ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މަރުގެ އަދަބު ހުއްޓާލުމަށް އދ. އިން ގޮވާލި ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދީފި!



އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، މަރުގެ އަދަބު ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލި ގަރާރާ ދެކޮޅަށް ރާއްޖެ ހިމެނޭހެން 33 ޤައުމަކުން ވަނީ ވޯޓު ދީފައި -- ފޮޓޯ: އޭއެފްޕީ
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، މަރުގެ އަދަބު ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލި ގަރާރާ ދެކޮޅަށް ރާއްޖެ ހިމެނޭހެން 33 ޤައުމަކުން ވަނީ ވޯޓު ދީފައި -- ފޮޓޯ: އޭއެފްޕީ

މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ދިވެހިރާއްޖެއިން ވޯޓު ދީފިއެވެ.

މެކްސިކޯއިން ހުށަހެޅި އެ ގަރާރު ފާސްކުރުމާ މެދު މިދިޔަ ބުރާސްފަތި ދުވަހު އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި، ރާއްޖެ ހިމެނޭހެން 33 ޤައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދިން ނަމަވެސް، 133 ޤައުމުގެ އަޣުލަބިއްޔަތުން އެ ގަރާރު ވަނީ ފާސްވެފައެވެ.

މި ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ވޯޓު ދިން ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ، ޗައިނާ، ޖަޕާން، ޕާކިސްތާން، މިޞްރު، ސަޢޫދީ ޢަރަބިއްޔާ، ބަޙްރައިން، ކުވައިތު، ޢުމާން އަދި ޤަޠަރު ހިމެނެއެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުޅި ދުނިޔޭގައި މަރުގެ އަދަބު ދިނުން މަދުކުރުމުގެ އޮއިވަރެއް އޮތް ނަމަވެސް، ފާއިތުވި އަހަރު އެ އަދަބު ތަންފީޒުކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، މަރުގެ އަދަބު އެއްކޮށް އުވާލުމަށް އަމާޒުކޮށް، އެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށާއި، އެ އަދަބު ހުއްޓާލާފައިވާ ޤައުމުތަކުން އަލުން އެ އަދަބު ތަޢާރަފު ނުކުރުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

މަރުގެ އަދަބު ހުއްޓާލުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދީފައިމިވަނީ، ރާއްޖޭގައި ދަންޖައްސައިގެން މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގައި ދައުލަތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި އެ ބިލުގެ މައިގަނޑު މަޤްޞަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި، އަދަބު ކަނޑައެޅުމުގެ ކުރިން ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުޠުތަކެއް ބަޔާންކުރުމެވެ.

އެ ބިލުގައިވާ ގޮތުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ޙުކުމަކަށް ވާސިލުވެގެން މެނުވީ މަރުގެ އަދަބު ކަނޑައެއް ނޭޅޭނެއެވެ. މީގެ އިތުރުން، ތަޙުޤީޤާއި ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ކުށްވެރިޔާއަށް ފުރިހަމައަށް ލިބިދީފައިވޭތޯ ކޯޓުން ކަށަވަރުކުރަންޖެހޭނެ ކަމަށާއި، އެ ޙައްޤު ފުރިހަމައަށް ލިބިދީފައި ނުވާނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައިގެން ނުވާނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.