ޓެލެގްރާމާއި ވަޓްސްއެޕް މަނާކުރާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި
ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުގެ އިންޓެލިޖެންސް އެޖެންސީ އިން ވަޓްސްއެޕް އާއި ޓެލެގްރާމް ފަދަ މެސެޖިން އެޕްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނާތީ ވަޓްސްއެޕް އާއި ޓެލެގްރާމް ރަޝިއާގައި މަނާކުރާނެކަމަށް ރަޝިޔާގެ އާރްޓީ ނޫހުން ހާމަކޮށްފިއެވެ.
ޔޫކްރެއިންގެ އެޖެންޓުން މި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީގެ "ވަލުނަރެބިލިޓީ" ތަކުގެ ފައިދާ ނަގައި، ދޮގު އެކައުންޓްތައް ހަދައި، ރަޝިޔާގެ ތެރޭގައި ދޮގު މައުލޫމާތު ފަތުރައި ހަމަނުޖެހުން އުފައްދަމުން އަންނަ ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.
ރަޝިޔާގެ ތަޙުޤީޤުކުރާ ފަރާތްތަކާ ޙަވާލާދީ އާރްޓީން ބުނެފައިވަނީ، ޔޫކްރެއިނުގެ އިންޓެލިޖެންސް އޮފިސަރުންނާއި، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން، މި އެޕްލިކޭޝަންތައް މެދުވެރިކޮށް ލީކުވެފައިވާ އާންމުންގެ އަމިއްލަ މައުލޫމާތުތަކުގެ ޑޭޓާބޭސްތައް ބޭނުންކުރާ ކަމަށެވެ. މި މައުލޫމާތުތަކުގެ އަލީގައި އެމީހުން ރަޝިޔާގެ ތެރެއިން އެޖެންޓުން ރެކްރޫޓްކޮށް، ހަމަލާދޭނެ ފަރާތްތައް ދެނެގަތުމަށް މަސައްކަތް ކުރެއެވެ.
މިދިޔަ މަހު، ރަޝިޔާގެ ސްޓޭޓް ޑޫމާގެ އިންފޮމޭޝަން ޕޮލިސީ ކޮމިޓީގެ ވެރިޔާ، ސަރްގޭ ބޮޔާރްސްކީ ވަނީ، މި ގާނޫނުތަކަށް އިޙްތިރާމް ނުކޮށްފިނަމަ މި ދެ އެޕްލިކޭޝަންވެސް ރަޝިޔާގައި މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ރަޝިޔާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބުނާ ގޮތުގައި، މިފަދަ މައްސަލަތައް ކުރިމަތިވަނީ ހަމައެކަނި ރަޝިޔާއަކަށް ނޫނެވެ. ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ މެމްބަރު ޤައުމުތަކުންވެސް ޓެލެގްރާމް ފަދަ އެޕްތަކުގައި ހައްދުފަހަނَައަޅާފައިވާ ފިކުރު ފަތުރާ މައްސަލަތަކުގައި ރަޝިޔާގެ އެހީއަށް އެދިފައިވެއެވެ.
މިކަމުގެ ހައްލެއްގެ ގޮތުގައި، ރަޝިޔާއިން ދަނީ 'ޑިޖިޓަލް ސޮވެރިންޓީ' ނުވަތަ ޑިޖިޓަލް މިނިވަންކަމަށް ބާރުއަޅައި، ރަޝިޔާގެ ކުންފުނިތަކުން އަމިއްލަ ޕްލެޓްފޯމްތައް ތަރައްޤީކުރުމަށް ހިތްވަރު ދެމުންނެވެ. މިގޮތުން، ރަޝިޔާގެ ޓެކް ކުންފުނި ވީކޭ (VK) އިން ދަނީ 'މެކްސް' ގެ ނަމުގައި ޤައުމީ މެސެޖިން ޕްލެޓްފޯމެއް ތަރައްޤީ ކުރަމުންނެވެ. މިއީ ޗައިނާގެ ވީޗެޓް ފަދަ، އެތައް ޚިދުމަތެއް އެއްތަނަކުން ލިބޭނެ އެޕެއް ކަމަށްވެއެވެ.
Ads by MACL
