ސޯޝަލް މީޑިއާއިން ރައްޓެހިވެ، ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރި މީހަކު 15 އަހަރަށް ޖަލަށް!
ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޓެހިވި އަންހެން ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ގަދަކަމުން ޖިންސީ ގޯނާކުރި (ރޭޕްކުރި) ކަމުގެ ކުށް ސާބިތުވެ، ލ. މާބައިދޫ، ކަޑުރޯޅި، އިސްމާޢީލް ޖުމާން 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން އިސްމާޢީލް ޖުމާންގެ މައްޗަށް އުފުލި ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 23 މާރިޗު 2022 ވަނަ ދުވަހުގެ ފަތިހު 05:00 އެހައިކަންހާއިރުއެވެ. އެގޮތުން، ފޭސްބުކް މެދުވެރިކޮށް ރައްޓެހިވި އަންހެން ކުއްޖަކު ކ. މާލެ، ހ. ލަންދޫ ގޭގައި ހިންގަމުންދިޔަ "ރިއަލްއިން" ގެސްޓްހައުސްގެ ކޮޓަރިއަކަށް ގެންގޮސް، އޭނާގެ ނުރުހުމުގައި އިސްމާޢީލް ޖުމާން ވަނީ ޖިންސީ އަމަލު ހިންގާފައެވެ.
Ads by BMLޝަރީއަތުގެ މަރުހަލާގައި އިސްމާޢީލް ޖުމާން ވަނީ ދައުލަތުގެ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި އެ އަމަލު ހިންގާފައިވަނީ ދެފަރާތުގެ ރުހުމުގައި ކަމަށް އޭނާ ބުނެފައިވެއެވެ.
ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޑީއެންއޭ ތަހުލީލު ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓުން އެ ދެމެދުގައި ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ކަށަވަރުވެއެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ހަށިގަނޑާއި އަންނައުނުން ނެގުނު ސާމްޕަލްތަކުން އިސްމާޢީލް ޖުމާންގެ ޑީއެންއޭ ފެނިފައިވާކަން ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އަނިޔާ ލިބުނު ފަރާތަށް ޖިންސީ އަނިޔާ ލިބިފައިވާކަން މެޑިކަލް ރިޕޯޓުތަކުން އެނގޭ ކަމަށާއި، އޭނާގެ ކަރުގައި ރަތްވެފައިވާ ނިޝާނެއް ހުރިކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ކޯޓުގެ ހުކުމުގައި ނިންމާފައިވަނީ، ރުހުމުގައި ހިންގާ އަމަލެއްގައި މިފަދަ އަނިޔާތަކެއް ލިބިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އިސްމާޢީލް ޖުމާން އެ ކުށް ކޮށްފައިވަނީ ކުށްކުރުމުގެ ގަސްދު އޮވެގެން، އަނިޔާ ލިބުނު ފަރާތުގެ ނުރުހުމުގައިކަން އެނގިހުރެކަން ޝަރީއަތަށް ސާބިތުވާތީ، އޭނާ 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށެވެ.
Ads by MACL
