ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި އިތުރު 14 މީހުން މަރުވެއްޖެ
ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިތުރު 14 މީހުން މަރުވެއްޖެއެވެ. ނަމަވެސް، އޮފިޝަލުން ވިދާޅުވަނީ ބޯޑަރުގެ ހާލަތު މިހާރު "ހަމައަކަށް" އެޅިފައިވާ ކަމަށެވެ.
ތައިލެންޑްގެ ނޫހެއް ކަމަށްވާ ތައި އެންކުއަރާ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ކެމްބޯޑިއާއިން ދިން ހަމަލާތަކުގެ ސަބަބުން މަރުވި ތައިލެންޑް މީހުންގެ އަދަދު 14 އަށް އަރާފައިވާކަން ކަށަވަރުކޮށްދީފައެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ސިފައިންގެ މީހަކު ހިމެނެއެވެ.
މި ހަމަލާތަކުގައި އާންމުންގެ 32 މީހުންނަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން 7 މީހުންގެ ހާލު ވަރަށް ސީރިއަސްއެވެ. މީގެ އިތުރުން، ސިފައިންގެ 14 މީހަކަށް އަނިޔާވެ، 6 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by BMLމި ހަމަނުޖެހުންތައް ހުއްޓުވުމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ތައިލެންޑްގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗަޔާޗައި އަދި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނެޓް އާ ވާހަކަ ދައްކަވާ، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަންވަރު ވިދާޅުވީ، ދެ ގައުމުގެ ފަރާތުން ވެސް އިތުރު ހަމަނުޖެހުންތައް ހުއްޓުވުމަށް "އިޖާބީ ސިގްނަލްތަކެއް" ލިބިފައިވާ ކަމަށެވެ.
ކެމްބޯޑިއާއިން މިހާތަނަށް އެގައުމަށް ލިބުނު ގެއްލުމުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ. ނަމަވެސް، އެގައުމުގެ ނޫހެއް ކަމަށްވާ ޚުމްސް ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި، ތައިލެންޑްގެ ސިފައިން ވަނީ ރޯހިންޖާ މީހުން ދިރިއުޅޭ އަވަށްތަކެއް ހިމެނޭ ގޮތަށް ބައެއް އަވަށްތަކަށް ބޮން އަޅާފައެވެ.
މި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ބޯޑަރު ސަރަޙައްދުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަދި ދެ ފަރާތުން ވެސް ވަނީ ސްކޫލްތައް ބަންދުކޮށްފައެވެ.
ކެމްބޯޑިއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ، ބޯޑަރު ކައިރީގައިވާ ތާ މޮއަން ތޮމް ފައްޅި، ތާ ކްރަބޭ ފައްޅި، އަދި މޮމް ޓެއި ސަރަޙައްދުގެ ކޮންޓްރޯލް ކެމްބޯޑިއާގެ ސިފައިންގެ އަތްދަށުގައިވާ ކަމަށެވެ.
ކެމްބޯޑިއާގެ އިންފޮމޭޝަން މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި، ތައިލެންޑްގެ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ހަމަލާތަކުގެ ސަބަބުން، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ތަނެއް ކަމަށްވާ ޕްރެއަ ވިހިއާ ފައްޅިއަށް ގެއްލުންތަކެއް ލިބިފައިވެއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނެޓް ވިދާޅުވީ "ކެމްބޯޑިއާއިން އަބަދުވެސް އުޅެނީ ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމުގެ އުސޫލުގައި. އެކަމަކު މި ހާލަތުގައި، މިފަދަ ނުރައްކާތެރި ހަމަލާއަކާ ދެކޮޅަށް އަސްކަރީ ބާރުން ރައްދު ދިނުން ނޫން ގޮތެއް ނެތް،" ކަމަށެވެ. އަދި ތައިލެންޑުން "ކުރިއްސުރެ ރާވައިގެން" ދިން މި ހަމަލާ ބަލައިދިނުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މިކަމާ ގުޅިގެން ތައިލެންޑްގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗަޔާޗައި ވިދާޅުވީ، "ތައިލެންޑުން އަދި ކެމްބޯޑިއާއާ ދެކޮޅަށް ހަނގުރާމައެއް އިއުލާނެއް ނުކުރާކަމަށެވެ. މިހިނގަނީ ހަމައެކަނި ކުރިމަތިލުންތަކެއް. ވާހަކަ ދެއްކުމުގެ ކުރިން ހަނގުރާމަ ހުއްޓާލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
ތައިލެންޑްގެ އަސްކަރިއްޔާއިން ބުނީ، ކެމްބޯޑިއާގެ ދެ ޓޭންކު ހަލާކުކޮށްލާފައިވާ ކަމަށާއި، ޕްރެއަ ވިހިއާ ފައްޅި ކައިރީގައިވާ ސަރަޙައްދެއް އަލުން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިފަހަރުގެ ހަމަނުޖެހުން ހިނގާފައިވަނީ، ތައިލެންޑްގެ ސިފައިންގެ މީހެއްގެ ފައި ބިމުގައި ވަޅުލައިފައިވާ މައިނެއްގައި އެޅި ގޮވުމުގެ ސަބަބުން ބުރިވިތާ އެންމެ ދުވަހެއް ފަހުންނެވެ. ތައިލެންޑުން ތުހުމަތުކުރާ ގޮތުގައި، ހަމަނުޖެހުން ފުރަތަމަ ފެށީ ތާ މުއެން ތޮމް ފައްޅި ކައިރީގައިވާ ތައި ސިފައިންގެ މަރުކަޒަކަށް ކެމްބޯޑިއާ ސިފައިން ހަމަލާ ދިނުމުންނެވެ.
މި ދެ ގައުމަކީ އެތައް ޒަމާނެއްވެފައިވާ ބޯޑަރު މައްސަލައެއް އޮންނަ ދެ ގައުމެވެ. އަދި މެއި 28 ވަނަ ދުވަހު ހިނގި ހަމަނުޖެހުމެއްގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވުމަށްފަހު، ދެ ގައުމުގެ ދެމެދުގައިވާ ޑިޕްލޮމެޓިކް ގުޅުންތައް ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ހީނަރުވެފައެވެ.
Ads by MACL
