ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދެކުނު އިރުމަތީ އޭޝިއާއަށް ލިބޭ ބޭރުގެ އެހީ އަންނައަހަރު ދެބިލިއަން ޑޮލަރަށްވުރެ ދަށްވާނެ: ރިޕޯޓް

ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަކީ ހުޅަނގުގެ ގައުމުތަކުގެ މާލީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ބައެއް -- ފޮޓޯ: އަލްޖަޒީރާ
ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަކީ ހުޅަނގުގެ ގައުމުތަކުގެ މާލީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ބައެއް -- ފޮޓޯ: އަލްޖަޒީރާ

ހުޅަނގުގެ ސަރުކާރުތަކުން ބޭރުގެ އެހީތައް ކުޑަކުރުމުގެ ސަބަބުން، ދެކުނު އިރުމަތީ އޭޝިއާއަށް ތަރައްޤީއަށްޓަކައި ލިބޭ މާލީ އެހީ 2026 ވަނަ އަހަރު 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދަކުން ދަށްވާނެ ކަމަށް އޮސްޓްރޭލިއާގެ މަޝްހޫރު ތިންކް ޓޭންކެއް ކަމަށްވާ ލޯވީ އިންސްޓިޓިއުޓުން ބުނެފިއެވެ.

ސިޑްނީގައި ޤާއިމްކޮށްފައިވާ މި އިންސްޓިޓިއުޓުން އާދީއްތަ ދުވަހު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު 29 ބިލިއަން ޑޮލަރުގެ އެހީ ލިބުނު ނަމަވެސް، 2026 ވަނަ އަހަރު މި އަދަދު 26.5 ބިލިއަން ޑޮލަރަށް ދަށްވާނެއެވެ. މިއީ ކޮވިޑް-19ގެ ކުރިން އަހަރަކު އެވްރެޖްކޮށް ލިބެމުން އައި 33 ބިލިއަން ޑޮލަރަށްވުރެ އެތައް ބިލިއަން ޑޮލަރެއް ދަށް އަދަދެކެވެ.

މީގެ އިތުރުން، ދެ ޤައުމު ދެމެދުގައި ސީދާ ދެވޭ އެހީ (ބައިލެޓަރަލް ފަންޑިން) ވެސް 2023 ވަނަ އަހަރުގެ 11 ބިލިއަން ޑޮލަރުން 2026 ވަނަ އަހަރަށް 20 އިންސައްތަ ދަށްވެ، 9 ބިލިއަން ޑޮލަރަށް ވެއްޓޭނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
މި ކުޑަކުރުންތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނީ މި ސަރަޙައްދުގެ ފަޤީރު ޤައުމުތަކަށެވެ. "ޚާއްޞަކޮށް ސިއްޙަތާއި، ތަޢުލީމާއި، އަދި މަދަނީ ޖަމިއްޔާތަކަށް އެހީވުން ފަދަ އިޖުތިމާޢީ ދާއިރާތަކަށް އެންމެ ބޮޑު ގެއްލުމެއް ވާނެ،" ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަމުގައި އެންމެ ބޮޑު ހީނަރުކަމެއް ފެނިފައިވަނީ އެމެރިކާގެ އެހީތަކުންނެވެ. އެގޮތުން، މި އަހަރުގެ ކުރީކޮޅު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫސެއިޑް) ހުއްޓާލައި، ބޭރުގެ އެހީގެ ގޮތުގައި ދޭ 60 ބިލިއަން ޑޮލަރު ކުޑަކޮށްފައެވެ. އަދި ފަހުން އެމެރިކާގެ ސެނެޓުން ވަނީ އިތުރު 8 ބިލިއަން ޑޮލަރުގެ ޚަރަދު އަނބުރާ ނެގުމަށް ފިޔަވަޅު އަޅާފައެވެ.

ލޯވީ އިންސްޓިޓިއުޓުން ބުނާ ގޮތުގައި، މި ބަދަލާއެކު ދެކުނު އިރުމަތީ އޭޝިއާގެ ތަރައްޤީގެ މައިދާނުގައި، ޗައިނާ ފަދަ ސަރަޙައްދާ ކައިރި ޤައުމުތަކުގެ ދައުރު އިތުރުވެގެންދާނެއެވެ.

"ދެކުނު އިރުމަތީ އޭޝިއާގެ ތަރައްޤީގެ މާލީ މައިދާނުގެ ނުފޫޒުގެ މަރުކަޒު އިރުމައްޗަށް، ޚާއްޞަކޮށް ބެއިޖިންގއަށް، އަދި ޓޯކިޔޯ އާއި ސޯލްއަށް ބަދަލުވަމުންދާނެ، އެމެރިކާއާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ހީނަރުވުމުގެ ފުރުޞަތާއެކު، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް އެ ޤައުމުތަކުގެ ތަރައްޤީއަށް އެހީތެރިވާނެ ގޮތްތައް މަދުވެގެން ދިއުމުގެ ފުރުޞަތު އެބައޮތް." ރިޕޯޓުގައިވެއެވެ.

ކޮވިޑް-19ގެ ދުވަސްވަރު ޗައިނާއިން ދޭ ތަރައްޤީގެ އެހީ ވަރަށް ބޮޑަށް ދަށްވުމަށްފަހު، މިހާރު އަލުން އެ އެހީ އިތުރުވާން ފަށާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ޗައިނާއިން ދިން އެހީގެ އަދަދު ވަނީ 4.9 ބިލިއަން ޑޮލަރަށް އަރާފައެވެ.