ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު ގޯސްވެ، އެހީއަށް އެދެމުންދިޔަ 21 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ޒަޚަމް ކޮށްލި މީހަކަށް ޣައްޒާގެ ރައްޔިތުން އެހީތެރިވަނީ --- ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުން ޒަޚަމް ކޮށްލި މީހަކަށް ޣައްޒާގެ ރައްޔިތުން އެހީތެރިވަނީ --- ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު އިތުރަށް ގޯސްވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 11 ފަލަސްތީނުގެ ރައްޔިތަކު މަރުވެއްޖެއެވެ. މީގެ އިތުރުން، އެހީ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ 21 މީހަކު އިސްރާއީލުގެ ހަމަލާތަކެއްގައި ޝަހީދުކޮށްލާފައިވާ ކަމަށް ޞިއްޙީ މަސްދަރުތަކުން ބުނެއެވެ.

ޞިއްޙީ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި ފަހުގެ މަރުތަކާއެކު، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 212 އަށް އަރާފައެވެ.

އިސްރާއީލުން ޣައްޒާ ސިޓީ ހިފައި، އެތަނުގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ދެކުނުގެ "ކޮންސެންޓްރޭޝަން ޒޯން" ތަކަށް ބަދަލުކުރުމަށް ރާވަމުންދާއިރުވެސް، ޣައްޒާ ސިޓީގެ ގިނަ ރައްޔިތުން އަންނަނީ އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށް ދެކޮޅު ހަދަމުންނެވެ.

ޣައްޒާ ސިޓީއަށް އަސްކަރީ ގޮތުން އަރައިގަތުމަށް އިސްރާއީލުން ރާވާފައިވާ ރޭވުމާ ގުޅިގެން، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ)އާއި، ޔޫރަޕުގެ ބައެއް ޤައުމުތަކާއި ޗައިނާ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 61,369 މީހުން ޝަހީދުވެ، 152,850 މީހުން ޒަޚަމްވެފައިވެއެވެ.