ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިމާރާތެއްގެ 18 ވަނަ ފަންގިފިލާއިން ވެއްޓުނު 3 އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ

އިމާރާތެއްގެ 18 ވަނަ ފަންގިފިލާއިން ވެއްޓުނު 3 އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ

ޢިމާރާތެއްގެ 18 ވަނަ ފަންގިފިލާއިން ވެއްޓުނު ތިން އަހަރުގެ ފިރިހެން ކުއްޖަކު، ގަހެއްގެ ސަބަބުން އަޖައިބު ކުރުވަނިވި ގޮތެއްގައި ސަލާމަތްވެއްޖެއެވެ. ޑޮކްޓަރުން މިކަން ސިފަކޮށްފައިވަނީ "ގަބޫލުކުރަން ދަތި ހާދިސާއެއް" ގެ ގޮތުގައެވެ.


މި ހިތްދަތި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ހާއިރު ޗައިނާގެ ޒެޖިއާންގް ޕްރޮވިންސްގެ ހާންގްޒޫގައެވެ. އެވަގުތު އެ ކުއްޖާ ހުރީ އޭނާގެ ކާފަ އާއި މާމަގެ ބެލުމުގެ ދަށުގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ކުއްޖާ ނިދާފައި އޮތް ކަމަށް ހީކޮށް، ކާބޯތަކެތި ގަތުމަށް ކާފަ އާއި މާމަ ބޭރަށް ދިޔައީ، އޭނާގެ ސަލާމަތަށްޓަކައި ބޭރުން ދޮރު ތަޅުލާފައެވެ. ނަމަވެސް، ކުއްޖާއަށް ހޭލެވިގެން ފާޚާނާއަށް ގޮސް، މައްޗަށް އަރާ، ރައްކާތެރިކަމުގެ ގޮތުން އެއްވެސް ދަގަނޑު ހޮޅިއެއް ހަރުކޮށްފައިނުވާ، ހުޅުވާފައި ހުރި ކުޑަދޮރަކުން ބޭރަށް ވެއްޓުނީއެވެ.


ކުއްޖާ ބިންމައްޗަށް ވެއްޓިފައި އޮއްވާ ފުރަތަމަ ފެނުނީ އެ ޢިމާރާތުގައި ދިރިއުޅޭ އެހެން މީހަކަށެވެ. އޭނާ ވަނީ އެ މަންޒަރު ވީޑިއޯކޮށް، އެ އެޕާޓްމަންޓްގެ މެނޭޖްމަންޓް ގްރޫޕުގައި ޕޯސްޓްކޮށްފައެވެ. ކުއްޖާގެ ބައްޕަ، ޒޫ އަށް، އޭނާގެ ދަރިފުޅު ވެއްޓުނުކަން އެނގުނީ އެ މެސެޖު ފެނުމުންނެވެ.


"ފުރަތަމަ އަހަންނަކަށް ގަބޫލެއް ނުކުރެވުނު އޭނާ 18 ވަނަ ފަންގިފިލާއިން ވެއްޓުނު ކަމަކަށް. އެކަން ޔަގީންވީ ސީސީޓީވީ ފުޓޭޖުތައް ފެނުމުން،" ބައްޕަ ބުންޏެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ކުއްޖާ ވެއްޓެމުން ދަނިކޮށް 17 ވަނަ ފަންގިފިލާގެ ހުޅުވިފައި ހުރި ކުޑަދޮރެއްގައި ޖެހި، އޭނާ ވެއްޓުނު މިޞްރާބު ބަދަލުވެ، ސީދާ ކޮންކްރީޓްމައްޗަށް ވެއްޓުމުގެ ބަދަލުގައި ގަހެއްގެ އޮފިތަކުގެ ތެރެއަށް ވެއްޓުނެވެ. އަދި އޭގެ ފަހުން އެގަހުގެ ބުޑު ކައިރީގައި ހެދިފައިހުރި ކުދި ގަސްތަކެއްގެ މައްޗަށް ވެއްޓުނެވެ.


ހޮސްޕިޓަލަށް ގެންދެވުނުއިރު، ކުއްޖާގެ ވާތުގެ ކަށިގަނޑު ބިނދި، ބުރަކައްޓަށާއި އެތެރެހައްޓަށް އަނިޔާވެފައި ވިޔަސް، ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އޭނާ އޮތީ ފުރިހަމަ ހޭވެރިކަމާއެކުގައެވެ. ހޮސްޕިޓަލަށް ގެންދިޔަ ތަނާ، އޭނާ ވަނީ "ބައްޕަ ލައްވާ ކުޅޭ އެއްޗެއް ގަނެދޭށޭ ބުނާށޭ" ބުނެ ޑޮކްޓަރުން ކައިރީގައި އެދިފައެވެ.


މިހާރު ކުއްޖާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ޝުކުރުވެރިކަން އަދާކުރުމުގެ ގޮތުން، އާއިލާއިން ވަނީ ޗައިނާގެ ސަގާފަތުގައި އިއްޒަތާއި ޝުކުރުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ބޮޑު ރަތްމަލެއް، ކުއްޖާގެ ފުރާނަ ސަލާމަތްވުމުގައި މެދުވެރިވި ގަހުގައި އެލުވާފައެވެ.


މިފަދަ ހިތްދަތި ހާދިސާތަކަކީ، ޚާއްޞަކޮށް ޗައިނާ ފަދަ އާބާދީ ބޮޑު، އަދި އުސް ޢިމާރާތްތަކުގައި މިލިއަނުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހިނގާ ކަންކަމެވެ. އާންމު ގޮތެއްގައި މިފަދަ ހާދިސާތައް މެދުވެރިވަނީ، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ކުޑަކުދިން ބެލެހެއްޓުމެއް ނެތި އެކަނިވުމާއި، އުސް ޢިމާރާތްތަކުގެ ކުޑަދޮރުތަކުގައި ރައްކާތެރިކަމުގެ ގޮތުން ހަރުކުރަންޖެހޭ ދަގަނޑު ތޭރި ނުވަތަ "ސޭފްޓީ ގާޑް" ނެތުން ފަދަ ސަބަބުތަކާހުރެއެވެ.