އުމުރާއަށް މީހުންގެންދިޔަ ހަތް ކުންފުންޏަކާ ދެކޮޅަށް ސައޫދީންފިޔަވަޅު އަޅައިފި
އުމްރާވެރިންނަށް ހިދުމަތްދޭ ހަތް ކުންފުންޏެއްގެ ހުއްދަ، ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާގެ ވުޒާރާއިން، ގަވާއިދާ ހިލާފުވުންތަކެއް ހުރުމުގެ ސަބަބުން ސަސްޕެންޑްކޮށްފިއެވެ. މިކުންފުނިތަކުގެ މައްޗަށް އެޅިފައިވާ އެންމެ ބޮޑު ތުހުމަތަކީ، ހުއްދަ ނެތް އަދި ރައްކާތެރިކަމުގެ ޝަރުތުތައް ފުރިހަމަނުވާ ތަންތަނުގައި އުމްރާވެރިން ބޭތިއްބުމެވެ.
ސައޫދީގެ ހައްޖާއި އުމުރާގެ ކަންކަމާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހިލާފުވުންތަކަކީ އުމްރާވެރިންގެ ރައްކާތެރިކަމާއި ހިތްހަމަޖެހުމަށް ސީދާ ގޮތެއްގައި ނުރައްކާވާފަދަ ކަންކަން ކަމަށާއި، މި ކުންފުނިތަކާ ދެކޮޅަށް ވަގުތުން ގާނޫނީ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
ފިޔަވަޅު އަޅަންޖެހުނު މައިގަނޑު ސަބަބަކީ، ސިވިލް ޑިފެންސްގެ ހުއްދަ ނެތް، އަދި އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް ހުންނަންޖެހޭ ވަސީލަތްތަކާއި ސާފުތާހިރުކަމުގެ އާދައިގެ މިންގަނޑުތައް ފުރިހަމަނުވާ އިމާރާތްތަކުގައި އުމްރާވެރިން ބޭތިއްބުމެވެ. މީގެ އިތުރުން، އެއްބަސްވުންތަކާ ހިލާފަށް ހިދުމަތް ދިނުމާއި، އުމްރާވެރިންނަށް ދޭންޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްނުދިނުންފަދަ ޝަކުވާތައްވެސް މި ކުންފުނިތަކަށް އަމާޒުވެފައިވެއެވެ. މިފަހަކަށް އައިސް މިފަދަ މައްސަލަތަކުގައި ޖުމްލަ 18 ކުންފުންޏަކަށް ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
ހައްޖާއި އުމްރާގެ ވަޒީރު، ޑރ. ތައުފީގް އަލް-ރަބީއާ ވިދާޅުވެފައިވަނީ، އުމްރާވެރިންގެ ކަންކަމުގައި އިހުމާލުވާ ފަރާތްތަކަށް އެއްވެސް މަޢާފެއް ނުދެއްވާނެ ކަމަށާއި، ގެއްލުންވި އުމްރާވެރިން، ހުއްދަ ލިބިފައިވާ ރަނގަޅު ފެންވަރުގެ ތަންތަނަށް ބަދަލުކުރެވި، އެމީހުންގެ ދަތުރުގެ ކަންކަން ރައްކާތެރިކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިފަދަ ކުށްތަކަށް 500،000 ސައުދީ ރިޔާލާ ހަމައަށް ޖޫރިމަނާ ކުރުމާއި، ކުންފުނީގެ ހުއްދަ ބާތިލްކުރުން ފަދަ ހަރުކަށި އަދަބުތައް ކަނޑައެޅިގެންދާނެއެވެ.
ސައުދީ ސަރުކާރުން އަޅަމުންދާ މި ފިޔަވަޅުތަކަކީ، އެގައުމުގެ "ވިޝަން 2030" ގެ ދަށުން ހައްޖާއި އުމްރާގެ ހިދުމަތްތައް ހަރުދަނާކޮށް، އިތުބާރު ހިފޭ، ރައްކާތެރި އަމާން މާހައުލެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ވިޝަންގެ ދަށުން، ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގައި މެނުވީ އުމްރާވެރިންނާއި ހައްޖުވެރިން ބޭތިއްބުމަކީ މަނާކަމެކެވެ.
މިކަން ކަށަވަރު ކުރުމަށްޓަކައި، މައްކާ އާއި މަދީނާގައި 120 އަށްވުރެ ގިނަ އިންސްޕެކްޓަރުން ހަރަކާތްތެރިވަމުން އަންނައިރު، ކުއްލިގޮތަކަށް ތަންތަން ޗެކްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހައްޖާއި އުމްރާގެ ވުޒާރާއިން ވަނީ، ހުރިހާ އުމްރާ ކުންފުނިތަކަށް ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ، އެއްބަސްވެފައިވާ ހިދުމަތްތައް ފެންވަރު ރަނގަޅުކޮށް، ކަނޑައެޅިފައިވާ ވަގުތަށް ފޯރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
ސައުދީ ސަރުކާރުން މި ފިޔަވަޅު އަޅާފައިވާއިރު، ސަސްޕެންޑް ކުރެވުނު ކުންފުނިތަކުގެ ޒަރިއްޔާއިން ތަފާތު ގައުމުތަކުގެ އުމްރާވެރިންނަށް ހިދުމަތްދީފައިވާކަމަށް މައުލޫމަތުލިބެއެވެ. ނަމަވެސް، މި ހަތް ކުންފުނީގެ ތެރޭގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ އެއްވެސް ކުންފުންޏެއް ހިމެނޭކަން ނުވަތަ ނޫންކަން އަދި ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
Ads by MACL
