ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާ ހިފާނެކަމަށް ނަތަންޔާހޫ ބުނުމާ ގުޅިގެން އިސްރާއީލަށް ފާޑުކިޔުންތައް އަމާޒުވެއްޖެ

ޣައްޒާ ހިފާނެކަމަށް ނަތަންޔާހޫ ބުނުމާ ގުޅިގެން އިސްރާއީލަށް ފާޑުކިޔުންތައް އަމާޒުވެއްޖެ

އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ޣައްޒާ ސިޓީގެ ކޮންޓްރޯލް ހޯދުމުގެ ޕްލޭނެއް ފާސްކޮށް ޣައްޒާ އެއްކޮށް ހިފާނެކަމަށް ނަތަންޔާހޫ ބުނުމާ ގުޅިގެން، އިސްރާއީލުގެ އެތެރެއިންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ގާތްގަނޑަކަށް ދެ އަހަރަށް ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައިގެ ތެރެއިން، ފަލަސްތީނުގެ ބިމުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކުރާނެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


މި ނިންމުމާ ގުޅިގެން، ޔޫރަޕުގެ މުހިންމު އެކުވެރިއެއް ކަމަށްވާ ޖަރުމަނުން ވަނީ ޣައްޒާގައި ބޭނުންކޮށްފާނެ އަސްކަރީ ސާމާނު އިސްރާއީލަށް އެކްސްޕޯޓްކުރުން ހުއްޓާލާނެކަން އިއުލާންކޮށްފައެވެ.


ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އިސްރާއީލަށް ކަނޑައަޅާފައިވާ ސަފީރު، މައިކް ހަކަބީ ވިދާޅުވީ، ބައެއް ޤައުމުތަކުން ހަމާސް ޖަމާއަތަށް ފިއްތުން ކުރިމަތިކުރުމުގެ ބަދަލުގައި ފިއްތުން ކުރިމަތިކުރަމުން ދަނީ އިސްރާއީލަށް ކަމަށެވެ. 2023 ވަނަ އަހަރު ހަމާސް ޖަމާއަތުން ދިން ހަމަލާއަކީ މި ހަނގުރާމަ ފެށެން މެދުވެރިވި ސަބަބުކަން އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ އެތެރޭގައިވެސް މި ނިންމުމާ މެދު ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ މީހުންގެ އާއިލާތަކާއި އިދިކޮޅު ލީޑަރުން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމީހުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ރަހީނުންގެ ފުރާނައަށް ނުރައްކާވާނެއެވެ.

އިދިކޮޅު ލީޑަރު ޔާއިރު ލަޕީދު ވަނީ ޣައްޒާ ސިޓީއަށް އިސްރާއީލު ސިފައިން ފޮނުވުމުގެ ނިންމުމަކީ "ކާރިސާއެއް" ކަމަށާއި، އެއީ އަސްކަރީ އަދި ސަލާމަތީ މާހިރުންގެ ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.


އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ނަތަންޔާހޫއަށް މަޖުބޫރުކޮށް، ރަހީނުންނާއި ސިފައިންގެ މަރަށް މަގުފަހިވާނެ ދިގު ހަނގުރާމައަކަށް ވެއްދީ، ކަނާތު ފިޔައިގެ ވަޒީރުން ކަމަށްވާ އިޓަމާރު ބެން ގްވީރާއި ބެޒަލީލް ސްމޮޓްރިޗްއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ޣައްޒާގެ 75 އިންސައްތަ މިހާރުވެސް އޮތީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައެވެ. އަދި ޣައްޒާ ސިޓީ ހިފައިފިނަމަ، މުޅި ޣައްޒާގެ 85 އިންސައްތަ އިސްރާއީލުގެ ބާރުގެ ދަށަށް ދާނެ ކަމަށް ރިޓަޔަރކުރެއްވި ބްރިގޭޑިއަރ ޖެނެރަލް އަމީރު އަވީވީ ލަފާކުރައްވައެވެ.


މި ހިނގަމުންދާ ހާލަތާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.