ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސީރިއާގެ ރައީސް ޝަރާއަށް އިތުބާރެއް ނުކުރަން: އިސްރާއީލް

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކެޓްޒް -- ފޮޓޯ: އޭޕީ
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކެޓްޒް -- ފޮޓޯ: އޭޕީ

ސީރިއާގެ އާ ރައީސް އަހުމަދު އަލް-ޝަރާއަށް އިތުބާރު ނުކުރާ ކަމަށާއި، އޭނާ އަކީ "ޖިހާދީ" ގްރޫޕްތައް ބޭނުންކޮށްގެން އިސްރާއީލާ ދެކޮޅަށް ހަމަލާދީފާނެ ބޭފުޅެއް ކަމަށް އިސްރާއީލުން ތުހުމަތު ކޮށްފިއެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކެޓްޒް، އެމެރިކާގެ ސެނެޓަރު ޓެޑް ކްރޫޒް އާ ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ބުނީ، "އިސްރާއީލް ސަރުކާރު ހިމާޔަތް ކުރުމަށް އިތުބާރު ކުރަނީ ހަމައެކަނި އައިޑީއެފް (އިސްރާއީލްގެ ސިފައިން) އަށް" ކަމަށެވެ.

ކެޓްޒް ވަނީ ސީރިއާގެ ކުރީގެ ވެރިން ކަމަށްވާ ހާފިޒް އަލް-އަސަދާއި އޭނާގެ ދަރިކަލުން ބައްޝާރު އަލް-އަސަދަށް ވެސް އިތުބާރު ނުކުރެވުނު ކަމަށާއި، ހަމަ އެ އުސޫލުން ޝަރާއަށް ވެސް އިތުބާރު ނުކުރެވޭ ކަމަށް ބުނެފައެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި، ޝަރާ މިހާރު ސީރިއާގައި ދިރިއުޅޭ ދްރޫޒް ފަދަ އެހެން ދީންތަކުގެ މީހުންނާ ދެކޮޅަށް ޖިހާދީން ހަރަކާތްތެރިކުރުވާ ފަދައިން، މާދަމާ ގޯލާންގެ އުސްބިންތަކުގައި ހުންނަ އިސްރާއީލުގެ އާބާދީތަކާ ދެކޮޅަށް ވެސް އެފަދަ ގްރޫޕްތައް ބޭނުންކޮށްފާނެއެވެ.

1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ވަނީ ސީރިއާގެ ގޯލާންގެ އުސްބިންތަކަށް ގަވާއިދާ ޚިލާފަށް އަރައިގެންފައެވެ.

މިދިޔަ ޑިސެމްބަރު މަހު ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން، އިސްރާއީލުން ވަނީ ސީރިއާގައި ހިންގާ ވައިގެ ހަމަލާތައް އިތުރުކޮށް، 1974 ވަނަ އަހަރުގެ ދެ ގައުމު ދެމެދު އޮތް އެއްބަސްވުން އުވާލާފައެވެ. ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުވުމުން، ޖެނުއަރީ މަހު ޝަރާ އިސްކޮށް ހުންނަވައިގެން ވަނީ އިންތިގާލީ ސަރުކާރެއް އެކުލަވާލާފައެވެ.

މިމަހުގެ 13 ވަނަ ދުވަހު ސުވެއިދާގައި ބަދަވީ އަރަބި ގަބީލާތަކާއި ދްރޫޒް ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އިސްރާއީލުން ވަނީ ދިމިޝްގު ހިމެނޭ ގޮތަށް ސީރިއާގެ ސިފައިންގެ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދީފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި، އެ ހަމަލާތައް ދީފައިވަނީ ދްރޫޒް މުޖުތަމައުތައް ހިމާޔަތް ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، ސީރިއާގެ ދްރޫޒްގެ ގިނަ ލީޑަރުން ވަނީ ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމަށް ނޫނެކޭ ބުނެ، އެއްބައިވަންތަ ސީރިއާ ދައުލަތަކަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

މި ހަމަނުޖެހުންތަކަށްފަހު ސީރިއާގެ ރިޔާސަތުން ވަނީ ސުވެއިދާގައި ވަގުތީ ހަނގުރާމަ ހުއްޓާލުމެއް އިއުލާންކޮށްފައެވެ.