ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެ، މީހުން މަރުވަމުން އެބަދޭ: އޮކްސްފާމް
ޣައްޒާގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި، އެ ސަރަޙައްދުގައި ބަނޑުހައިހޫނުކަން އާންމުވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމިއްޔާ، އޮކްސްފާމުން ބުނެފިއެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޮކްސްފާމުން ބުނީ، ޣައްޒާގައި ހިނގަމުންދާ ކާރިސާއާ ގުޅިގެން އެތައް ފަހަރަކު އަޑުއުފުލާފައިވާނެ ކަމަށާއި، އެހީއަށް އެދި ގޮވާލަމުންދާއިރު އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމުގެ ސަބަބުން، އިންސާނީ އެހީތެރިންގެ އުންމީދުތައް ކެނޑެމުންދާ ކަމަށެވެ.
އޮކްސްފާމުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި މައްސަލަތަކަށް އަލިއަޅުވާލާފައެވެ. ހާއްސަކޮށް، އެކަށީގެންވާ މިންވަރަށް ކާނާ ނުލިބުމާއި، ބޯފެން ތަޣައްޔަރުވުން ފަދަ ކަންކަމުގެ ސަބަބުން، "މިހާތަނަށް ދުވަހަކުވެސް ނުދެކޭ ފަދަ" ހާލަތެއްގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދަތިތައް އިތުރަށް ގޯސްވަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
Ads by BMLމީގެ ކުރިން ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައި ވީނަމަވެސް، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާފައިވެއެވެ. އަދި 140 އަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް ޣައްޒާގެ ހުރިހާ ބޯޑަރެއް ބަންދުކޮށްފައިވުމުގެ ސަބަބުން އިންސާނީ ކާރިސާ އަންނަނީ އިތުރަށް ބޮޑުވަމުންނެވެ.
ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ކާނާ ނުލިބުމުގެ ސަބަބުން އިތުރު 10 މީހަކު ހޮސްޕިޓަލްތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. މިއާއެކު، ބަނޑުހައިހޫނުކަމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 111 އަށް އަރާފައެވެ.
Ads by MACL
