސިޔާސީ ބާރުތަކުގެ ދެމެދުގައި އުފެދިފައިވާ ހަލަބޮލިކަމެވެ.

މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރަށް ޤައުމުގައި ހަމަޖެހުން ގާއިމުކޮށް، މިފަދަ ހާދިސާތައް ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން މިކަމުން ހާމަވެއެވެ. ސިޔާސީ ހަރަކާތްތެރިން ބުނާ ގޮތުގައި، މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމު އިތުރު ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.