ޣައްޒާގައި ޔަހޫދީންގެ ޢުދުވާން ފުޅާކޮށް ޢާއްމުންގެ އިތުރުން ނޫސްވެރިން ޝަހީދުކުރަނީ
ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ހިންގާ ޢުދުވާން އިތުރަށް ފުޅާކުރާނެ ކަމުގެ އިންޒާރު ދިނުމާއެކު، ޔަހޫދީންގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. މި ޢުދުވާން ފުޅާކުރުމުގެ ތެރެއިން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޢާއްމުންނާއި، ޚަބަރު ފަތުރާ ނޫސްވެރިންނަށް އަމާޒުކޮށް ވަނީ ފަހުގެ ހަފްތާތަކުގައި ނުދޭ ފަދަ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކަކީ ޣައްޒާ އެއްކޮށް އިސްތިޢުމާރުކުރުމަށް ޔަހޫދީން އަޅަމުންދާ ފިޔަވަޅުތަކުގެ ސިލްސިލާގެ ބައެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިގޮތުން، ޙަޤީޤަތް ރިޕޯޓްކުރުމުގައި ދެމިތިބި ނޫސްވެރިންނަށް އަމާޒުކޮށް، ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލު ގޯތިތެރޭގައި ތިބި އަލްޖަޒީރާގެ ނޫސްވެރިންގެ ފޭލިގެއަކަށް ވަނީ ވައިގެ ޙަމަލާއެއް ދީފައެވެ. މި ޙަމަލާގައި ނޫސްވެރިޔާ އަނަސް އަލް ޝަރީފް އާއި އިތުރު ހަތަރު ނޫސްވެރިއަކާއި އެހީތެރިއަކު ޝަހީދުކޮށްލާފައިވެއެވެ. ޢުދުވާން ފެށުނު ފަހުން ޖުމްލަ 238 ނޫސްވެރިން ޝަހީދުކޮށްލާފައިވާއިރު، މިއީ އެއް ޙަމަލާއަކުން އެންމެ ގިނަ ނޫސްވެރިން ޝަހީދުވި އެއް ޙާދިސާއެވެ.
ޔަހޫދީންގެ ޙަމަލާތައް ޣައްޒާގެ އިރުމަތީގައިވާ ސަބްރާ، ޒައިތޫން، އަދި ޝަޖާއިޔާ ފަދަ އަވަށްތަކަށް އަމާޒުކޮށްފައިވާއިރު، އެމީހުންގެ ޓޭންކުތަކާއި މަތިންދާބޯޓުތައް މިކަމަށް ބޭނުންކޮށްފައިވެއެވެ. މި ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުތަކުގައި ހިޔާވަހިކަން ހޯދަމުންދިޔަ އެތައް ހާސް ޢާއިލާއެއް ވަނީ ގެދޮރު ދޫކޮށް ޣައްޒާގެ ހުޅަނގަށް ދަތުރުކުރަން މަޖުބޫރުވެފައެވެ.
Ads by BML2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ފެށި މި ނަސްލު ނައްތާލުމުގެ ޢުދުވާނުގައި މިހާތަނަށް 61,430 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސްއަޅާފައިވާތީ، ޣައްޒާގެ ރައްޔިތުން އިންތިހާ ދަރަޖައިގެ ބަނޑުހައިހޫނުކަމެއް ތަޙައްމަލުކުރަމުން އަންނައިރު، ހަމައެކަނި ބަނޑުހައިހޫނުކަމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 100 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި 34 މީހުންގެ ތެރޭގައި، ގޮތް ހުސްވެ އެހީގެ ސާމާނު ހޯދުމަށް މަސައްކަތްކުރަމުން ދިޔަ 12 މީހަކު ހިމެނެއެވެ. ޔަހޫދީންނާއި އެމެރިކާއާ ގުޅުން އޮންނަ ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) މެދުވެރިކޮށް އެހީ ބަހާ މަރުކަޒުތައް ކައިރިން މިހާތަނަށް 1,373 މީހުން ވަނީ ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުކޮށްލާފައެވެ.
Ads by MACL
