ސޫރިޔާ އާއި އިޒްރޭލްއާ ދެމެދު ހަމަލާ ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާއިން ބުނެފި
ސޫރިޔާ އާއި އިޒްރޭލްއާ ދެމެދު ހަމަލާ ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބެރެކް ހޮނިހިރު ދުވަހުގެ ފަތިހު އިއުލާނު ކުރައްވާފައިވާ ގޮތުގައި، ސޫރިޔާ އާއި އިޒްރޭލްއާ ދެމެދު ހަމަލާ ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ. މިއީ ސޫރިޔާގެ ހުޅަނގުދެކުނުގެ ސުވައިދާ ސަރަހައްދުގައި އެތައް ދުވަހެއް ވަންދެން ވައިގެ ހަމަލާތަކާއި ދީނީ ހަމަނުޖެހުންތައް ހިންގާފައި ވާތީ، ދެ ގައުމު ދެމެދު ހަމަޖެހުމެއް ނެތް މާހައުލެއްގައި ގާއިމުވެފައިވާ ވަގުތީ ހަމަހިމޭންކަމެކެވެ.
ބެރެކް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސޫރިޔާ އާއި އިޒްރޭލްއާ ދެމެދު އެއްބަސްވި މި ހަމަލާ ހުއްޓާލުން ވޮޝިންޓަންއިން ތާއީދު ކުރާ ކަމަށާއި، ތުރުކީ، އުރުދުން އަދި ސޫރިޔާގެ އަވަށްޓެރިން މިކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
ހަމަލާ ހުއްޓާލުން އިއުލާނު ކުރައްވާފައިވާ ޕޯސްޓުގައި ބެރެކް ވިދާޅުވީ، އެމެރިކާގެ އެދުމަކީ ދުރޫޒު، ބެޑޫއިން އަދި ސުންނީން ހަތިޔާރު ބަހައްޓައި، އެހެނިހެން މަދު ނަސްލުތަކާ ގުޅިގެން، އުފާވެރިކަމާއި ސުލްހައިގައި، އަވަށްޓެރިންނާއެކު އައު އަދި އެކުވެރި ސޫރިޔާގެ އަމިއްލަވަންތަކަމެއް ބިނާކުރުން ކަމަށެވެ.
ސޫރިޔާ ނުވަތަ އިޒްރޭލްގެ ރަސްމީ ފަރާތްތަކުން އަދި މިކަމާބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނަން ހާމަ ނުކުރަން އެދިފައިވާ އިޒްރޭލްގެ ރަސްމީ ބޭފުޅަކު ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވީ، ސޫރިޔާގެ ހުޅަނގު ދެކުނުގައި ކުރިއަށްދާ ހަމަނުޖެހުންތަކަށް ރިއާޔަތްކޮށް، ސުވައިދާ ޑިސްޓްރިކްޓަށް ސޫރިޔާގެ އެތެރޭގެ ސަލާމަތީ ބާރުތައް ވަކި ހުދޫދެއްގެ ތެރޭގައި 48 ގަޑިއިރަށް ވަނުމުގެ ހުއްދަ އިޒްރޭލްއިން ދީފައިވާ ކަމަށެވެ.
މި ބުދަ ދުވަހު އިޒްރޭލްއިން ވަނީ ދިމިސްޤޫގެ ހިތްކަމަށްވާ ސޫރިޔާގެ ދިފާއީ ވުޒާރާއަށް ބަރު ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި އެ ގައުމުގެ ސުވައިދާ ސަރަހައްދުގައި ހަރަކާތްތެރިވާ ސޫރިޔާ ސަރުކާރުގެ ފައުޖުތަކަށްވެސް ހަމަލާ ދީފައިވެއެވެ.
އިޒްރޭލްއިން ބުނާ ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ސޫރިޔާގެ ސުވައިދާގައި ދިރިއުޅޭ ދުރޫޒު މަދު ނަސްލުގެ މީހުން ރައްކާތެރިކުރުމަށެވެ. މި ސަރަހައްދުގައި ދުރޫޒު، ބެޑޫއިން ހަތިޔާރު އެޅި ހަނގުރާމަވެރި ގްރޫޕުތަކާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ނަސްލީ ހަމަނުޖެހުންތައް ހިނގައި، ސަތޭކަޔަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
Ads by BML
Ads by MACL
