ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޗައިނާގެ ވެރިރަށް ބެއިޖިންއަށް ބޯކޮށް ވެހުނު ވާރޭގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 60 އަށް އަރައިފި

ވަޔާއެކު އަންނަ ކެރީގެ ސަބަބުން މަގުތަކަށް ނިކުމެއުޅުންވެސްވަނީ ވަރަށް ބޮޑަށް ދަތިވެފައި -- ފޮޓޯ: އަނަޑޯލު
ވަޔާއެކު އަންނަ ކެރީގެ ސަބަބުން މަގުތަކަށް ނިކުމެއުޅުންވެސްވަނީ ވަރަށް ބޮޑަށް ދަތިވެފައި -- ފޮޓޯ: އަނަޑޯލު

ޗައިނާގެ ވެރިރަށް ބެއިޖިންއަށް ބޯކޮށް ވެހުނު ވާރޭގައި ފެންބޮޑުވެ މިހާތަނަށް 60 މީހުން މަރުވެއްޖެއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ބެއިޖިންއަށް ވެހެމުންދާ ވާރޭގެ ސަބަބުން، ފެންބޮޑުވެ، އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ މީހުން ހިމާޔަތް ހޯދުމަށް އެހެން ތަންތަނަށް ވަނީ ބަދަލުކުރަން ޖެހިފައެވެ. މި ހާދިސާގައި މިހާތަނަށް މަދުވެގެން 60 މީހުން މަރުވެފައިވާކަމަށް އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ، ސީޖީޓީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދު ކަމަށްވާ ސަބާބަން މިޠޫން ޑިސްޓްރިކްޓުން 28 މީހުން މަރުވެފައިވެއެވެ. އަދި ޔާންގްޗިން ޑިސްޓްރިކްޓުން ދެ މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ބެއިޖިންއަށް މެދުކެނޑުމެއްނެތި ވެހެމުންދާ ބޯ ވާރޭގެ ސަބަބުން 31 މަގެއް ހަލާކުވެ، 136 އަވަށުން ކަރަންޓު ކެނޑިފައިވެއެވެ. އަދި މުވާސަލާތީ ޚިދުމަތްދޭ ބޭސް ސްޓޭޝަންތަކަށް ގެއްލުންވެ، އަސާސީ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. ބެއިޖިންއަށް އެވްރެޖްކޮށް 165.9 މިލިމީޓަރު (6.53 އިންޗި) ގެ ވާރޭ ވެހިފައިވާއިރު، އެންމެ ބޮޑަށް އަސަރުކުރި މިޠޫންއަށް ރެކޯޑު މިންވަރަކަށް، 543.4 މިލިމީޓަރު (21.39 އިންޗި) ގެ ވާރޭ ވެހިފައިވެއެވެ.

މިހާތަނަށް ޖުމްލަ 80,332 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ. އެންމެ ގިނަ މީހުން ބަދަލުކުރި ސަރަހައްދުތަކުގެ ތެރޭގައި މިޠޫން، ހުއައިރޫ އަދި ފަންގްޝާން ޑިސްޓްރިކްޓް ހިމެނެއެވެ.

ސަރުކާރުން ދަނީ ފެންބޮޑުވުން ކޮންޓްރޯލްކޮށް، ވީއެންމެ އަވަހަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެކަހެރިވެފައިވާ ސަރަހައްދުތަކަށް މުހިންމު ސާމާނު ފޯރުކޮށްދިނުމަށް ޑްރޯން ބޭނުންކުރަމުން އެބަދެއެވެ. ހުއައިރޫ ޑިސްޓްރިކްޓްގެ ލިއުލިމިއާ ޓައުންއަށް އެހީދޭ ޓީމް ތަކުން ވަނީ ފުޅީގައި ހުރި ފެނާއި، ޕާނާއި، ސޮސެޖް ފަދަ 3,000 އަށްވުރެ ގިނަ ޕެކޭޖް ވައިގެމަގުން ފޯރުކޮށްދީފައެވެ.

ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނުން އަންގާރަ ދުވަހު ބުނީ، ބެއިޖިންގެ އެހީތެރިކަމުގެ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން 200 މިލިއަން ޔުއާން (27.9 މިލިއަން ޑޮލަރު) ހަމަޖައްސާފައިވާ ކަމަށެވެ.
މޫސުމާބެހޭ އިދާރާއިން ބުނާގޮތުގައި ޗައިނާއަށް ވެހެމުންދާ މިވާރޭއަކީ، ޗައިނާގެ އުތުރުގެ ސަރަހައްދުތަކަށް އަސަރުކުރި 'ޓައިފޫން ޑޮކްސޫރީ' ގެ ސަބަބުން ވެހެމުންދާ ވާރެއެކެވެ. މިފަހަރު ބެއިޖިންއަށް ވެހުނު ވާރެއަކީ، ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން، ފާއިތުވި 140 އަހަރުގެ ތެރޭގައި އެ ސަރަހައްދަށް ވެހުނު އެންމެ ބޯ ވާރޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.