ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރަޝިއާއާ ވިޔަފާރީގެ ގުޅުންބާއްވާތީ އިންޑިއާގެ މުދަލުން ނަގާ ޓެރިފް އެމެރިކާއިން ދެގުނަކޮށްފި

އިންޑިއާއިންބުނީ އެމެރިކާ ރުޅި އަޔަސް ރަޝިއާއިން ތެޔޮގަތުން ނުހުއްޓާނެކަމަށް ---
އިންޑިއާއިންބުނީ އެމެރިކާ ރުޅި އަޔަސް ރަޝިއާއިން ތެޔޮގަތުން ނުހުއްޓާނެކަމަށް ---

ރަޝިއާއާ ވިޔަފާރީގެ ގުޅުން ބޭއްވުމުގެ ސަބަބުން، އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ދެގުނައަށް ބޮޑުކުރަން އެމެރިކާ ސަރުކާރުން ނިންމައިފި އެވެ. އެގޮތުން، މިހާރު ނަގަމުން އަންނަ ޓެރިފް 50 ޕަސަންޓަށް އިތުރުކޮށްފައިވާއިރު، މިއީ ރަޝިއާގެ ތެލަށް ބަރޯސާވުމުން އިންޑިއާއަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެކެވެ.

އެމެރިކާ ސަރުކާރުން އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު، ކުރިން އިންޑިއާގެ މުދަލުން ނަގަމުން އައީ 25 ޕަސަންޓުގެ ޓެރިފެކެވެ. ނަމަވެސް އާ ނިންމުމާ އެކު، އިތުރު 25 ޕަސަންޓް ވަނީ އިތުރުކޮށް، ޖުމްލަ ޓެރިފް 50 ޕަސަންޓަށް އަރާނެއެވެ. މި ބޮޑު ބަދަލު ތަންފީޒުކުރަން ފެށުމަށް 21 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް އެމެރިކާއިން ބުނެ އެވެ.

ވައިޓް ހައުސްއިން ނެރުނު އަމުރެއްގައި، މި ފިޔަވަޅު އަޅަން ނިންމި ސަބަބު ސާފުކޮށްފައިވެ އެވެ. އެގޮތުން، އިންޑިއާ ސަރުކާރުން ސީދާކޮށް ނުވަތަ ނުސީދާކޮށް ރަޝިއާއިން ތެޔޮ ގަންނަމުންދާކަން އެމެރިކާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާއާއި އެމެރިކާއަކީ ވިޔަފާރީގެ މައިދާނުގައި ވަރަށް ގާތް ދެ ގައުމެވެ. އެހެންކަމުން، އެމެރިކާއިން އަޅާފައިވާ މި ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ވިޔަފާރީގެ ގުޅުންތަކަށް ކުރިއަށް އޮތްތަނުގައި ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.