ބުދަ، 18 ނޮވެމްބަރު 2026
ދީން

އިސްލާމް ދީނުގައި ސިހުރުވެރިޔާގެ ހުކުމް!

އިސްލާމް ދީނުގައި ސިހުރުވެރިޔާގެ ހުކުމް!

ސިހުރަކީ އިންސާނީ ތާރީޙުގެ އެކި ދުވަސްތަރުތަކުގައި، އެކި މުޖުތަމަޢު ތަކުގައި ފެތުރިފައިވާ ނުރައްކާތެރި ކަމެކެވެ.

މި ކުޑަ ކުޑަ މުޖުތަމަޢު ގައި ވެސް ފަންޑިތަ ސިހުރު ވަނީ ޢާއްމު ވެފައެވެ.  ސިހުރުގެ ސަބަބުން އެކަން ކުރާ މީހާއަށާއި، އެކަން ކުރެވޭ މިހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުން ލިބެއެވެ.

މި ކަމުގެ ސަބަބުން ދެ ބައި މީހުންނަށް ވެސް ތަފާތު އެކި ކަހަލަ ނުރައްކާތެރި ބަލި ޖެހި، އާދަޔާހިލާފު ކަންތައްތައް މެދުވެރި ވެއެވެ. 

އާއްމު ގޮތެއްގައި ސިހުރު ހަދަނީ ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ބޭނުމުގައެވެ. އެހެން މީހުންނަށް ލިބޭ ނިޢުމަތްތަކަށް ހަސަދަވެރިވެ، އެމީހަކަށް އެކަންކަން ވިޔަ ނުދިނުމަށެވެ. އަދި އާއިލާތައް ރޫޅާލައި، އެހެން މީހުންގެ އުފާތައް ނެތި ކޮށްލުމަށެވެ.

ސިހުރު މިއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. މި ފަދަ ކަންކަމަކީ ޝިރުކު ކުރުމާއި ގުޅިފައިވާ ކަންކަމެވެ. ޝިރުކު ކުރުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގައި ހިމަނުއްވާފައިވާ ކަމެކެވެ.

އެއީ، ސިހުރުވެރިން އެ މަސައްކަތް ކުރުމަށް ޝައިތާނުންނާއި ޖިންނިންގެ އެހީތެރިކަން ހޯދާތީއެވެ. ސިހުވެރިން ޝައިތާނުންގެ އެހީތެރިކަން ހޯދަނީ މާތްﷲގެ  ކަލިމަފުޅުތަކަށް ހިޔާނާތްތެރި ވެގެންނެވެ.

ސިހުރުވެރިންނަށް މާތް ﷲ ސުބްހާނަހޫ ވަތައާލާގެ ކޯފާއާއި އަޒާބު ހައްޤުވާ ކަމަށް ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމް ގެ ނަބަވީ ސުންނަތުން ވަރަށް ސާފުކޮށް އިގެއެވެ. ސިހުރު ޝިރުކު ތެރޭގައި ހިމެނިފައިވާ އިރު މިކަމުގެ ފާފަ ވަރަށް ބޮޑު ވާނެ ކަމާއި މެދު ޝައްކެއް ނެތެވެ.

ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި ސިހުރުގެ ވާހަކަ އައިސްފައިވެއެވެ. އެ އާޔަތުގެ މާނައިގައިވެއެވެ.

'އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން ތަބަޢަ ވޫއެވެ. ސުލައިމާނުގެފާނު ކާފިރު ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލުގައިވާ ހާރޫތާއި، މާރޫތާއި ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން ތަބަޢަ ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފިރު ނުވާށޭ ވިދާޅުވެ (ނަޞޭޙަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. ﷲގެ އިޛުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.'

އިސްލާމީ އިލްމުވެރިންގެ ބޮޑު އިޖުމާއު އަކުން ކަނޑައަޅުއްވާފައިވާ ގޮތުގައި ސިހުރު ހަދާ މީހާއަކީ މުރުތައްދުވެފައިވާ މީހެކެވެ. އެހެންކަމުން، ސިހުރުވެރިޔާ ކަނޑައަޅުއްވާފައިވާ ޝަރުއީ ޙުކުމަކީ ޤަތުލު ކުރުމެވެ.

 ޙުކުމް ކަނޑައަޅުއްވާފައި ވަނީ މި ކަމުގެ ގެއްލުން ބޮޑު ކަމުންނާއި މުޖުތަމައުގެ މަސްލަހަތު ހިފެހެއްޓުމަށެވެ. ޢުމަރު ބިން ޚައްތާބު ރަޞިއްޔަﷲ ޢަންހުގެ ހަލީފާގައާއި އަދި މި ނޫނަސް ބައެއް ޞަހާބިން ވަނީ މި ހުކުމް ތަންފީޒު ކުރައްވާފައެވެ.

ދިވެހިރައްޖޭގެ ޤާނޫނުލް އުޤޫބާތުގައި ސިހުރު ހެދުމަކީ ކުށެއްކަން ކަނޑައަޅުވާފައި ވެއެވެ.  ޤާނޫނުލް ޤުޤާބޫތު ގައި ބަޔާންކޮށްފައިވަނީ ސިހުރުގެ އަމަލުތައް ހިންގުމާއި، ސިހުރުގެ ދަޢުވާކޮށް މީސްތަކުންނަށް އޮޅުވާލުމަކީ ކުށެއްކަމެށެވެ. އެ ފަރާތެއްގެ ހުކުމަކީ ޖަލު ހުކުން، އަދި ބޮޑު ޖޫރިމާނާއެއް ކަމުގައެވެ. ރާއްޖޭގެ ކޯޓުތަކުން މިފަދަ މައްސަލަތައް ވަރަށް ބޮޑެތި ކަން ކަމުގައި ގޮތުގައި ބަލައި އެކަށީގެންވާ އަދަބު ދެއެވެ. މީގެ އިތުރުން ޤާނޫނު ނަންބަރު 78/74 (ދިވެހިބޭސް ކުރުމާއި ފަންޑިތަ ހެދުމާއި ޙިތާނުކުރުމާއި އަދި ފޫޅުމާކަންކުރުމާއި ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައި ވަނީ ފަންޑިތަ ހެދުން ފަދަ ކަންކަން ކުރަން ވާނީ މިނިސްޓްރީ އޮފް ހެލްތަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް ހަޤީގަތަކީ މިކަމަށް އެދެވޭނެ ހައްލެއް ނުލިބޭ ކަމެވެ. މި ކުޑަ  ކުޑަ ރާއްޖޭގައި ވެސް މިކަން ވަރަށް އާއްމެވެ. ސިހުރުވެރިންގެ ސަބަބުން އެތައް އާއިލާއެއް ވަނީ ރޫޅިފައި އެވެ. އެތައް ފުރާނަ ތަކެއް ވަނީ ވޭން ދެނެވި މަރެއްގައި މަރުވެފަ އެވެ.

އެތައް ބަޔަކު ސިހުވެރިންގެ ނުބައި އަމަލު ތަކުން ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުން އެބަ ދެއެވެ.

މި ނުބައި އަމަލު އަހަރުމެންގެ މުޖުތަމައުން ނައްތާލުމަށް އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަން ޖެހެއެވެ.

ރާއްޖޭގެ ޤާނޫނަށް ބަލާއިރު ސިހުވެރިންނަށް ކަނޑައެޅިފައިވާ އަދަބު ފުދޭ ހެއްޔެވެ؟

މިކަން ހުއްޓުވުމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ އަދަބު ތަންފީޒު ކުރަން ކިހިނެތް ވާނެތޯއެވެ؟