މީހަކު މަރަން ދަސްކުރަން ބުޅާ މެރި ދެ ކުދިން ޖަލަށް!
މީހަކު މަރާލުމަށްފަހު ފަޅާނާރާނެ ގޮތްތައް 'ޕްރެކްޓިސް' ކުރުމުގެ ގޮތުން، ދެ ބުޅަލަށް ރަހުމުކުޑަ އަނިޔާތަކެއް ދީ މަރާލި ކަމުގެ ކުށުގައި އިނގިރޭސި ވިލާތުގެ 17 އަހަރުގެ ދެ ކުއްޖަކު ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި، ފިރިހެން ކުއްޖާ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަދި އަންހެން ކުއްޖާ ނުވަ މަސް ދުވަހަށް ޑިޓެންޝަން ސެންޓަރެއްގައި ބެހެއްޓުމަށް އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
މައްސަލަ ބެއްލެވި ޑިސްޓްރިކްޓް ޖަޖް ހީނާ ރާއީ ވިދާޅުވީ، އޭނާގެ ފަނޑިޔާރުކަމުގެ ހަޔާތުގައި މިހާތަނަށް ދުށް ޖަނަވާރަކަށް އަނިޔާކުރުމުގެ އެންމެ ރަހުމުކުޑަ މައްސަލައަކީ މިއީ ކަމަށެވެ.
Ads by BMLމި ކުޑަކުދިންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި ދެ ބުޅާ ފެނިފައިވަނީ ޕާކެއްގެ ތެރޭގައި އައްސާފަ އޮއްވައެވެ. އެ ބުޅާތަކުގެ ބަނޑު ފަޅާލާފައިވާއިރު، ހަށިގަނޑުގެ ބައިތައް ވަނީ ބްލޯޓޯޗެއް ބޭނުންކޮށްގެން އަންދާފައެވެ. ފުލުހުން ވަނީ އެ ސަރަހައްދުން މިކަމަށް ބޭނުންކުރި ވަޅި އާއި ކަތުރު ފަދަ ތަކެތި ހޯދާފައެވެ.
ދައުލަތުން ވަނީ، ފިރިހެން ކުއްޖާގެ ފޯނުން "މީހަކު މަރާލަން ވަރަށް ބޭނުން" ކަމަށާއި، އެފަދަ ކަމެއް ކުރުމަށްފަހު "ސަލާމަތްވާނެ ގޮތް" އޭނާ ރިސާޗްކޮށްފައިވާކަން ދައްކުވައިދޭ ނޯޓެއް ހޯދާފައެވެ. އެ ނޯޓުގައި، މިފަދަ ނުރައްކާތެރި ވިސްނުންތަކުން ދުރުވުމުގެ 'ތެރަޕީއެއް' ގެ ގޮތުގައި ބުޅަލަށް އަނިޔާކުރާ ކަމަށް އޭނާ ލިޔެފައިވެއެވެ.
ގާނޫނީ ގޮތުން ނަން ހާމަނުކުރާ މި ދެ ކުދިންވެސް ވަނީ ޖަނަވާރަށް ގަސްތުގައި އަނިޔާކުރުމުގެ ކުށަށާއި، ވަޅި ގެންގުޅުނުކަމުގެ ކުށަށް އިއުތިރާފްވެފައެވެ. ތަހުގީގަށް ވަނީ އަންހެން ކުއްޖާގެ ފޯނުންވެސް، އަނިޔާކޮށްފައިވާ ބުޅަލުގެ ފޮޓޯތައް ޑައުންލޯޑްކޮށްފައި ހުއްޓާ ފެނިފައެވެ.
ބުޅާ މެރުމުގެ އަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވީ ކޮން ކުއްޖެއްކަން ކަނޑައެޅިގެން ނޭނގުނު ނަމަވެސް، ފަނޑިޔާރު ވަނީ މިއީ ދެ ކުދިން އެއް ހަމައެއްގައި ޒިންމާ ނަގަންޖެހޭނެ އަމަލެއް ކަމަށް ކަނޑައަޅުއްވާފައެވެ.
Ads by MACL
