އެމެރިކާއަށް ސުނާމީ އަރައިފި
ރަޝިޔާގެ އިރުމަތީ ސަރަހައްދަށް އައި، ފާއިތުވި 14 އަހަރު ތެރޭގައި އެންމެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް އަރަން ފަށައިފިއެވެ. މިގޮތުން، ކެލިފޯނިއާގެ މޮންޓެރޭގެ އިތުރުން ސަން ފްރެންސިސްކޯ އާއި ސީޓަލް ފަދަ ބޮޑެތި ސިޓީތަކަށް ވެސް ސުނާމީގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެސޯސިއޭޝަނުން (ނޯއާ) އިން ވަނީ ސުނާމީގެ ފުރަތަމަ ރާޅު މޮންޓެރޭގެ އައްސޭރިއަށް އަރާފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ސަރަހައްދުތަކުގެ މީހުން ވަގުތީ ގޮތުން އެހެން ތަންތަނަށް ދިއުމަށް ވަނީ އަންގައިފައެވެ. މިހާތަނަށް ސުނާމީގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by BMLމި ބިންހެލުމާ ގުޅިގެން އެމެރިކާ ހިމެނޭ ގޮތަށް ޖުމްލަ 13 ގައުމަކަށް ސުނާމީގެ އިންޒާރު ވަނީ ދީފައެވެ. އެމެރިކާގެ އިތުރުން ޖަޕާން، ހަވާއީ، އަދި ބިންހެލުން އައި ރަޝިޔާއަށް ވެސް ސުނާމީ އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ސުނާމީ އުފެދެން މެދުވެރިވީ ރަޝިޔާއަށް މިއަދު އައި ސިލްސިލާ ބިންހެލުންތަކާ ގުޅިގެންނެވެ. އެގޮތުން، ފުރަތަމަ އައި ބިންހެލުމުގެ ބާރުމިން 8.8 މެގްނިޓިއުޑަށް އަރާއިރު، މިއީ ފާއިތުވި 14 އަހަރުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މިއަދުގެ މިހާތަނަށް ޖުމްލަ 47 ބިންހެލުން ރަޝިޔާގައި ރެކޯޑް ކުރެވިފައިވެއެވެ.
Ads by MACL
