ވިޔަފާރިވެރިންނަށް ލުޔެއް: މާލެއިން ތިލަފުއްޓަށް ކޮންޓެއިނަރު އުފުލާ ރޭޓުތަކަށް އެމްޕީއެލްއިން ބޮޑު ބަދަލެއް ގެނެސްފި
މާލޭ ވިޔަފާރި ބަނދަރުން ތިލަފުށި ކާގޯ ޓާމިނަލަށް ކަނޑުމަގުން ކޮންޓެއިނަރު ގެންދިއުމަށް ނަގާނެ އާ ރޭޓުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކަނޑައަޅައި އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު މާލެއިން ތިލަފުއްޓަށް 20 ފޫޓުގެ ކޮންޓެއިނަރެއް ގެންދިއުމަށް ނަގާނީ 1,500 ރުފިޔާއެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ގެންދިއުމަށް ނަގާނީ 3,000 ރުފިޔާ ކަމަށް އެމްޕީއެލްއިން ވަނީ ކަނޑައަޅާފައެވެ.
Ads by BMLމުދަލާއެކު އެއްކޮށް ކްލިއާކުރާ "ފުލް ކޮންޓެއިނަރ ލޯޑް" (އެފްސީއެލް) ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ތިލަފުށި ކާގޯ ޓާމިނަލަށް ބަދަލުކޮށް، އެ ޓާމިނަލުން އެ ޚިދުމަތް ރަސްމީކޮށް ދޭން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެ ތާރީޚުން ފެށިގެން ނޮވެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ތިލަފުއްޓަށް އެފްސީއެލް ކޮންޓެއިނަރު ގެންދިއުމަށް ނަގަމުން އައިސްފައިވަނީ މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓާމިނަލަށް ކަނޑުމަގުން ކޮންޓެއިނަރު ގެންދިއުމަށް ކަނޑައަޅާފައިވާ ޓެރިފް ރޭޓުތަކެވެ.
އެމްޕީއެލްއިން ވިދާޅުވި ގޮތުގައި، ޓެރިފް ރޭޓުތަކަށް މި ބަދަލު ގެނެސްފައިވަނީ މާލެއާއި ތިލަފުއްޓާ ދެމެދު ހުރި ދުރުމިނަށް ރިއާޔަތްކޮށް، އެ ޚިދުމަތް ހޯދާ ވިޔަފާރިވެރިންނަށާއި އާންމުންނަށް އެކަށީގެންވާ އަގުތަކެއް ކަނޑައެޅުމުގެ މަގުސަދުގައެވެ.
Ads by MACL
