ޣައްޒާގެ މަންޒަރުތައް ނާޒީ ކޭމްޕުތަކަށްވުރެ ގޯސް: ރައީސް އުރުދުޣާން
އިސްރާއީލުން މަސްތަކެއް ވަންދެން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ބަނޑުހައިހޫނުކަން އިންތިހާއަށް ގޮސްފައިވާ ޣައްޒާގެ މަންޒަރުތައް މިހާރު "ނާޒީންގެ ކޭމްޕުތަކަށްވުރެ ހާލުގޯސް" ކަމަށާއި، މުޅި ދުނިޔެ ބަލަބަލާ ތިއްބާ އެތަނުގެ ރައްޔިތުން ބަނޑަށް ޖައްސައި، ފެނުން މަޙްރޫމް ކުރަމުންދާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ކަޒަކިސްތާނުގެ ރައީސް ކާސިމް-ޖޮމާޓް ޓޮކާޔޭވްއާއެކު އަންކާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ، "ޓެރަރިސްޓް ދައުލަތް ކަމަށްވާ އިސްރާއީލުން ވަނީ 360 އަކަކިލޯމީޓަރުގެ ކުޑަކުޑަ ސަރަޙައްދެއްގައި 22 މަސް ދުވަހު އަޅުގަނޑުމެންގެ ޣައްޒާގެ އަޚުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގައި، އަނިޔާވެރިކަމާއެކު އެމީހުން ޝަހީދުކޮށްފައެވެ."
އެމަނިކުފާނު އިތުރަށް ވިދާޅުވީ، "ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުންކުރުމަކީ، އެމީހުންގެ ކިބައިގައި އެއްވެސް އިންސާނިއްޔަތުކަމެއް ނެތްކަން އެންމެ ސާފުކޮށް ދައްކުވައިދޭ ކަންތަކެވެ."
Ads by BMLޣައްޒާގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރައްވައި، ޒަމީރު ހޭލާފައިވާ ހުރިހާ ޤައުމުތަކާއި، ޚާއްޞަކޮށް އިސްލާމީ އުއްމަތުގެ ޤައުމުތަކުން، އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް އުރުދުޣާން ގޮވާލެއްވިއެވެ. މި ހަމަލާތަކުގެ ސަބަބުން މައުސޫމް ކުޑަކުދިން ބަނޑުހައިހޫނުކަމުގައި ނުވަތަ އިސްރާއީލު ސިފައިންގެ ވަޒަނުން މަރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިކަމުގައި އަޅުގަނޑުމެން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަމުން ގެންދާނަން. ﷲގެ އިރާދަފުޅާއެކު، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގި މީހުން ޤާނޫނާއި ތާރީޚުގެ ކުރިމަތީގައި ޖަވާބުދާރީކުރުވާ ދުވަސްވެސް އަޅުގަނޑުމެންނަށް ފެންނާނެ،" އުރުދުޣާން ވިދާޅުވިއެވެ.
Ads by MACL
