ޑޮލީ ޗައިވާލާގެ ފްރެންޗައިޒަށް ބޮޑު ތަރުޙީބެއް: ދެ ދުވަހުން 1600 އެޕްލިކޭޝަން
ނާގްޕޫރުގެ މަޝްހޫރު ޗާ ވިއްކާ، ސުނިލް ޕާޓިލް، ނުވަތަ "ޑޮލީ ޗައިވާލާ" އޭނާގެ "ޑޮލީ ކީ ތަޕްރީ" ބްރޭންޑްގެ ދަށުން ފްރެންޗައިޒް މޮޑެލްއެއް ލޯންޗްކުރުމާއެކު، އާދަޔާޚިލާފު ތަރުޙީބެއް ލިބިއްޖެއެވެ. ފްރެންޗައިޒް ހުޅުވާލިތާ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި 1600 އަށް ވުރެ ގިނަ ފަރާތަކުން އިންވެސްޓްކުރުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
މި ފްރެންޗައިޒްގެ ދަށުން އިންވެސްޓަރުންނަށް ތިން ފުރުސަތެއް ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި 4.5 ލައްކަ ރުފިޔާއިން ފެށިގެން ގަންނަން ލިބޭ "ކާޓް ސްޓޯލް" އާއި، 20 ލައްކަ ރުފިޔާގެ "ސްޓޯރ މޮޑެލް" އަދި 39 ލައްކަ ރުފިޔާއިން ފެށިގެން ގަންނަން ލިބޭ "ފްލެގްޝިޕް ކެފޭ" ހިމެނެއެވެ.
ޑޮލީ ޗައިވާލާ އަކީ ނާގްޕޫރުގެ މަގެއްގެ މަތީގައި ޗާ ވިއްކައިގެން މަޝްހޫރުވި ފަރާތެކެވެ. އޭނާގެ ތަފާތު ސްޓައިލްގެ ސަބަބުން ސޯޝަލް މީޑިއާގައި މަޤުބޫލުވި ޑޮލީ، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރުވެގެން ދިޔައީ މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއަށް ޗާ ހަދައިދިނުމާ ގުޅިގެންނެވެ.
Ads by BML
Ads by MACL
