ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާނެކަމަށް ބުނެ އިސްރާއީލުން ޣައްޒާގައި އިތުރު 53 މީހުން ޝަހީދުކޮށްލައިފި
އިންސާނީ އެހީއަށް މަގުފަހިކުރުމުގެ ނަމުގައި ކޮންމެ ދުވަހަކު ދިހަ ގަޑިއިރަށް "ޓެކްޓިކަލް ޕޯސް" އެއް އިއުލާންކުރިތާ ގަޑިއިރުތަކެއް ނުވަނީސް، އިސްރާއީލު ސިފައިން ވަނީ އެއާ ޚިލާފަށް ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ 53 މީހަކު ޝަހީދުކޮށްލާފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިއަދު ޝަހީދުވި މީހުންގެ ތެރޭގައި ކާނެއެއްޗެއް ހޯދުމަށް ކިއު ހަދައިގެން ތިބި 32 މީހުން ހިމެނެއެވެ. މީގެ އިތުރުން، ހަމަލާ ނުދޭނެ ކަމަށް ބުނި ޣައްޒާ ސިޓީގެ އެޕާޓްމަންޓަކަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ މަންމައަކާއި އޭނާގެ ހަތަރު ދަރިން ވެސް ވަނީ ޝަހީދުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ 89 އަށް އަރާއިރު، 374 މީހުން ޒަޚަމްވެފައިވެއެވެ.
އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން، ޔޫއެންއާރްޑަބްލިޔޫއޭގެ ކުރީގެ ތަރުޖަމާން ކްރިސް ގަންނެސް ވަނީ އިސްރާއީލުގެ މި އިއުލާނަކީ އޮޅުވާލުމެއް ކަމަށާއި، އެއީ ނަސްލު ނައްތާލުމުގެ ޖަރީމާތައް ފޮރުވަން ދެއްކި ހުއްޖަތެއް ކަމަށް ސިފަކުރައްވާފައެވެ.
Ads by BML"ޣައްޒާގެ ބޯޑަރުތައް ވަގުތުން ހުޅުވާލައި، 24 ގަޑިއިރު އެއްވެސް ހުއްޓުމެއްނެތި އެހީ ވެއްދުމުގެ ފުރުސަތު ދޭންޖެހޭ،" ގަންނެސް ވިދާޅުވިއެވެ. އޭނާ ވަނީ އިސްރާއީލުން 100 އަށްވުރެ ގިނަ މީހުން ބަނޑަށް މަރާލާފައިވާކަން ހަނދާންކޮށްދެއްވައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިންގާ ބަނޑަށް މެރުމުގެ ސިޔާސަތަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް ގޮވާލައްވާފައެވެ.
ގަންނެސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން އދ. އާއި އެހެނިހެން އެހީގެ އެޖެންސީތަކުގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅަމުން އާދެއެވެ. އެގޮތުން، އެހީގެ ގާފިލާތައް ލަސްކުރުމާއި، މަގު ބަދަލުކުރުމާއި، ގާފިލާތަކަށް ހަމަލާދިނުމުގެ އިތުރުން، ކާބޯތަކެތި ރައްކާކުރާ ގުދަންތަކާއި، ބަހާ މަރުކަޒުތައް ހަލާކުކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކާއި ޖަމާއަތްތަކުން އަންނަނީ އިސްރާއީލުގެ މި ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށާއި، އެހީ ފޯރުކޮށްދިނުމަށް މިއަށްވުރެ ފުޅާ ފުރުސަތުތަކެއް ދޭންޖެހޭ ކަމަށް ބުނަމުންނެވެ. އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ ވިދާޅުވީ އިސްރާއީލުން މި ފިޔަވަޅު އެޅީ "މާ ބޮޑަށް ލަސްވެގެން" ކަމަށާއި، މިކަމުން އެކަނި ޣައްޒާގެ ނިކަމެތި ރައްޔިތުންގެ ބޭނުންތައް ނުފުއްދޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތެއް. ރަހީނުން މިނިވަންކޮށް، އެއްގަމު މަގުން އެއްވެސް ހުރަހެއްނެތި ޣައްޒާއަށް އެހީ ފޯރުކޮށްދެވޭނެ ގޮތެއް،" ލެމީ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަކީ ވަގުތީ ހައްލެއް ނަމަވެސް، ޣައްޒާއަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީ ފޯރުކޮށްދެވޭނެ ހަމައެކަނި ގޮތަކީ އެއްގަމު މަގެވެ.
"އިސްރާއީލުން މިކަންކަން ތަންފީޒުކޮށް، އެހީއަށް ހުރި ހުރަސްތައް ނައްތާލަންޖެހޭ. މުޅި ދުނިޔެ ދަނީ އިސްރާއީލުގެ އަމަލުތަކަށް ބަލަމުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
Ads by MACL
