ސޯޝަލް މީޑިއާގައި ވިޔަފާރި ޕްރޮމޯޓް ކުރާނަމަ ހުއްދަ ނަގަންޖެހޭގޮތަށް ޔޫއޭއީގައި ހަދައިފި
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި، ތިމާ ފުލްޓައިމް އިންފްލުއެންސަރަކަށް ވިޔަސް، ނުވަތަ ދޭތެރެއަކުން ކޮންޓެންޓް ހަދާ މީހަކަށް ވިޔަސް، އެއްވެސް އިސްތިސްނާއެއް ނެތި ސޯޝަލް މީޑިއާގައި ވިޔަފާރިއެއް ޕްރޮމޯޓްކުރާނަމަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި އުސޫލުގެ ދަށުން، އެކުވެރިއެއްގެ ކެފޭއެއް ނުވަތަ ކުޑަ ވިޔަފާރިއެއް އާންމުންނަށް އަންގައިދިނުމުގެ ގޮތުން ޕޯސްޓެއް ހިއްސާކުރި ނަމަވެސް، އެކަމަށް ހާއްސަ ހުއްދައެއް އޮންނަން ޖެހޭނެ އެވެ.
ޔޫއޭއީގެ މީޑިއާ ކައުންސިލުން މި އުސޫލު ތައާރަފްކޮށް، އިންސްޓަގްރާމް، ޓިކްޓޮކް، އަދި ޔޫޓިއުބް ފަދަ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި، ފައިސާގެ މުގާބިލުގައި ނުވަތަ ހިލޭ ކުރާ ކޮންމެ ވިޔަފާރި ޕްރޮމޯޝަނަކަށް "އެޑްވަޓައިޒާ ޕާމިޓް" ނެގުން ވަނީ މަޖުބޫރުކޮށްފަ އެވެ.
Ads by BMLމި ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، އޮޅުވާލައިގެން ކުރާ އިޝްތިހާރުތައް ހުއްޓުވުމާއި، އާންމުންނަށް ފެންނަ ޕްރޮމޯޝަނަލް ކޮންޓެންޓަކީ އިތުބާރު ހުރި އެއްޗަކަށް ހެދުން ހިމެނެ އެވެ. މީގެ އިތުރުން، އުފައްދާ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކޮށް، އިޝްތިހާރާއި އާންމު ޕޯސްޓްތައް އާންމުންނަށް ވަކިކުރަން އެނގޭނެ ގޮތް ހެދުމަކީވެސް ކައުންސިލުގެ އަމާޒެކެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމުގެ ގޮތުން، ހުއްދަ ހޯދުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ. ހިތްވަރު ދިނުމުގެ ގޮތުން، ފުރަތަމަ ތިން އަހަރު ދުވަހު މި ހުއްދަ ހޯދުމަށް އެއްވެސް ފީއެއް ނަގާ ގޮތަކަށް ހަމަޖައްސާފައެއް ނުވެ އެވެ.
Ads by MACL
