އެހީއަށް އެދި ތިބި 15 މީހުންނާއެކު ފަލަސްތީނުގެ 20 މީހުން އިސްރާއީލުން ޝަހީދުކޮށްލައިފި
ޣައްޒާގެ އެކި ހިސާބުތަކަށް އާދިއްތަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކެއްގައި މަދުވެގެން ފަލަސްތީނުގެ 20 މީހުން ޝަހީދުވެއްޖެއެވެ. ސިއްޙީ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޝަހީދުވި މީހުންގެ ތެރޭގައި އިންސާނީ އެހީއަށް އިންތިޒާރުކުރަމުން ދިޔަ 15 މީހުން ހިމެނެއެވެ.
ތަފްސީލްތައް ބުނާ ގޮތުގައި، ޝަހީދުވި މީހުންގެ ތެރެއިން 9 މީހުންނަކީ ރަފަޙްގެ އުތުރުގައި އެހީ ބަހާ މަރުކަޒުތަކެއް ކައިރީގައި ތިބި މީހުންނެވެ. މި މީހުންނަށް ހަމަލާދީފައިވާ ކަމަށް އަނަދޯލު ނޫސް އެޖެންސީއާ ހަވާލާދީ ސިއްޙީ މަސްދަރުތަކުން ބުނެއެވެ.
މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގައިވާ ނެޓްޒަރިމް ކޮރިޑޯ ކައިރީގައި އެހީއަށް އިންތިޒާރުކުރަމުން ދިޔަ ބަޔަކަށް އިސްރާއީލު ސިފައިން ހަމަލާދިނުމުގެ ސަބަބުން ފަލަސްތީނުގެ އިތުރު 6 މީހަކު ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ.
Ads by BMLމި ހަމަލާތަކުގެ އިތުރުން، ޚާން ޔޫނިސްގެ އަލް-އަމަލް އަވަށުގައި، ގެދޮރު ގެއްލިފައިވާ އާންމުންނަށް ހިޔާވަހިކަންދީފައިވާ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު ޝަހީދުވިއެވެ. އަދި ޣައްޒާ ސިޓީގެ ޝުޖާއިއްޔާ އަވަށުގައި އާންމުން އެއްވެފައިވާ ތަނަކަށް އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން އިތުރު ތިން މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by MACL
