ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އަސީރުން މިނިވަންކުރުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމަށް ބުނެ، އިޒްރޭލުގެ ރައްޔިތުން މަގުތަކަށް ނިކުންނަނީ

އިޒްރޭލުން ޣައްޒާގެ ހަމަލާތައް ހުއްޓާނުލައި އިތުރަށް ފުޅާކުރުމާ ދެކޮޅަށް ތެލް އަވީވްގައި މިދިޔަ ހަފްތާގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން ޣައްޒާގެ ހަމަލާތައް ހުއްޓާނުލައި އިތުރަށް ފުޅާކުރުމާ ދެކޮޅަށް ތެލް އަވީވްގައި މިދިޔަ ހަފްތާގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ އަސީރުން މިނިވަންކުރުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމަށް ބުނެ، އިދިކޮޅު ލީޑަރު ޔައިރް ލަޕިޑްގެ އިސްނެންގެވުމާއެކު އަންނަ އާދީއްތަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ގޮވާލައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އަސީރުންނާއި އެމީހުންގެ އާއިލާތަކަށް އެއްބައިވަންތަކަން ފާޅުކޮށް، ސަރުކާރަށް ފިއްތުންތައް އިތުރުކުރުމެވެ.

އިޒްރޭލުގައި ހަފްތާގެ މަސައްކަތް ފަށާ ދުވަސް ކަމަށްވާ އާދީއްތަ ދުވަހު މި މުޒާހަރާ ބޭއްވުމަށް ގޮވާލައްވަމުން ލަޕިޑް ވިދާޅުވީ، މިއީ އަސީރުންގެ އާއިލާތަކުގެ އެދުމަކަށް ވާތީވެސް އެންމެން އެކީގައި މަގުމައްޗަށް ނިކުންނަންވީ ވަގުތު ކަމަށެވެ. އޭނާ ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ. އަދި ޔަހޫދީންގެ އިހުސާސްތައް ވަކި ބަޔަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ބުނެ، ސަރުކާރަށް ވަނީ ފާޑުކިޔާފަ އެވެ.

ލަޕިޑްގެ މި ގޮވާލުން އައީ، ޣައްޒާގައި އަދިވެސް ތިބި އަސީރުންގެ ތެރެއިން ވިއްސަކަށް މީހުންގެ އާއިލާއިން އެކަމަށް އެދިފައި ވަނިކޮށެވެ. އޭގެ ފަހުން، ރަހީނުންނާއި ގެއްލިފައިވާ މީހުންގެ އާއިލާތަކުގެ ފޯރަމް، 'ހޮސްޓެޖަސް އެންޑް މިސިން ފެމިލީސް ފޯރަމް' އިން ވެސް ވަނީ މުޒާހަރާއަށް ތާއީދުކޮށް، "ރަހީނުންނަށްޓަކައި މަގުތަކަށް ނުކުންނަންވީ ވަގުތު ޖެހިއްޖެ" ކަމަށް ބުނެފަ އެވެ.

އެ ފޯރަމުން ވަނީ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން، ޣައްޒާ ހިފުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ބާކީ ތިބި ރަހީނުންތައް ގުރުބާންކުރުމާ އެއްފަދަ ކަމެއް ކަމަށާއި، މިއީ އެއްވެސް އަމާޒެއް ނެތި ދިގުލައިގެންދާ ހަނގުރާމައަކަށް ހަދަމުންދާ ކަމަށް އެ ފޯރަމުން ތުހުމަތުކުރެ އެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އިޒްރޭލުގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަން، ހިސްޓަޑްރޫޓަށް ގޮވާލުމުން އެ ޔޫނިއަނުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ހަމާސް އިން އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާގައި 251 މީހުން އަސީރުކުރި އިރު، އިޒްރޭލު އަސްކަރިއްޔާއިން ބުނާ ގޮތުގައި އޭގެ ތެރެއިން 49 މީހަކު އަދިވެސް ޣައްޒާގައި ތިބިއިރު، 27 މީހަކު ވަނީ މަރުވެފަ އެވެ.