ޔުނެސްކޯއިން އެމެރިކާ ވަކިކުރަން ޓްރަމްޕް ނިންމައިފި
އދ. ގެ ތައުލީމާ، ސައިންސާ އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ)ގެ މެންބަރެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ޖަމިއްޔާއިން ވަކިވާން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
މި ނިންމުން އަންގާރަ ދުވަހު އިއުލާންކޮށްފައިވާއިރު، އެމެރިކާ ޔުނެސްކޯއިން ވަކިވުން އަމަލީ ސިފައެއްގައި ތަންފީޒު ކުރެވޭނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔުނެސްކޯގެ މެންބަރެއްގެ ގޮތުގައި އެމެރިކާ އޮތުމަކީ އެ ގައުމުގެ "ގައުމީ މަސްލަހަތުގައި" އޮތް ކަމެއް ނޫން ކަމަށާއި، އެ ޖަމިއްޔާގެ މަގްސަދުތަކަކީ "ބައިބައިވުން އުފައްދާ" ކަންކަން ކަމަށެވެ.
Ads by BMLއޭނާ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޔުނެސްކޯގައި ފަލަސްތީނު ބައިވެރިވުމާއި، އެ ޖަމިއްޔާގެ ތެރޭގައި "އިސްރާއީލާ ދެކޮޅު ވިސްނުން" ފެތުރެމުންދާ ކަމަށް ތުހުމަތުކުރެވޭ ކަންކަން ހިމެނެއެވެ. ފަލަސްތީނަކީ 2011 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ މެންބަރެކެވެ. ނަމަވެސް އެމެރިކާއިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލެއް ނުކުރެއެވެ.
"ފަލަސްތީނުގެ ދައުލަތް މެންބަރު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ބޮޑެތި މައްސަލަތަކެއް ހުރި، އެމެރިކާގެ ސިޔާސަތާ ޚިލާފު، އަދި ޖަމިއްޔާގެ ތެރޭގައި އިސްރާއީލާ ދެކޮޅު ވާހަކަތައް ގިނަވުމަށް މަގުފަހިކުރި ކަމެއް،" ބްރޫސް ވިދާޅުވިއެވެ.
މީގެ އިތުރުން، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ޔުނެސްކޯއިން ތާއީދުކުރުމަކީ ވެސް އެމެރިކާ ކަންބޮޑުވާ ކަމެއްކަން ބްރޫސް ފާހަގަކުރެއްވިއެވެ. ފަގީރުކަން ކުޑަކުރުމާއި، ޖިންސީ ހަމަހަމަކަން ގާއިމުކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުން ފަދަ ކަންކަން ހިމެނޭ މި ލަނޑުދަނޑިތަކަކީ "ގްލޯބަލިސްޓް، އައިޑިއޮލޮޖިކަލް އެޖެންޑާއެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މިއީ ރައީސް ޓްރަމްޕް އެމެރިކާ ޔުނެސްކޯއިން ވަކިކުރައްވާ ދެވަނަ ފަހަރެވެ. އޭނާގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު ވެސް، އިސްރާއީލާ ދެކޮޅަށް ބޭއިންސާފުކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާ ވަނީ ޔުނެސްކޯއިން ވަކިވެފައެވެ.
އޭގެ ފަހުން، 2023 ވަނަ އަހަރު ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އެމެރިކާ އަލުން ޔުނެސްކޯއާ ގުޅުނެވެ. ނަމަވެސް، ޓްރަމްޕްގެ ދެވަނަ ދައުރު ޖެނުއަރީ މަހު ފެށުމާއެކު، އޭނާ ދަނީ ބައިޑަންގެ ޒަމާނުގެ ނިންމުންތައް ބާތިލްކޮށް، ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓުވަމުންނެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރް ވަނީ އެމެރިކާގެ މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި އޭނާ ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މައިދާނުގައި އިސްރާއީލަށް ލިބެމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. "މިއީ އިންސާފު ގާއިމުކޮށް، އދ. ގެ ނިޒާމުގެ ތެރެއިން އިސްރާއީލަށް ހައްގުވާ އިންސާފުވެރިކަން ހޯދައިދިނުމަށް އެޅި، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޔުނެސްކޯއިން ވަނީ އެ ޖަމިއްޔާއިން އެއްވެސް މެންބަރަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޔުނެސްކޯގެ ޑިރެކްޓަރ-ޖެނެރަލް އޮޑްރޭ އަޒޫލޭ ވިދާޅުވީ، އެމެރިކާގެ ނިންމުމަކީ ކުއްލި ސިހުމެއް ނޫން ކަމަށާއި، ޔުނެސްކޯގެ ދޮރު އެމެރިކާއަށް އަބަދުވެސް ހުޅުވިފައިވާނެ ކަމަށެވެ. އަދި އެމެރިކާގެ އަމިއްލަ ކުންފުނިތަކާއި، އެކަޑަމިކް މުއައްސަސާތަކާއި، ޖަމިއްޔާތަކާ އެކު ޔުނެސްކޯއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޒޫލޭ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން ލިބޭ ފައިސާއަކީ ޔުނެސްކޯގެ ބަޖެޓުގެ އެންމެ 8 އިންސައްތަ ކަމުން، އެމެރިކާ ވަކިވިޔަސް ޔުނެސްކޯގެ މުވައްޒަފުން މަދުކުރާކަށް ނުޖެހޭނެއެވެ.
Ads by MACL
