ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވެ ހަމަލާތައް މެދުކަނޑާލައި ޣައްޒާއަށް އެހީ ވައްދަން ފަށައިފި

މިސްރުގެ މީޑިއާތަކުން އާންމުކުރި މަންޒަރުތަކުން، ޣައްޒާއަށް މިސްރާބު ޖަހާފައިވާ އެހީގެ ޓްރަކްތައް ފެނޭ -- ފޮޓޯ: އިޖިޕްޓިއަންސްޓްރީޓްސް
މިސްރުގެ މީޑިއާތަކުން އާންމުކުރި މަންޒަރުތަކުން، ޣައްޒާއަށް މިސްރާބު ޖަހާފައިވާ އެހީގެ ޓްރަކްތައް ފެނޭ -- ފޮޓޯ: އިޖިޕްޓިއަންސްޓްރީޓްސް

ޣައްޒާގެ މުޅި އާބާދީ ބަނޑަށްޖައްސައި، އިންސާނީ ކާރިސާއެއް އުފައްދަމުންދާތީ ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވުމުން، އިޒްރޭލުން އެންމެ ފަހުން ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ދޭ ހަމަލާތައް ހުއްޓާލަން ނިންމައިފި އެވެ. މި ނިންމުމާ އެކު، މިސްރުގެ މަގުން އެހީގެ ސާމާނު ހިފައިގެން ޓްރަކްތައް ޣައްޒާއަށް ވަންނަން ވަނީ ފަށާފަ އެވެ.

ނަމަވެސް، އެހީގެ ޓްރަކްތަކަށް މިސްރާ ގުޅިފައިވާ ރަފަހް ބޯޑަރުން ސީދާ ޣައްޒާއަށް ވަނުމުގެ މަގު ވަނީ ބަންދުވެފަ އެވެ. ސަބަބަކީ އިޒްރޭލުގެ ހަމަލާތަކުގައި އެ ސަރަހައްދުގެ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމެވެ. އެހެންކަމުން، އެހީގެ ޓްރަކްތައް މިހާރު ޣައްޒާއަށް ވެއްދެނީ، އިޒްރޭލުގެ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައިވާ ކެރެމް ޝަލޯމް (ކަރަމް އަބޫ ސަލީމް) ހުރަސްމަގުންނެވެ. މިއީ ދިގު ދަތުރަކަށް ފަހު، އިޒްރޭލުގެ ހުއްދައާ އެކު ވަދެވޭ މަގެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 8:00 އާ ހަމައަށް މި "ޓެކްޓިކަލް ހަމަލާ މެދުކަނޑާލުން" އޮންނާނެ ކަމަށެވެ. މި ފުރުސަތު ދީފައިވަނީ އެހީގެ ސާމާނު އުފުލުމަށާއި، ބެހުމަށް މަގުފަހިކުރުމަށެވެ.

ހަމަލާ ނުދޭނެ ކަމަށް ބުނާ ސަރަހައްދުތަކުގެ ތެރޭގައި އަލްމަވާސީ، ދީރުލް ބަލަހް އަދި ޣައްޒާ ސިޓީގެ ބައެއް ހިސާބުތައް ހިމެނެ އެވެ. މިއީ އިޒްރޭލު ސިފައިން ބިންމަތީގައި ގާއިމުވެފައި ނުވާ ސަރަހައްދުތަކެއްކަން ފާހަގަކޮށްލެވެ އެވެ.

މިސްރުގެ މީޑިއާތަކުން އާންމުކުރި މަންޒަރުތަކުން، ޣައްޒާއަށް މިސްރާބު ޖަހާފައިވާ އެހީގެ ޓްރަކްތައް ފެނެ އެވެ. އޭގެ ތެރޭގައި މިސްރުގެ ރެޑް ކްރެސެންޓްގެ އެހީގެ ޓްރަކްތަކުގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފޮނުވާފައިވާ އެހީގެ ޓްރަކްތައް ވެސް ހިމެނެ އެވެ. ޔޫއޭއީގެ ޓްރަކްތަކުގައި އެ ގައުމުން ޣައްޒާއަށް ފޯރުކޮށްދޭ ފެނުގެ އެހީގެ ޕްރޮޖެކްޓެއްގެ މައުލޫމާތު ޖަހާފައިވެ އެވެ.

އިޒްރޭލުން މި ފިޔަވަޅު އަޅާފައި މިވަނީ، ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެ، އެތައް ބަޔަކު، ހާއްސަކޮށް ކުޑަކުދިން ބަނޑަށް ޖެހިގެން މަރުވަމުންދާ ކަމުގެ ރިޕޯޓުތައް ގިނަވެ، އިޒްރޭލަށް ކުރިމަތިވި ފާޑުކިޔުންތަކުން ސަލާމަތްވުމުގެ ގޮތުންނެވެ.

އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ވައިގެ މަގުން ކާބޯތަކެތި އެޅުމުގެ ހަރަކާތްތައް ވެސް ބައެއް ގައުމުތަކުން ދަނީ ހިންގަމުންނެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ 21 މަސްދުވަސް ވެފައިވާއިރު، މި ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 70،000 އާ ގާތްކުރާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.